ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

ފުރަތަމަ ޑޯޒް ޖެހި 27 ޕަސެންޓް ދެވަނަ ޑޯޒް ނުޖެހި

Jun 23, 2021
4

ކޮވިޝީލްޑް ވެކްސިންގެ ސްޓޮކް މަދުވެ ވެކްސިން ޕްރޮގްރާމް މެދުކަނޑާލަން ޖެހުމުން ފުރަތަމަ ޑޯޒް ޖެހި މީހުންގެ ތެރެއިން ދެ ވަނަ ޑޯޒް ނުޖެހި 27 ޕަސެންޓް މީހުން އެބަ ތިބި ކަމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

ފެބްރުއަރީ ފުރަތަމަ ދުވަހު ފެށި ވެކްސިން ޕްރަގްރާމްގެ ދަށުން އެންމެ ގިނަ ބަޔަކު ޖަހާފައިވަނީ އިންޑިއާގެ އުފެއްދުމެއް ކަމަށްވާ ކޮވިޝީލްޑެވެ. އެ ވެކްސިންގެ 312،000 ޑޯޒް ވެކްސިން ރާއްޖެއަށް ލިބުނެވެ. އެއީ އިންޑިއާއިން ހަދިޔާކުރި 200،000 ޑޯޒް އާއި ދިވެހިން އެ ގައުމުން ގަތް 100،000 ޑޯޒް އާއި ކޮވެކްސް ފެސިލިޓީން ލިބުނު 12،000 ޑޯޒް އެވެ.

އިންޑިއާއިން މެދުނުކެނޑި ވެކްސިން ލިބޭނެ ކަމަށް އެ ގައުމުން ދިން އިތުބާރަށް ބަރޯސާވެގެން ރާއްޖެއިން ވެކްސިން ޕްރަގްރާމް ކުރިއަށް ގެންދިޔައީ ފުރަތަމަ ޑޯޒް ޖަހާ މީހުންނަށް ދެވަނަ ޑޯޒެއް ރިވާޒް ކުރުމެއް ނެތިއެވެ. އެންމެ ފަހުން އިންޑިއާގެ ހާލަތު ވަރަށް ގޯސްވެ ވެކްސިން ލިބުން މުޅީން ހުއްޓުނުއިރު ވެކްސިން ސްޓޮކް ހުސްވެ ދެވަނަ ޑޯޒް ނުޖެހި 100،000 ވުރެ ގިނަ މީހުން އެބަތިއްބެވެ.

ވެކްސިންގެ ދެވަނަ ޑޯޒް ނުޖެހި ތިބި މީހުންގެ އަދަދާއި ގުޅޭގޮތުން އަވަސް އިން ސުވާލު ކުރުމުން އެޗްއީއޯސީގެ ތަރުޖަމާން ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ތެރެއިން ދެވަނަ ޑޯޒަށް މުއްދަތު ހަމަވެ ވެކްސިން ނުޖެހި ތިބި މީހުންގެ ޕަސެންޓޭޖަކީ 27 ޕަސެންޓް ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވައެވެ.

ޓެގް ޓީމުން ކުރީން ނިންމާފައި އޮތީ ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ފުރަތަމަ ޑޯޒް ޖަހާތާ 8 ހަފްތާ ފަހުން ޖަހާ ގޮތަށެވެ. އަދި 12 ހަފްތާ ކުރީން ޖަހަން ޖެހޭނެ ކަމަށެވެ. ނަމަވެސް ވެކްސިން ސްޓޮކް މަދުވެ ޕްރަގްރާމް މެދުކަނޑާލުން އެތައް ހާސް ބަޔަކު ތިބީ ދެވަނަ ޑޯޒް ނުޖެހިފައެވެ.

ފަހުން ވަނީ 16 ހަފްތާއަށް އެ މުއްދަތު އިތުރުކޮށްފައެވެ.

އޭގެ ފަހުން ވެކްސިން ޕްރަގްރާމް ހިންގުމުގައި އިސްކޮށް ހުންނެވި ޑރ. އަހުމަދު ފައިސަލް ވިދާޅުވީ ބާރަ ހަފްތާވާއިރުު ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ނުލިބުނަސް ހަ މަސްތެރޭ ލިބިއްޖެނަމަ އަލުން ފަށަން ނުޖެހޭނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ލަފާ ދީފައިވާ ކަމަށެވެ.

"ސަބަބަކީ އެއީ ފުރަތަމަ ޑޯޒް ޖެހުމަށްފަހު ދިފާއީ ނިޒާމު ތަމްރީނުވެ ދެވަނަ ޑޯޒް ޖެހުމުން މި ނިޒާމު ރުކުރުވާލާ ހަލުވި ކުޅަދާނަ ކަމުން،"

ސަރުކާރުން މިހާރުވެސް ދަނީ އެކި ގޮތްގޮތުން ވެކްސިން ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ހިލޭ ލިބެން ހުރި ވެކްސިނަށް ނުބަލާ ސަރުކާރުން އެެންމަ ފުރަތަމަ ވެސް ވެކްސިން ގަންނަން މަަސައްކަތް ތަކެއް ވެސް ކޮށްފައިވެ އެވެ. އެގޮތުން ސިންގަޕޫރުގެ ކުންފުންޏަކުން އެކްސްޓްރާޒަނިކާ ވެކްސިންގެ 700،000 ޑޯޒް ހޯދުމަށް ފައިސާ ދައްކާފައިވެ އެވެ. ނަމަވެސް އެ ވެކްސިން ނުލިބި ލަސްވާން ފެށުމުން އިންޑިއާއިން 300،000 ޑޯޒްގެ ކޮވިޝީލްޑް ގަންނަން ފައިސާ ދައްކާފައިވެ އެވެ. އެތަނުން 100،000 ޑޯޒް ލިބިފައިވާއިރު ސިންގަޕޫރު ކުންފުނިން ފޮނުވާ ފުރަތަމަ ސްޓޮކްވެސް ލިބޭނީ މި މަހު ފަހުކޮޅު ކަމަށް ހެލްތް މިނިސްޓްރީން ބުންޏެވެ.