ރާއިފް މަރާލުން

ޕޯސްޓްމޯޓަމް ރިޕޯޓާއެކު ތަހުގީގު ދަނީ ފުރިހަމަ ކުރަމުން

މަރާލައި ހުޅުމާލޭގެ ފަޅުތެރެއަށް އެއްލާލާފައި އޮއްވާ ފެނުނު އުމުރުން 13 އަހަރުގެ ކުއްޖާގެ ޕޯސްޓްމޯޓަމް ރިޕޯޓް ލިބިފައިވާ ކަމަށާ އެ ރިޕޯޓާއެކު ތަހުގީގު ފުރިހަމަ ކުރަމުންދާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފި އެވެ.

ޕޯސްޓްމޯޓަމް ހެދުމަށް އޭނާގެ ހަށިގަނޑު އިންޑިއާގެ ޓްރިވެންޑްރަމަށް ގެންދިޔައީ މިދިޔަ މަހުގެ ފަސްވަނަ ދުވަހު އެވެ. އަދި މި މަހުގެ 12 ވަނަ ދުވަހުގެ ރޭ ކުއްޖާގެ ހަށިގަނޑު ވަނީ ވަޅުލާފައެވެ. ކުއްޖާގެ ހަށިގަނޑު ވަޅުލާފައިވަނީ 21 ދުވަސް ފަހުންނެވެ.

ފުލުހުން މިރޭ ބުނީ ޕޯސްޓްމޯޓަމް ރިޕޯޓް ލިބިފައިވާ ކަމަށެވެ. އަދި ގާނޫނުގައި ކަނޑައަަޅާފައިވާ މުއްދަތުގައި ޕީޖީ އޮފީހަށް ފޮނުވުމަށްޓަކައި ތަހުގީގު ފުރިހަމަ ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ކުއްޖާގެ މަރާ ގުޅިގެން 17 އަހަރުގެ ދިވެހި ފިރިހެން ކުއްޖަކާއި 27 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރު ކޮށްފަ އެވެ. ހަތާވީސް އަހަރުގެ މީހާ އަކީ ނ. ލަންދޫ، ބަގީޗާގޭ، އިބްރާހިމް ޒިހާނެވެ.

ހައްޔަރުކޮށްފައިވާ ދެ މީހުންނަކީ ވެސް ކުއްޖާގެ ދެ އެކުވެރިން ކަމަށްވެ އެވެ. އެ ދެ މީހުންގެ ތެރެއިން 17 އަހަރުގެ ކުއްޖާގެ ބަންދަށް 15 ދުވަސް ކޯޓުން ވަނީ ޖަހައިދީފަ އެވެ. އަދި 27 އަހަރުގެ މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ވެސް ކޯޓުން ވަނީ އަމުރު ކޮށްފަ އެވެ.