މޯލްޑިވްސް ޕޮލިސް ސާވިސް

ޕޯސްޓްމޯޓަށް 13 އަހަރުގެ ކުއްޖާގެ ހަށިގަނޑު މާދަމާ އިންޑިއާއަށް ފޮނުވަނީ

ރަހީނުކޮށް މަރާލައިފައިވާ 13 އަހަރުގެ ކުއްޖާގެ ޕޯސްޓްމޯޓަމް ހަދަން އެ ކުއްޖާގެ ހަށިގަނޑު މާދަމާ އިންޑިއާއަށް ފޮނުވަން ނިންމައިފި އެވެ.

އަވަސް އިން މިއަދު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ މަރާލާފައި އޮއްވާ ފެނުނު ކުއްޖާގެ ޕޯސްޓްމޯޓަމް ހެދުމަށް ހަށިގަނޑު ރާއްޖެއިން ބޭރަށް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތްތައް ނިމި މާދަމާ ފޮނުވާނެކަން ޔަގީން ކުރެވިފައިވާ ކަމަށެވެ.

"މިހާރު ހަމަޖެހިފައިވާ ގޮތުން އިރާދަކުރެއްވިއްޔާގެ ކުއްޖާގެ ހަށިގަނޑު އިންޑިއާއަށް ފޮނުވޭނެ،"

ކުޑަކުއްޖާ ރަހީނު ކޮށްގެން ގެންގުޅުމަށް ފަހު އޭނާ މަރާލާފައި އެއްލާލާފައި އޮއްވާ ފެނުނީ މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ރޭ މެންދަމު ހުޅުމާލެ ދެވަނަ ފިޔަވަހީގެ މޫދުންނެވެ. މޫދުތެރޭ އޭނާ އޮތީ ފޮށިގަނޑެއްގެ ތެރޭގަ އެވެ.

ކުއްޖާގެ މަރާ ގުޅިގެން 17 އަހަރުގެ ދިވެހި ފިރިހެން ކުއްޖަކާއި 27 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފަ އެވެ. ހަތާވީސް އަހަރުގެ މީހާ އަކީ ނ. ލަންދޫ، ބަގީޗާގޭ، އިބްރާހިމް ޒިހާނެވެ.

ހައްޔަރުކޮށްފައިވާ ދެ މީހުންނަކީ ވެސް ކުއްޖާގެ ދެ އެކުވެރިން ކަމަށްވެ އެވެ. މި ދެ މީހުންގެ ތެރެއިން 17 އަހަރުގެ ކުއްޖާގެ ބަންދަށް 15 ދުވަސް ކޯޓުން ވަނީ ޖަހައިދީފަ އެވެ. އަދި 27 އަހަރުގެ މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ވެސް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

މި މައްސަލަ ފުލުހާއި ހިއުމަން ރައިޓްސް ކޮމިޝަންގެ އިތުރުން މަޖިލީހުން ވެސް ދަނީ ބަލަމުންނެވެ.