ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އަހުމަދު ނަސީމް

ވެކްސިން ގަތް އަގު ހާމަކުރެވޭނީ ކުންފުނިތަކުގެ ހުއްދަ ލިބުމުން: ނަސީމް

ރާއްޖެއިން ކޮވިޑް-19 ވެކްސިން ގަންނަ އަގުތައް ހާމަ ނުކުރަނީ ވެކްސިން ގަންނަ އަގު ހާމަކުރަން އެ ކުންފުނިތަކުން މަނާ ކޮށްފައި އޮންނާތީ ކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

ރާއްޖެއިން މިހާތަނަށް ބޭނުން ކުރަމުން ދަނީ ކޮވިޝީލްޑް އާއި އެސްޓްރަޒެނިކާ އާއި ފައިޒާ އަދި ސިނޯފާމް ވެކްސިނެވެ. އޭގެ އިތުރުން ރަޝިޔާއިން ކޮވިޑް-19 އާ ދެކޮޅަށް ތައްޔާރުކުރި ސްޕުޓްނިކް ވީ ވެކްސިންގެ 200،000 ޑޯޒް ގަންނަން މިހާރު ވަނީ އޯޑަރު ދީފައެވެ.

މީގެ ތެރެއިން ދިވެހި ސަރުކާރުން ގަންނަން ނިންމާފައިވަނީ އިންޑިއާގެ ސީރަމް އިންސްޓިއުޓުން އުފައްދާ ކޮވިޝީލްޑް ވެކްސިންނާއި ސިންގަޕޫރުގެ އެސްޓްރަޒެނިކާ ވެކްސިނެވެ. ކޮވިޝީލްޑްގެ 300،000 ޑޯޒަށް ވަނީ އޯޑަރު ޖަހާ ފައިސާވެސް ދައްކާފައެވެ. ނަމަވެސް ލިބިފައިވަނީ 100،000 ޑޯޒް އެވެ. ސިންގަޕޫރު ކުންފުނިން 700،000 ޑޯޒް ގަންނަން ވަނީ ފައިސާ ދައްކާފައެވެ. އެ ވެކްސިން ލިބޭނެ ކަމަށް އެކި ތާރީހުތައް ދީފައިވާއިރު އަދި އެންމެ ވެކްސިނެއްވެސް ރާއްޖެއަށް ލިބިފައެއް ނުވެއެވެ.

ޗައިނާގެ ސިނޯފާމް ވެކްސިންގެ 200،000 ޑޯޒަކީ އެ ގައުމުގެ ސަރުކާރުގެ އެހީއެކެވެ. އަދި ކޮވިޝީލްޑްގެ 33،000 ޑޯޒް އާއި ފައިޒާގެ 5،000 ޑޯޒަކީ ކޮވެކްސް ފެސިލިޓީގެ ދަށުން ލިބުނު ވެކްސިނެވެ.

ވެކްސިން ގަންނަ އަގު ހާމަނުކުރާ މައްސަލައާ ގުޅިގެން ވާހަކަ ދައްކަވަމުން މިނިސްޓަރު ނަސީމް ވިދާޅުވީ ވެކްސިންގެ އަގު ހާމަކުރުން ކުންފުނިތަކުން މަނާކޮށްފައިވާ ކަމަށެވެ. އެއީ އެކި ގައުމުތަކަށް ވިއްކާ އަގު ތަފާތުވުމުން ކަަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ ކުންފުނިން ހުއްދަ ލިބުމުން އަގު ސިއްރު ނުކުރާނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް މަނާ އިނގޭތޯ އަޅުގަނޑުމެން އެ [ވެކްސިން] ގަތް އަގު ހާމަކުރަން. އެއީ އެކި ގައުމަށް އެ މީހުން ވިއްކަނީ އެކި އަގަށް. ދެން އަޅުގަނޑަށް ދަންނަވަން ކެރޭ ވާހަކައަކީ އަޅުގަނޑުމެން އެހާ އަގުބޮޑުކޮނެއް ނޫނޭ އެ އެއްޗެއްހި ގަތީ އިނގޭތޯ. އެހެންވީމަ އެ މީހުން ހުއްދަ ދިން އިރަކުން އަޅުގަނޑުމެން އެކަން ހާމަކުރާނަން،"

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ އެއްވެސް ކުންފުންޏަކުން ތާޑް ޕާޓީއެއް މެދުވެރިކޮށް ވެކްސިން ނުގަންނާނެ ކަމަށެވެ. އެއީ ވެކްސިންގެ ރައްކާތެރިކަން އިތުރަށް ކަށަވަރު ކުރުމަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އެއްވެސް ފަހަރެއްގައި ތާޑް ޕާޓީއެއް ބޭނުންކޮށްގެން ވެކްސިން ގަނެފައެއް ނުވާނެ އިނގޭތޯ،" މިނިސްޓަރު ވިދާޅުވިއެވެ.

އިނގިރޭސިވިލާތުގެ އޮކްސްފަޑް ޔުނިވާސިޓީ އާއި އެސްޓްރާޒެނެކާ ކުންފުނިން އުފައްދާފައިވާ ވެކްސިންގެ 700،000 ޑޯޒްގެ ވެކްސިނާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ މި މަހުގެ ފަހުކޮޅު ވެކްސިންގެ ފުރަތަމަ ޑޯޒް ލިބޭނެ ކަމުގެ ޔަގީންކަން ވަރަށް ބޮޑު ކަމަށެވެ. ނަމަވެސް 700،000 ޑޯޒް ލިބޭނީ ތިން ބުރެއްގެ މަތިން ކަމަށްވެސް ވިދާޅުވިއވެ.

އެ ތަފްސީލު ހިއްސާކުރައްވާ މިނިސްޓަރު ވިދާޅުވީ ޖޫން މަހުގެ ފަހުކޮޅު 200،000 ޑޯޒް އަދި ޖުލައި މަހުތެރޭ 200،000 ޑޯޒް ލިބޭނެ ކަމަށެވެ. އަދި އޮގަސްޓް މަހުގެ ތެރޭގައި 300،000 ޑޯޒް ލިބޭނެ ކަމަށެވެ. އޮގަސްޓް މަހުގެ ތެރޭގައި ވެކްސިނަށް ޖެހިފައި އޮތް އޮތުން ނިމުމަކަށް އަންނާނެ ކަމަށްވެސް ވިދާޅުވިއެވެ.

ނަސީމް ވިދާޅުވީ މިހާތަނަށް 109،000 މީހުން ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ނުޖެހި ތިބިއިރު އެކަން އެހެން ދިމާވީ އިންޑިއާއިން ލިބޭނެ ކަމަށް ޔަގީންކަން ދިން 100،000 ޑޯޒް ނުލިބި މާބޮޑަށް ލަސްވެގެން ދިއުމުން ކަމަށެވެ. އަދި ކޮވިޝީލްޑް ވެކްސިން ލިބޭނެ ގޮތެއްވޭތޯ ފޮރިން މިނިސްޓްރީ އާއި ރައީސް އޮފީހުން އަދި ހެލްތް މިނިސްޓްރީން މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.