ކުއްޖާގެ މަރު ؛ ޖެންޑާގެ އިހުމާލަށް ދެ އަހަރު

ކ. މާލެއަށް އުފަން އުމުރުން 13 އަހަރުގެ ކުޑަ ފިރިހެން ކުއްޖާ މަރާލުމަށް ފަހު ފޮއްޓަކަށްލާ ހުޅުމާލެ ދެވަނަ ފިޔަވަހީގެ އިރުއުތުރު ފަޅުތެރޭގައި އެއްލާލާފައި އޮއްވާ ފެނުނީ މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހުގެ ރޭ މެންދަމު 2:38 ގައެވެ. ކޮވިޑްގެ ބަލާއަފާތާއި ގުޅިގެން ހަރުކަށި ފިޔަވަޅުތަކެއް އަޅާ މުޅި މާލެ ސަރަހައްދު ލޮކްޑައުންގެ ހާލަަތުގައި ވަނިކޮށް ބަޔަކު ހިންގި ބޮޑު އެ ޖަރީމާގެ ހަބަރު ރަށުތެރެއަށް ފެތުރިގެން އައީ "އެ ގަތުލުގެ ސިއްރަކީ" ކޮބައިތޯ ސުވާލު ކުރަމުންނެވެ. ޖެންޑާ ކޮބައިހޭ އާއިލާ ކޮބައިހޭ ފުލުސް ކޮބައިހޭ އަހަމުންނެވެ.

ކުއްޖާގެ މަރާއެކު މީގެ ކުރީން ވެސް ހިނގައިދިޔަ އެފަދަ މަރުތަކާއި އެއްގޮތަށް އިދާރާތަކުން ބަޔާންތައް ނެރެން ފެށިއެވެ. ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކޮށް ޔަގީންކޮށް ދިނުމުގެ މެންޑޭޓް އޮތް މިނިސްޓްރީން ވެސް އެހެނެވެ.

ޖޫން 22 ވަނަ ދުވަހުގެ ހަވީރު ޖެންޑާ މިނިސްޓްރީ އާއި ފުލުހުން ޖޮއިންޓް ސްޓޭޓްމަންޓެއް ދިނެވެ. އެ ބައްދަލްވުމުގައި ތަހުގީގަށް ވަރަށް ބޮޑު ކުރިއެރުން ލިބިފައިވާ ކަަމަށް ބުނުން ފިޔަވައި އިތުރު އެއްޗެއް ނެތެވެ. ދެން އެދުނީ މައުލޫމާތެއް އޮތިއްޔާ ހިއްސާ ކުރާށެވެ. އޭގެ ފަހުން ކުއްޖާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދާނެ ކަމަށް ބުންޏެވެ. މިހާތަނަށް ވެސް ހަށިގަނޑު އޮތީ ޕޯސްމޯޓަމް އެގްޒަމިނޭޝަނަށް އިންޑިއާއަށް ނުފޮނުވަ އެވެ.

ޖޫން 22 ގެ ޖޮއިންޓް ބައްދަލުވުމުގައި ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ފާތިމަތު ޔުމްނާ -- ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގެ އަނބިކަނބަލުން -- މަސައްކަތް ކުރެއްވީ ޖެންޑާއިން މޮޅަށް ކުރި ކަންތައްތަކެއް، ލިޔެފައި އޮތް ސްޓޭޓްމަންޓަކުން އާންމުންނަށް ވިދާޅުވެ ދެއްވާށެވެ. މިބާވަތުގެ ކޮންމެ ހާދިސާއަކާއެކު ބޮޑެތި ތުހުމަތުތައް އޮންނަ ޖެންޑާއިން މި ކުއްޖާގެ މައްސަލާގައި ވަރަށް ފުރިހަަމައަށް ކަންކަން ކޮށްފައިވާ ކަން ދައްކާން ވެގެނެވެ.

އެ ދުވަހު ޔުމްނާ ވިދާޅުވި ގޮތުގައި އެ ކުއްޖާއަކީ ޖެންޑާއިން އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމަށް މަަސައްކަތް ކުރަމުން އައި ކުއްޖެކެވެ. އަދި ސޯޝަލް ވޯކަރެއް މެދުވެރިކޮށް "ވަރަށް ގާތުން އައީ އޭނާގެ ކަންކަން ބަލަމުން" ނެވެ. އެ ކުއްޖާގެ މަންމަ އާއި ގުޅިގެން ކުއްޖާއަށް ބޭނުންވާ ހުރިހާ އެހީތެރި ކަމެއް ފޯރުކޮށް ދޭން ދިޔައީ މަސައްކަތް ކުރަމުންނެވެ.

އެ ދުވަހު ޔުމްނާ ވިދާޅުވި އެވެ:

"މި އާއިލާއަކީ އަޅުގަނޑުމެންނާ އެއްކޮށް މި ކުއްޖާއަށް ބޭނުންވާ އެހީތެރިކަން ހޯދަން އަޅުގަނޑުމެންނާއި ގާތުން މަސައްކަތް ކުރަމުންދިޔަ އާއިލާއެއް. ކުއްޖާއާއެކު ކުރެވިފައިވާ [ސޯޝަލް ވޯކާސް] އިގެ މަސައްކަތުން ކުއްޖާއަކީ ތައުލީމު އުނގެނެމުންދާ އަދި ކުއްޖާގެ މުދައްރިސުންގެ ފަރާތުން ވެސް ކުއްްޖާގެ ގާބިލުކަން ފާހަގަކޮށްފައިވާ ކުއްޖެއްކަން މި ފުރުސަތުގައި ފާހަގަ ކޮށްލަން،" 

އުމުރުން 13 އަހަރު ކުއްޖާ މަރާއި ގުޅިގެން ހިނގާދިޔަ ކަންކަމުގެ މައްޗަށް އަވަސް އިން ކުރިން ތައްޔާރުކުރި ވީޑިއޯ ރިޕޯޓެއް -- ވީޑިއޯ ރިޕޯޓް: މުހައްމަދު ހުމާމް އަހުމަދު | އަވަސް

ކުއްޖާގެ މަރާއި ގުޅިގެން ޖޫން 23 ވަނަ ދުވަހު ވަރަށް ގިނަ މީޑިއާ ރިޕޯޓްތައް ޝާއިއުވި އެވެ. އެ ރިޕޯޓްތަކާއި ގުޅިގެން ޖެންޑާ މިނިސްޓްރީ ވެސް ތެޅިގަތެވެ. ކުއްޖާގެ މަރާ ގުޅިގެން އެ މިނިސްޓްރީ އެހާ ބޮޑަށް ތެޅފޮޅިގަތް ގޮތުން ހީވާން އުޅުނީ ޑެޕިއުޓީ މިނިސްޓަރު ޔުމްނާ މެދުވެރި ކުރައްވާ ދެއްވި ސްޓޭޓްމަންޓްގައި ހެދި ދޮގުތަކުން ކުއްޖާގެ މައްސަލާގައި މާޒީގައި ކަންކޮށްފައިވާ ގޮތް ފަޅާ އަރާފާނެތީ އެކަން ފޮރުވާން އުޅުނީހެނެވެ. އެއްވެސް އުސޫލެއް ފޮލޯ ނުކޮށް އިންޒާރު ދީގެނާއި ޖޫރިމަނާ ކޮށްގެން މީޑީއާ ހުއްޓުވާން އަވަސް އަރައިގަތީ އެހެންވެއޭ ބުނުމުގެ ޖާގަ އެބައޮތެވެ.

އެކަމަކު އެއްވެސް މީޑީއާ ރިޕޯޓެއްގައި އަދި މާ ތަފުސީލް ވާހަކައެއް ނާދެ އެވެ. އެހެންވިޔަސް ޖެންޑާގެ އެ ދޮގުތައް ބޭޒާރުވެ ރަށުތެރެއަށް ނުކުންނާނެ ކަން މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ އާއި އެކަމަނާގެ ޓީމަށް ކަޅު، ކަޅުހާ / ހުދު ، ހުދުހާ ކަށަވަރުވާނެ އެވެ. ކޮންމެވެސް ގޮތެއް ހަދައިގެން އެ ވާހަކަތައް ހުއްޓުވަން "އަވަސް ފިޔަވަޅެއް" އަޅަން ޖެހިގެން އުޅެނީ އެހެންވެގެން ކަމަށް ވެދާނެ އެވެ. ކުއްޖާގެ ގަތުލުގެ ސިއްރު ހޯދާން ފުނަށް ދެވޭތޯ ނޫސްވެރިންގެ މަސައްކަތް ހުއްޓުވާން ދިމާ ކުރީ އެހެންވެނޭ ބުނެވެން އެބައޮތެވެ.

ހަގީގަތް ހޯދުން އެއީ މީޑިއާގެ ކަމަކެވެ. ހޯދިއަސް ނުހޯދިއަސް މަޑުމަޑުން އޮވެގެން މި މައްސަލައިގެ ހަގީގަތް ބޭޒާރުވާނެ އެވެ. ބިރުން ރޫރޫލާލައި އޮތް ޖެންޑާއަށް ވެސް އެކަން އެނގޭނެ އެވެ.

މާރާލި ކުއްޖާގެ ހާލަތު އަދި އެ ކުއްޖާއާ ގުޅުންހުރި ތަފާތު ވާހަކަތައް ހޯދަން ކުރި މަސައްކަތުގައި ކުއްޖާއާ ގުޅޭ ވާހަކަތައް އެންމެ ރަނގަޅަށް އެނގޭ ގިނަ ބަޔަކާއި ބައްދަލުކޮށް އަވަސް އިން ވެސް އަދި މުޅި މީޑީއާއިން ވެސް ވާހަކަ ދައްކާފައިވެ އެވެ. ނަމަވެސް "ރުޅި އައިސްފައިވާ" ޖެންޑާއިން ކަންކޮށްފާނެ ގޮތެއްގެ ބިރަށްޓަކައި އެފަރާތްތައް ނަން ސިއްރު ކުރަނީ އެވެ. ގަންނާކުރައްވާ ބިރަށެވެ.

މި މައްސަލާގައި އާއިލާގެ އިހުމާލުގެ ވާހަކަ ދެއްކުމަކީ މުޅީން އެހެން ކަމެކެވެ؛ އެވާހަކަ ފަހުން ލިޔާނީ އެވެ.

މަރާލައި އެއްލައިލި ކުއްޖާގެ މަންމަ އާއި ބައްޕަގެ އިތުރު ދެ ކުދިން ވެސް ތިބެއެވެ. ކުއްޖާގެ މަންމަ އާއި ބައްޕަގެ ކައިވެނި ރޫޅިފައިވުމުން ތިން ކުދިން ބެލުމުގެ ޒިންމާ ވެސް އޮތީ މަންމާ އަށެވެ. މަރާލި ކުއްޖާ އާއި އޭނާގެ ދައްތަގެ ފަރާތުން ނޭދެވޭ ކަންތައްތަކެއް ފެންނަން ފެށުމުން މަންމާއަށް ޖެހުނީ އެކަން ޖެންޑާ މިނިސްޓްރީގެ ސަމާލު ކަމަށް ގެންދާށެވެ. އެ ގޮތަށް އަމަލު ކުރީ މީގެ ދެ އަހަރު ކުރީން 2019 ވަނަ އަހަރު އެވެ. ރަސްމީކޮށް އެކަން އެ މިނިސްޓްރީގެ ސަމާލު ކަމަށް ގެންދިޔައީ ކުޑަ އެ ދެ ކުދިން އެތައް ވަގުތަކު މަންމާއާ ވަކީން ގެއިން ބޭރުގައި އުޅުމާއެކު އެ ނޫން ބައެއް ކަންކަން ވެސް ފާހަގަ ކުރެވިގެނެވެ. އެކަމުގައި ދައުލަތުގެ އިޖްތިމާއީ އެހީތެރިކަަން ހޯދާން މަންމާ ބޭނުން ވެގެނެވެ.

ކުއްޖާގެ އާއިލާގެ އެ އެދުމަށް ދެއަހަރުވެ، ބަޔަކު މީހުން އަނިޔާވެރި ގޮތަކަށް އެ ކުއްޖާ މަރާލުމާ ހަމައަށް ޖެންޑާއިން އެންމެ ފޯން ކޯލެއް ވެސް ކުއްޖާގެ މަންމާއަށް ކޮށްފައެއް ނުވެއެވެ. ޔުމްނާ ވިދާޅުވެ ދެއްވި އިޖްތިމާއީ އެހީތެރިކަން ފޯރުކޮށް ދޭން އެއްވެސް ކަމެއް ކޮށްފައެއް ވެސް ނުވެއެވެ. އެކަމަކު އެ މިނިސްޓްރީގައި ކުއްޖާގެ މަންމާ އާދޭސްކޮށް ރޮއި ސަލާން ޖެހި އެވެ. އޭނާގެ ދަރިފުޅު ރަނގަޅު ކުއްޖަކަށް ހަދައި އަނބުރާ މުޖުތަމައަށް ގެންނަން ދައުލަތުގެ އެހީތެރިކަމަށް އެތައް ފަހަރަކު އެދުނެވެ.

ހަގީގަތަކީ އެ ކުއްޖާ މަރުވުމާއި ހަމައަށް، މި ކޭސްގައި ޖެންޑާގެ އިހުމާލަށް ދެ އަހަރުވެފައިވާ ކަމެވެ. އެހެންނާ އެއަށްވުރެ ވެސް ދިގު މުއްދަތެއް ހޭދަވެފައިވާ ކަމެވެ.

ކަށަވަރު ސޯސްތަކުން އަވަސް އަށް ޔަގީން ކޮށްދޭ ގޮތުގައި ޖެންޑާގެ އެއްވެސް އެހީތެރިކަމެއް ނުލިބިގެން ކުއްޖާގެ މަންމާ އަމިއްލައަށް އޭނާގެ ދެބެންނަށް ކަައުންސިލިން ދެވޭނެ ގޮތްތަކެއް ވެސް ހޯދި އެވެ. އެ ދެބެން ވެސް ކައުންސިލިންގެ ބައެއް ސެޝަންތަކުގައި ބައިވެރިވި އެވެ.

މަރާލި ކުއްޖާ، މި އަހަރުގެ މޭ މަހު ކޮވިޑްގެ އެންމެ ނުރައްކާތެރި ރާޅުގެ ތެރޭގައި ކޮވިޑަށް ޕޮޒިޓިވް ވެސް ވިއެވެ. އެއީ މޭ މަހުގެ 18 ވަނަ ދުވަހު އެވެ. ކޮވިޑަށް ޕޮޒިޓިވްވި ނަމަވެސް އޭނާ ގޭގައި ކަރަންޓީންގައި ހުރީ ހަތަރު ދުވަހު އެވެ. ހަތަރު ދުވަސް ފަހުން ބޭރަށް ނުކުމެއްޖެ އެވެ. އެކަން އާއިލާއިން ފުލުސް ހިދުމަތުގެ "119" އަށް ރިޕޯޓް ކުރި އެވެ. ފުލުހުން އެދުނީ އެކަން ހެލްތު ޕްްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަށް ރިޕޯޓް ކުރާށެވެ.

ކޮވިޑަށް ޕޮޒިޓިވް އެ ކުއްޖަކު އަމިއްލައަށް ކަރަންޓީނުން ވީއްލި މަގުމަތީގައި އުޅެމުންދާކަން ހަމަ އެ ދުވަހު އެޗްޕީއޭ އާއި ޖެންޑާގެ ސަމާލު ކަމަށް ވެސް ގެންދިޔަ އެވެ. ތިން ފަހަރެއްގެ މަތިން އެކަން ޖެންޑާއަށް ރިޕޯޓް ކުރި އެވެ. ކޯލް ލޮގްތައް ބެލުމުން އެކަން ޔަގީން ކުރެވޭނެ އެވެ.

ފުރަތަމަ ދެ ފަހަރު ޖެންޑާއަށް ދޭނެ ޖަވާބެއް ނުލިބުނެވެ. ހަމަ އެކަނި ކުރަމުން ދިޔައީ "އެހެންތޯ" އޭ ބުނާ ސުވާލެކެވެ. ދެން ފޯނު ބާއްވަނީ އެވެ. މިއީ ޖެންޑާއަށް މައްްސަލައެއް ހުށައަޅަން ގުޅުމުން އާންމުކޮށް ކަން ހިނގާ ވެސް ގޮތެވެ. އާއިލާ ރުޅިގެން އުޅޭ، ކުދީންގެ މައްސަލަތައް ދިމާވެގެން އުޅޭ ވަރަށް ގިނަ ބަޔަކަށް މިކަން އެނގޭނެ އެވެ.

މަރާލި މި ކުއްޖާ، އޭގެ ކުރީ ސީދާ މަގަށް ގެނައުމަށް އާއިލާއިން ކުރަމުން އައި މަަސައްކަތް ހުއްޓައެއް ނުލައެވެ. އެހީތެރިކަމުގެ އަތެއް ލިބޭތޯ ފަހުން ވެސް ޖެންޑާއަށް ގުޅައި ރިޕޯޓެއް ކުރިއެވެ. އެފަހަރު އިޖާބަ ދޭނެ ކަމުގެ އިޝާރާތެއް ނުކޮށް "ތިކަން ބަލާނެ" އޭ ބުނެފައި ފޯނު ބޭއްވީ އެވެ. ޖޫން 21 ވަނަ ދުވަހު ކުއްޖޭގެ ފުނާރަނެތް މަސްގަނޑު ފެނުމާއި ހަމައަށް ވެސް ޖެންޑާ އޮތީ ހުރިހާ ކޮނޑަށް މެންޑޭޓެއް ނަގައިގެން އެއްވެސް ކަމެއް ނުކޮށެެވެ.

ދެން އޮތީ ޔުމްނާ އެ ވިދާޅުވާ ކޭސް ވޯކަރުގެ ވާހަކަ އެވެ؛ މަރާލި ކުއްޖާގެ އާއިލާ އާއި އެ އާއިލާ ކައިރި އެންމެ ތިބީ ޖެންޑާގެ އެ ވާހަކައިން ވަރަށް ހައިރާންވެފަ އެވެ. އެ ކުއްޖާއަށް ބޭނުންވާ އެހީތެރިކަން ހޯދަން ޖެންޑާ އާ ގާތުން އާއިލާ މަސައްކަތް ކުރަމުންދިޔަ ކަމަށް ބުނާއިރު ޖެންޑާއިން އަމަލު ކުރި ގޮތް ފޮރުވަން ބޮޑެތި ދޮގުތައް ހަދާތީ އެވެ. ކޭސް ވޯކަރު ނުވަތަ ސޯޝަލް ވޯކަރެއް މެދުވެރިކޮށް އެހީވުމަށް މަސައްކަތް ކުރަމުން ދިޔަ ކަމަށް ނުވަތަ އެހީވަމުން ދިޔަ ކަަމަށް ޖެންޑާއިން ދޮގުތަކެއް ހަދާތީ އެވެ.

ކުއްޖާގެ އާއިލާއަށް ކޭސް ވޯކަރު ފުރަތަަމަ ފެނުނު ވަގުތަކީ ކުއްޖާގެ ފުރާނަ ނެތް މަސްގަނޑު އައިޖީއެމްއެޗަށް ގެންގޮސް އެކަން އާއިލާއަށް އެންގުމުން އާއިލާއިން ހޮސްޕިޓަލަށް ގޮސް ތިއްބާ އަމިއްލައަށް ގޮސް "މިއީ ކޭސްވޯކަރޭ" ބުނެ ތައާރަފުވި ހިސާބުންނެވެ. އެއީ ޖޫން 22 ވަނަ ދުވަހުގެ ހެނދުނު ވަގުތެވެ. ޖެންޑާއިން ބުނާ ގޮތުން ކުއްޖާގެ މަރުގެ ހަބަރު ފުލުހުން ޖެންޑާއަށް އެންގީ އެ ރޭގެ ފަތިހު އެވެ.

މި ގަތުލާ ގުޅޭ، ޖެންޑާއާ ގުޅުން ހުރި ގިނަ ބައިވަރު އިހުމާލުގެ ވާހަކަތަކެއް މި މައްސަލާއާ ގުޅިފައި ވެއެވެ. ނަމަވެސް ކުއްޖާގެ ޕޯސްޓްމޯޓަމް ހަދައި ނިމި ޖަނާޒާ ބޭއްވުމުގެ ކުރީން އެ ހުރިހާ ވާހަކަތައް ބޭރަށް ނެރެން އާއިލާއިން ވެސް އައި އާއިލާއާ ގުޅިފައިވާ އިތުބާރު ސޯސަތަކުން ވެސް ބޭނުމެއް ނުވެއެވެ. މި މައްސަލާގައި ޖެންޑާ "ވަރު އަރުވައި އުޅެގަތް ގޮތް" ސަރުކާރަށް ވެސް މަޖިލީހަށް ވެސް މާ ބޮޑު ކަމަކަށް ނުވުމުން މިހައިރުން ނޫސްވެރިން / މީޑީއާ ވެސް މާ ބޮޑު އިންޓްރެސްޓެއް މި މައްސަލާގައި އޮތް ހެނެއް ހީއެއް ނުވެއެވެ.

ކުޑަ ކުއްޖާއާ މެދު ޖެންޑާއިން ވެފައިވާ އިހުމާލު ފޮރުވާ އެ ވާހަަކަތައް ބޭރަށް ނުކުތަ ނުދޭން ޖެންޑާއިން ބުހުތާނު، ރޯ ދޮގު ހަދައި މީޑިއާ އަށް އިންޒާރު ދީ ޖޫރިމަނާ ކުރަން ޖެހުނު ސަބަބަކީ ހަދާފައިވާ ގޯހާއި މަގާމު ދިފާއު ކުރަން ޖެހޭނެތީ އެވެ.

މިއީ މިފަދަ ކޮންމެ މައްސަލައެއްގައި އެ މިނިސްޓްރީގެ ކަންކަން އާދަވެ ހުންނަ ގޮތެވެ. މައްސަލަތައް ރިޕޯޓް ކޮށްކޮށް ވަރުބަލިވާއިރު ވެސް މިނިސްޓްރީ އޮންނަނީ ގަދަ ގުގުރީގަ އެވެ. އެ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުރި ކުޑަކުދިންގެ ހިޔާ އާއި ފިޔަވަތި އަަދި ބައެއް ރަށްރަށުގައި ހުރި އަމާންވެށި ސެންޓަރުތަކުގެ ހާލަތު ގޯހުން ގޯހަށް ގޮސް އިހުމާލުތައް އިންތިހާގައި ވާއިރު އަދިވެސް ޖޫރިމަނާކޮށް އިންޒާރު ދޭންވީ އެ ވާހަކަތައް އާންމުންނާ ހަމައަށް ގެނެސްދޭން އޮތް މީޑިއާއަށް ހެއްޔެވެ؟

ދުރުކުރަންވީ ވެސް ޖޫރިމަނާ ކުރާންވީ ވެސް ދައުލަތުގެ މަގާމުތައް ހޯދައިގެން ޒިންމާއިން ރެކިގެން ތިބި ވެރިންނެވެ. އިހުމާލު ފޮރުވަން ކިތަންމެ ކަމެއް ކުރިޔަސް އެ ވާހަކަތައް ބޭރަށް ނުކުންނާނެ އެވެ. މިއީ މިޒަމާނެވެ. ދައުލަތް / ސަރުކާރުން ޕަބްލިކް މަގާމެއް ދިއްކޮށްލީމާ އޭގައި ހިފަން ވާނީ އެ މަގާމަށް ޕަބްލިކުން ފާޑުކިޔާނެ ކަން އެނގިތިބެ އެވެ. ޕަބްލިކް މަގާމަކަށް އަންނަނީ ބެހެވެން ވެގެނެވެ. ހިތްވަރު ހުރި މީހުން ބެހޭނެ އެވެ.