ކޮވިޑް-19 އަށް އުފައްދާފައިވާ ވެކްސިން ވީއެންމެ އަވަހަކަށް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ރާއްޖޭގައި ވެކްސިން ޖަހަން ފެށޭނެކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިއަދު ބުނެފި އެވެ.
އެޗްއީއޯސީ އިން މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ ހަމަހަމަކަމާއެކު ދުނިޔޭގެ ހުރިހާ ގައުމަކަށްވެސް ވެކްސިން ފޯރުކޮށްދިނުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯ އިސްވެ އުފައްދާފައިވާ ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް ރާއްޖެއަށް ވެކްސިން ހޯދުމަށް ހުށަހެޅި ހުށަހެޅުން ބަލައިގަނެ، އެކަމުގެ ލިޔުން މިއަދު ލިބިފައިވާ ކަމަށެވެ.
"އެންމެ ރައްކާތެރި، އެފެކްޓިވް އަދި އަވަހަށް ވެކްސިން ލިބެން އޮތް ގޮތަކީ ކޯވެސް ފެސިލިޓީ މެދުވެރިކޮށް. ރާއްޖެއިން ވެކްސިން ހޯދުމަށް މިފެސިލިޓީއަށް ހުށަހެޅުނު އެޕްލިކޭޝަން މިހާރުވަނީ ބަލައިގަނެފައި،" ނަޒްލާ ވިދާޅުވި އެވެ.
މިގޮތުން، އާބާދީގެ 20 ޕަސަންޓަށް ހިލޭ ވެކްސިން ލިބޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭއިރު، މީގެ އިތުރުންވެސް ވެކްސިން ގަތުމުގެ މަސައްކަތްވެސް ކުރެވެމުންދާކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް، އެ ވެކްސިން ލިބޭނީ، ބައި ބަޔަށް ބަހާލައިގެންކަން ޑރ. ނަޒްލާ ފާހަގަކުރެއްވި އެވެ.
އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވެކްސިނޭޝަން ޕްރޮގްރާމް ލީޑުކުރައްވާ ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ، އާބާދީގެ 20 ޕަސަންޓަށް ވެކްސިން ލިބޭއިރު، ވެކްސިން އެންމެ ފުރަތަމަ ދޭނެ ފަރާތްތަކުގެ ތަރުތީބު މިހާރު ކަނޑައަޅާފައިވާ ކަމަށެވެ.
މިގޮތުން، ފުރަތަމަ ކެޓަގަރީގައި ހިމެނެނީ ސީދާ އަދި ނުސީދާ ގޮތުގައި ބަލިމީހުންނަށް އެހީތެރިވާ މީހުން އަދި ބަލީގައި ބޮޑުވަރު ވެދާނެ މީހުންނަށް އެހީތެރިވާ ސިއްހީ އަދި އިޖުތިމާއީ ގޮތުން ފްރަންޓްލައިންގައި މަސައްކަތް ކުރާ މީހުންނެވެ.
އޭގެ ތެރޭގައި، ޑޮކްޓަރުންނާއި ނަރުހުންނާއި، ލެބް ޓެކްނީޝަނުންނާއި އާރުއާރުޓީގެ ސްޓާފުންގެ އިތުރުން ހޮސްޕިޓަލުތަކުގައި މަސައްކަތްކުރާ މީހުން ހިމެނެ އެވެ.
ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ، މި ކެޓަގަރީގައި އާބާދީގެ ތިން ޕަސަންޓް ހިމެނޭނެކަމަށް ލަފާކުރެއްވޭ ކަމަށެވެ.
ދެވަނަ ކެޓަގަރީގައި ހިމެނެނީ 50 އަހަރުން މަތީގެ މީހުންނާއި ކޮވިޑް-19 ޖެހިއްޖެނަމަ، ބަލީގައި ބޮޑުވަރު ވެދާނެ މީހުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
މިގޮތުން، ކެންސަރާއި، ހަކުރު ބަލި، ތެލެސީމިއާ އަދި ދިފާއީ ނިޒާމު ބަލިކަށިވެފައިވާ މީހުން ހިމެނޭއިރު، އެއީ އާބާދީގެ 17 ޕަސަންޓް ކަމަށް ވަނީ ލަފާކޮށްފައި އެވެ.
އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، އޭގެ ފަހުން ދެން އެންމެ އިސްކަމެއް ދެވޭނީ، ޒަރޫރީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ފްރަންޓްލައިންގައި މަސައްކަތްކުރާ މީހުން ކަމަށެވެ.
އޭގެ ތެރޭގައި، އެއާޕޯޓާއި، ޕަބްލިކް ޓްރާންސްޕޯޓުތަކާއި، ސަލާމަތީ ހިދުމަތްތަކާއި، ޓޫރިޒަމާއި ހިދުމަތްދޭ ދާއިރާތަކުގައި ފްރަންޓްލައިންގައި މަސައްކަތް ކުރާ ފަރާތްތައް ހިމެނެ އެވެ.
ޑރ. ފާތިމަތު ނަޒްލާ ވިދާޅުވީ، ކޮވިޑް-19 އިގެ ވެކްސިން ވަކި ހޫނު މިނެއްގައި ބަހައްޓަންޖެހޭ އެއްޗަކަށްވާއިރު، ރާއްޖޭގައި ވެސް އެ ތަކެތި ރައްކާތެރިކަމާއެކު ރައްކާ ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ.
"ވެކްސިން ރައްކާކުރުމުގަ އާއި އެއްތަނުން އަނެއްތަނަށް ގެންދިއުމުގައި ފިނިހޫނުމިން ބަހައްޓަންޖެހޭ މިންވަރަށް ބެހެއްޓުމަށް ތައްޔާރުވަމުން މި އަންނަނީ،" އެ މަސައްކަތް ކުރެވެމުންދަނީ އެކަމަށް ޑަބްލިޔުއެޗްއޯ މެދުވެރިވެގެން ހަދާފައިވާ ބައިނަލްއަގުވާމީ ފްރޭމްވާކާ އެއްގޮތަށް ކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވި އެވެ.
އިތުރަށް ވިދާޅުވީ ރާއްޖޭގައ ބޭނުންކުރެވޭނީ ރައްކާތެރި އަދި ބަލިޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ އެއްޗެއް ކަމަށް ޑަބްލިޔުއެޗްއޯ އިން ކަނޑައަޅާފައިވައިވާ ވެކްސިނެއް ނަމަވެސް، ކޮންމެ ބޭހެކޭވެސް އެއް ފަދައިން އެ ވެކްސިންގައި ސައިޑް އިފެކްޓްސް ހުރުން އެކަށީގެންވާ ކަމަށެވެ.
ވެކްސިން ލިބި، ދެވެން ފެށެންދެން، މިހާރު ބައްޔާ ދެކޮޅަށް ރައްކާތެރިކަން ލިބޭ މާސްކު އެޅުމާއި، ގައިދުރުކުރުން ފަދަ ފިޔަވަޅުތައް އެޅުމަށް ސަމާލުކަން ދިނުމަށް ޑރ. ނަޒްލާ ވަނީ އިލްތިމާސް ކުރައްވައިފަ އެވެ.
ރާއްޖޭގައި ދިރިއުޅޭ ހުރިހާ އެންމެންނަށް ކޮވިޑް-19 ވެކްސިން ހިލޭ ފޯރުކޮށްދޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައިވާއިރު، މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 629 މީހުންނެވެ.
މިހާތަނަށް 12،591 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފައެވެ. ކޮވިޑްގައި 47 މީހަކު ވަނީ މަރުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 68 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.