ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ވެކްސިން ލިބޭނެ ތާރީހެއް އެޗްއީއޯސީން ނުބުނި

Jan 13, 2021
18

މި މަހުގެ ތެރޭގައި ކޮވިޑް-19 އިގެ ވެކްސިން ރާއްޖެއަށް ލިބޭނެކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމްއާ ހަވާލާދީ ބައެއް މީޑިއާތަކުން ބުނަމުންދިޔަ ނަމަވެސް، އެކަމާ ގުޅޭ ވަކި ތާރީހެއް އަދި ދެވެންނެތް ކަމަށް ހެލްތު އެމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން މިއަދު ބުނެފި އެވެ.

ކޮވިޑް-19 ބައްޔަށް މިހާރު އުފައްދާފައިވާ ވެކްސިންތަކުގެ ތެރެއިން، އިނގިރޭސިވިލާތުގެ އޮކްސްފަޑް ޔުނިވާސިޓީ އާއި އެސްޓްރާޒެނެކާ ކުންފުނިން އުފައްދާފައިވާ ވެކްސިން ރާއްޖެއަށް ގެންނަން ނިންމައި، އެކަން ކުރުމަށް ބޭނުންވާ ހާއްސަ ހުއްދަ، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުގެ ހާއްސަ ގަރާރަކުން ދީފައިވަނީ މިދިއަ އަހަރުގެ ފަހު ދުވަހު އެވެ.

އަދި އެ އެއްބަސްވުމުގެ ދަށުން އެސްޓްރާޒެނެކާ ވެކްސިންގެ އިތުރުން، އެހެން ބައެއް ކުންފުނިތަކުން އުފައްދާފައިވާ ވެކްސިންވެސް ރާއްޖެއަށް ހޯދުމުގެ މަސައްކަތް ކުރަމުން އަންނައިރު، މި މަސް ނިމުމުގެ ކުރިން ކޮވިޑް-19 އިގެ ވެކްސިން ލިބޭނެކަމަށް މިނިސްޓަރާ ހަވާލާދީ ބައެއް މީޑިއާ ތަކުން ވަނީ ބުނެފަ އެވެ.

ނަމަވެސް، ހެލްތު މިނިސްޓްރީން ބުނީ ވެކްސިނާ ގުޅޭ މައުލޫމާތު ހާމަ ކުރާނީ އެޗްއީއޯސީން ކަމަށެވެ.

އެކަމާ ގުޅިގެން، އެޗްއީއޯސީން މިއަދު ބުނީ، ކޮވިޑް ވެކްސިން ރާއްޖެއަށް ލިބޭނެކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށާއި، ނަމަވެސް، ވެކްސިން ލިބޭނެ ވަކި ތާރީހެއް އަދި ހާމަކޮށްފައިނުވާނެ ކަމަށެވެ.

"ވެކްސިނާ ބެހޭގޮތުން ލިބެމުންދާ މައުލޫމާތު އެޗްއީއޯސީ އިން ހާމަކުރަމުންގެންދާނެ ވާހަކަ ދަންނަވަން،" އެ ސެންޓަރުން ބުންޏެވެ.

އެސްޓްރާޒެނެކާ ވެކްސިން ގަތުމަށްޓަކައި މާލިއްޔަތު ގަވައިދުގެ ތެރެއިން ފިނޭންސް މިނިސްޓަރު ވަނީ ބައެއް ލުއިތައް ދެއްވައިފަ އެވެ.

އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ރާއްޖޭގައި ވެކްސިން ޖަހަން ފެށޭނެކަމަށް އެޗްއީއޯސީން މީގެ ކުރިން ވަނީ ބުނެފައި އެވެ.

އާބާދީގެ 20 ޕަސަންޓަށް ހިލޭ ވެކްސިން ލިބޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭއިރު، ވެކްސިން ފުރަތަމަ ދޭނެ ފަރާތްތަކުގެ ތަރުތީބު މިހާރު ވަނީ ކަނޑައަޅައިފަ އެވެ.

މިގޮތުން، ފުރަތަމަ ކެޓަގަރީގައި ހިމެނެނީ ސީދާ އަދި ނުސީދާ ގޮތުގައި ބަލިމީހުންނަށް އެހީތެރިވާ މީހުން އަދި ބަލީގައި ބޮޑުވަރު ވެދާނެ މީހުންނަށް އެހީތެރިވާ ސިއްހީ އަދި އިޖުތިމާއީ ގޮތުން ފްރަންޓްލައިންގައި މަސައްކަތް ކުރާ މީހުންނެވެ.

އޭގެ ތެރޭގައި، ޑޮކްޓަރުންނާއި ނަރުހުންނާއި، ލެބް ޓެކްނީޝަނުންނާއި އާރުއާރުޓީގެ ސްޓާފުންގެ އިތުރުން ހޮސްޕިޓަލުތަކުގައި މަސައްކަތްކުރާ މީހުން ހިމެނެ އެވެ.

ދެވަނަ ކެޓަގަރީގައި ހިމެނެނީ 50 އަހަރުން މަތީގެ މީހުންނާއި ކޮވިޑް-19 ޖެހިއްޖެނަމަ، ބަލީގައި ބޮޑުވަރު ވެދާނެ މީހުންނެވެ.

އޭގެ ފަހުން ދެން އެންމެ އިސްކަމެއް ދެވޭނީ، ޒަރޫރީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ފްރަންޓްލައިންގައި މަސައްކަތްކުރާ މީހުންނަށްކަމަށް އެޗްޕީއޭއިން ވަނީ ނިންމައިފަ އެވެ.

ރާއްޖޭގައި ދިރިއުޅޭ ހުރިހާ އެންމެންނަށް ކޮވިޑް-19 ވެކްސިން ހިލޭ ފޯރުކޮށްދޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފައި އެވެ.