ރާއިފް މަރާލުން

މަރާލި ކުއްޖާގެ ހަށިގަނޑު 21 ދުވަސް ފަހުން ވަޅުލައިފި

މަރާލައި ހުޅުމާލޭގެ ފަޅުތެރެއަށް އެއްލާލާފައި އޮއްވާ ފެނުނު އުމުރުން 13 އަހަރުގެ ކުއްޖާގެ ޕޯސްޓްމޯޓަމް ހެދުމަށް ފަހު އޭނާގެ ހަށިގަނޑު ރާއްޖެ ގެނެސްފި ވަޅުލައިފި އެވެ. ކުއްޖާގެ ހަށިގަނޑު ވަޅުލާފައި މިވަނީ 21 ދުވަސް ފަހުންނެވެ.

ކުޑަކުއްޖާ ރަހީނު ކޮށްގެން ގެންގުޅުމަށް ފަހު އޭނާ މަރާލާ، އެއްލާލާފައި އޮއްވާ ފެނުނީ މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ރޭ މެންދަމު އެވެ.

ކުއްޖާގެ ޖަނާޒާ ކުރިއަށް ގެންގޮސްފައިވަނީ މިރޭ މަޣްރިބު ނަމާދަށް ފަހު އާސަހަރާގަ އެވެ.

ކުއްޖާގެ ޕޯސްޓްމޯޓަމެއް ހެދުމަށް ފަހު އޭނާގެ ހަށިގަނޑު ރާއްޖެ ގެނެސްފައިވަނީ މިއަދު އެވެ. ޕޯސްޓްމޯޓަމްގެ ނަތީޖާވެސް މިހާރު ލިބިފައިވާ ކަމަށް ފުލުހުން ބުނެ އެވެ. ނަމަވެސް ރިޕޯޓްގެ ތަފްސީލެއް އަދި ހާމައެއް ނުކުރެ އެވެ.

ކުއްޖާގެ މަރާ ގުޅިގެން 17 އަހަރުގެ ދިވެހި ފިރިހެން ކުއްޖަކާއި 27 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރު ކޮށްފަ އެވެ. ހަތާވީސް އަހަރުގެ މީހާ އަކީ ނ. ލަންދޫ، ބަގީޗާގޭ، އިބްރާހިމް ޒިހާނެވެ.

ހައްޔަރުކޮށްފައިވާ ދެ މީހުންނަކީ ވެސް ކުއްޖާގެ ދެ އެކުވެރިން ކަމަށްވެ އެވެ. އެ ދެ މީހުންގެ ތެރެއިން 17 އަހަރުގެ ކުއްޖާގެ ބަންދަށް 15 ދުވަސް ކޯޓުން ވަނީ ޖަހައިދީފަ އެވެ. އަދި 27 އަހަރުގެ މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ވެސް ކޯޓުން ވަނީ އަމުރު ކޮށްފަ އެވެ.