ޕޯސްޓްމޯޓެމް ހެދުން

ކުއްޖާގެ ޕޯސްޓްމޯޓަމް ހަދަން ހަށިގަނޑު ބޭރަށް ފޮނުވައިފި

ރަހީނުކޮށް މަރާލައިފައިވާ 13 އަހަރުގެ ކުއްޖާގެ އޮޓްޕްސީއަށް ބޭނުންވާ ޕޯސްޓްމޯޓަމް އެގްޒަމިނިޝަން ހަދަން އޭނާގެ ހަށިގަނޑު އިންޑިއާ އަށް ފޮނުވައިފި އެވެ. އޭނާގެ ހަށިގަނޑު އިންޑިއާއަށް ގެންދިޔައީ މާލޭގައި ގަބުރު ރައްކާކޮށް ފިނި ކޮށާރު، މޯޗަރީގައި 15 ދުވަހު ބޭއްވުމަށް ފަހު އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު އަވަސް އަށް މިއަދު މައުލޫމާތު ދެއްވައި ވިދާޅުވީ މަރާލި ކުޑަ ކުއްޖާގެ ޕޯސްޓްމޯޓަމް ހަދަން ހަށިގަނޑު އިންޑިއާއަށް ފޮނުވާފައި ވަނީ މިއަދު ހެނދުނު 10:15 ގައި ކަމަށެވެ. މޯލްޑިވިއަންގެ ފްލައިޓަކުން ހަށިގަނޑު ގެންދިޔައީ އިންޑިއާގެ ޓްރެވެންޑްރަމަށް ކަމަށެވެ. އޭނާގެ ޕޯސްޓްމޯޓަމް ހަދާނީ ޓްރެވެންޑްރަމްގައި ހުންނަ އިންޑިއާ ސަރުކާރުގެ މެޑިކަލް ކޮލެޖްގަ އެވެ.

ކުޑަކުއްޖާ ރަހީނު ކޮށްގެން ގެންގުޅުމަށް ފަހު އޭނާ މަރާލާއި ފޮއްޓަކަށް ލުމަށްފަހު އެއްލާލާފައި އޮއްވާ ފެނުނީ މި މަހުގެ 22 ވަނަ ދުވަހުގެ ރޭ މެންދަމު ހުޅުމާލެ ދެވަނަ ފިޔަވަހީގެ މޫދުންނެވެ.

އެ ކުއްޖާގެ މަރާ ގުޅިގެން 17 އަހަރުގެ ދިވެހި ފިރިހެން ކުއްޖަކާއި 27 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރެއިން 27 އަހަރުގެ އެ މީހާ އަކީ ނ. ލަންދޫ، ބަގީޗާގޭ، އިބްރާހިމް ޒިހާނެވެ. ހައްޔަރު ކޮށްފައިވާ ދެ މީހުންނަކީ ވެސް ކުއްޖާގެ ދެ އެކުވެރިން ކަމަށްވެ އެވެ. މި ދެ މީހުންގެ ތެރެއިން 17 އަހަރުގެ ކުއްޖާގެ ބަންދަށް 15 ދުވަސް ކޯޓުން ވަނީ ޖަހައިދީފަ އެވެ. އަދި 27 އަހަރުގެ މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ވެސް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

މި މައްސަލަ ފުލުހާއި އެޗްއާރްސީއެމުގެ އިތުރުން މަޖިލީހުން ވެސް ބަލަ އެވެ. އަދި މި މައްސަލާގައި ޖެންޑާ މިނިސްޓްރީން ކަންކޮށްފައިވާ ގޮތުން އެ މިނިސްޓްރީއަށް ފާޑުކިޔުން އަމާޒުވެފައި ވެއެވެ. އަދި އެ މިނިސްޓްރީން ވަނީ ކުއްޖާގެ ހަބަރުތައް ރިޕޯޓް ކުރާތީ މިޑީއާއަށް އިންޒާރު ދީ އަވަސް އޮންލައިން ޖޫރިމަނާ ކޮށްފައެވެ.