ރަޝިއާ އިން ކޮވިޑް-19 އާ ދެކޮޅަށް ތައްޔާރުކޮށްފައިވާ ސްޕުޓްނިކް ވީ ވެކްސިންގެ 200،000 ޑޯޒް ގަންނަން އޯޑަރު ދޭން އެއްބަސްވުމުގައި އަދިވެސް ސޮއި ނުކުރާ ކަމަށް އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒުލާ ރަފީގް ވިދާޅުވެއްޖެ އެވެ.
ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން ޑރ. ނަޒްލާ ވިދާޅުވީ ރަޝިއާ ވެކްސިން ގަތުމަށް އެއްބަސްވުމުގައި އަދި ސޮއި ނުކުރާ ކަމަށެވެ. ވަކި ސަބަބެއް ވިދާޅުވެ ދެއްވާފައެއް ނުވެ އެވެ.
ސްޕުޓްނިކް ވެކްސިން ގަތުމުގެ އެންމެ ފަހުގެ މަސައްކަތާއި ގުޅޭގޮތުން މީގެ ކުރިން ސުވާލު ކުރުމުން ވެސް ޑރ. ނަޒްލާ ވިދާޅުވީ ފުރަތަމަ މަރުހަލާގެ މަޝްވަރާތަކަށް ފަހު އިތުރު ކަމެއް އަދި ނެތް ކަމަށެވެ. އަދި އެއްބަސްވުމުގައި ސޮއި ކުރުމަށް ކުރަންޖެހޭ ކަންކަން ކޮށްފައި ނެތް ކަމަށް އޭރުވެސް ވިދާޅުވެފައިވެ އެވެ.
މިދިޔަ މެއި މަހުގެ 26 ވަނަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޕުޓްނިކް ވީގެ 200،000 ޑޯޒް ގަންނަން ނިންމާފައިވާ ކަން އިއުލާނު ކުރެއްވި އެވެ. އަދި ދެ ފަރާތުގެ މެދުގައި ވަރަށް އަވަހަށް އެއްބަސްވުން ގާއިމު ކުރާނެ ކަމުގައި ވިދާޅުވި އެވެ. ނަސީމު އެރޭ ވިދާޅުވި ގޮތުގައި އޭރު އޮތީ މަޝްވަރާގެ މަރުހަލާގަ އެވެ. އަދި ދެތިން ދުވަސްތެރޭ ވެކްސިނަށް އޯޑަރު ދޭނެ އެވެ.
މިނިސްޓަރު ވަނީ ރަޝިޔާ ވެކްސިން ވަރަށް އަވަހަށް ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް ވިދާޅުވެފަ އެވެ. އަދި ވިދާޅުވީ އެއްބަސްވުން ހަދާތާ މަސް ދުވަސްތެރޭ ވެކްސިން ލިބޭނެ ކަމަށެވެ.
ނަމަވެސް ދެމަސް ފާއިތުވެގެން ދިޔައިރުވެސް ރަޝިޔާ ވެކްސިންގެ އެގްރިމެންޓްގައި ސޮއި ކުރެވިފައެއް ނުވެ އެވެ. އަދި ސޮއި ކުރުން ލަސްވަމުންދާ ސަބަބު ވެސް ބުނެދެވިފައެއް ނުވެ އެވެ.