މޯލްޑިވްސް ޕޮލިސް ސާވިސް

13 އަހަރުގެ ކުއްޖާގެ ޕޯސްޓްމޯޓަމް ހަދައިފި

މަރާލައި ހުޅުމާލޭގެ ފަޅުތެރެއަށް އެއްލާލާފައި އޮއްވާ ފެނުނު އުމުރުން 13 އަހަރުގެ ކުއްޖާގެ ޕޯސްޓްމޯޓަމް ހަދައިފި އެވެ. ޕޯސްޓްމޯޓަމް ހެދުމަށް އޭނާގެ ހަށިގަނޑު އިންޑިއާގެ ޓްރިވެންޑްރަމަށް ގެންދިޔައީ މިދިޔަ ހޯމަ ދުވަހު އެވެ.

ފުލުހުން ބުނީ ކުއްޖާގެ ޕޯސްޓްމޯޓަމެއް ހަދާފައިވާތީ ރިޕޯޓް ލިބުމުން ހަށިގަނޑު މާލެ ގެންނާނެ ކަމަށާއި އެ އިންތިޒާމުތައް ވެސް ހިނގާ ކަމަށެވެ.

ކުޑަކުއްޖާ ރަހީނު ކޮށްގެން ގެންގުޅުމަށްފަހު އޭނާ މަރާލާފައި އެއްލާލާފައި އޮއްވާ ފެނުނީ މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ރޭ މެންދަމު އެވެ.

ކުއްޖާގެ މަރާ ގުޅިގެން 17 އަހަރުގެ ދިވެހި ފިރިހެން ކުއްޖަކާއި 27 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރު ކޮށްފަ އެވެ. ހަތާވީސް އަހަރުގެ މީހާ އަކީ ނ. ލަންދޫ، ބަގީޗާގޭ، އިބްރާހިމް ޒިހާނެވެ.

ހައްޔަރުކޮށްފައިވާ ދެ މީހުންނަކީ ވެސް ކުއްޖާގެ ދެ އެކުވެރިން ކަމަށްވެ އެވެ. މި ދެ މީހުންގެ ތެރެއިން 17 އަހަރުގެ ކުއްޖާގެ ބަންދަށް 15 ދުވަސް ކޯޓުން ވަނީ ޖަހައިދީފަ އެވެ. އަދި 27 އަހަރުގެ މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ވެސް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.