ރާއިފް މަރާލުން

މަރާލި ކުއްޖާގެ ހަށިގަނޑު ރާއްޖެ ގެެނެސްފި

މަރާލައި ހުޅުމާލޭގެ ފަޅުތެރެއަށް އެއްލާލާފައި އޮއްވާ ފެނުނު އުމުރުން 13 އަހަރުގެ ކުއްޖާގެ ޕޯސްޓްމޯޓަމެއް ހެދުމަށް ފަހު އޭނާގެ ހަށިގަނޑު ރާއްޖެ ގެނެސްފި އެވެ.

އިންޑިއާގައި ޓްރިވެންޑްރަމްގައި ޕޯސްޓްމޯޓަމް ހެދުމަށް ފަހު އޭނާގެ ހަށިގަނޑު މާލެ ގެނައީ މިއަދު ކަމަށް ފުލުހުން ބުނެއެވެެ. ހަށިގަނޑު މާލެ ގެނައުމުގެ ކުރިން ޕޯސްޓްމޯޓަމްގެ ރިޕޯޓް ވެސް އޮތީ ލިބިފަ އެވެ.

ކުޑަކުއްޖާ ރަހީނު ކޮށްގެން ގެންގުޅުމަށް ފަހު އޭނާ މަރާލާފައި އެއްލާލާފައި އޮއްވާ ފެނުނީ މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ރޭ މެންދަމު އެވެ. އޭނާގެ މަރާ ގުޅިގެން 17 އަހަރުގެ ދިވެހި ފިރިހެން ކުއްޖަކާއި 27 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރު ކޮށްފަ އެވެ. ހަތާވީސް އަހަރުގެ މީހާ އަކީ ނ. ލަންދޫ، ބަގީޗާގޭ، އިބްރާހިމް ޒިހާނެވެ.

ހައްޔަރުކޮށްފައިވާ ދެ މީހުންނަކީ ވެސް ކުއްޖާގެ ދެ އެކުވެރިން ކަމަށްވެ އެވެ. އެ ދެ މީހުންގެ ތެރެއިން 17 އަހަރުގެ ކުއްޖާގެ ބަންދަށް 15 ދުވަސް ކޯޓުން ވަނީ ޖަހައިދީފަ އެވެ. އަދި 27 އަހަރުގެ މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ވެސް ކޯޓުން ވަނީ އަމުރު ކޮށްފަ އެވެ.