މަރާލުމަށްފަހު އެއްލާލާފައި އޮއްވާ ފެނުނު އުމުރުން 13 އަހަރުގެ މުހައްމަދު ރާއިފް އަންވަރަށް ޖެންޑާ މިނިސްޓްރީގެ އިޖްތިމާއީ އެހީތެރިކަން ހޯދުމަށް ކުއްޖާގެ އާއިލާއިން މަސައްކަތް ކޮށްފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.
ކުއްޖާގެ މަރާއި ގުޅިގެން ފުލުހުންނާއި ޖެންޑާ މިނިސްޓްރީ ގުޅިގެން ދެންމެ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ޖެންޑާ މިނިސްޓްރީގެ ނާއިބު ފާތިމަތު ޔުމްނާ ވިދާޅުވީ ރާއިފުގެ މަރުގެ ހަބަރު އެ މިނިސްޓްރީއަށް ލިބިފައިވަނީ ފުލުހުންގެ ފަރާތުން ރޭ ފަތިހު ކަމަށެވެ.
ޔުމްނާ ވިދާޅުވީ ރާއިފުއަށް ބޭނުންވާ އެހީތެރިކަން ހޯދަން އާއިލާއިން އެ މިނިސްޓްރީއާ ގާތުން މަސައްކަތް ކުރި ކަމަށާ އެ މިނިސްޓްރީން ބެލި ބެލުމުން ރާއިފް އަކީ ގާބިލް ކުއްޖެއް ކަމަށެވެ. ނަމަވެސް އާއިލާއިން އެދުނު އެދުމާއި ގުޅިގެން ޖެންޑާއިން އެއްވެސް އެހީތެރިކަމެއް ކުއްޖާއަށް ދީފައިވާ ކަމެއް ޔުމްނާގެ ސްޓޭޓްމަންޓުން ސާފެއް ނުވިއެވެ.
"މި އާއިލާއަކީ އަޅުގަނޑުމެންނާ އެއްކޮށް މި ކުއްޖާއަށް ބޭނުންވާ އެހީތެރިކަން ހޯދަން އަޅުގަނޑުމެންނާއި ގާތުން މަސައްކަތް ކުރަމުންދިޔަ އާއިލާއެއް. ކުއްޖާއާއެކު ކުރެވިފައިވާ ވޭދަނަ [ސޯޝަލް ވޯކްސް] އިގެ މަސައްކަތުން ކުއްޖާއަކީ ތައުލީމު އުނގެނެމުންދާ އަދި ކުއްޖާގެ މުދައްރިސުންގެ ފަރާތުންވެސް ކުއްްޖާގެ ގާބިލުކަން ފާހަގަކޮށްފައިވާ ކުއްޖެއްކަން މި ފުރުސަތުގައި ފާހަގަކޮށްލަން. އަދި ވޭދަނައިގެ މަސައްކަތް ކޮށްފައިވަނީ މި ކުއްޖާގެ މަންމައާ ގުޅިގެން އިޖްތިމާއީ ގޮތުން ކުއްޖާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށް ދިނުމަށް،" ޔުމްނާ ވިދާޅުވިއެވެ.