ރާއިފް މަރާލުން

ކުޑަކުއްޖާގެ ބަންދަށް އިތުރު 15 ދުވަސް

Jul 25, 2021

މަރާލައި ހުޅުމާލޭގެ ފަޅުތެރެއަށް އެއްލާލާފައި އޮއްވާ ފެނުނު އުމުރުން 13 އަހަރުގެ ކުއްޖާގެ މަރުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ 17 އަހަރުގެ ކުއްޖާގެ ބަންދަށް މުއްދަތު އިތުރުކޮށްފި އެވެ.

ކުއްޖާގެ މަރާ ގުޅިގެން 17 އަހަރުގެ ދިވެހި ފިރިހެން ކުއްޖަކާއި 27 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރު ކޮށްފަ އެވެ. ހަތާވީސް އަހަރުގެ މީހާ އަކީ ނ. ލަންދޫ، ބަގީޗާގޭ، އިބްރާހިމް ޒިހާނެވެ. އެ ދެ މީހުންނަކީ ވެސް ކުއްޖާގެ ދެ އެކުވެރިން ކަމަށްވެ އެވެ.

ފުލުހުން ބުނީ މި މަހުގެ 21 ވަނަ ދުވަހު 17 އަހަރުގެ ކުއްޖާގެ ބަންދަށް އިތުރު 15 ދުވަސް ކްރިމިނަލް ކޯޓުން ދީފައިވާ ކަމަށެވެ.

އޭނާގެ ބަންދުގެ މުއްދަތު ތިންވަނަ ފަހަރަށް އިތުރުކޮށްފައި ވަނީ އޭނާގެ ބަންދަށް ދެވަނަ ފަހަރަށް ދިން 13 ދުވަހުގެ މުއްދަތު ހަމަވާތީ ކޯޓަށް ހާޒިރުކުރުމުންނެވެ.

ކުޑަކުއްޖާގެ މަރުގެ މައްސަލާގައި 17 އަހަރުގެ ކުއްޖާ އާއި ޒިހާން ހައްޔަރުކުރީ މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހުގެ ރެ އެވެ. އެ ދެ މީހުން ބަންދުކޮށް އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މިދިޔަ ޖޫން މަހުގެ 22 ވަނަ ދުވަހު ކޯޓުން ވަނީ ޝަރީއަތް ނިމެންދެން ޒިހާން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފަ އެވެ. އެ ދުވަހު 17 އަހަރުގެ ކުއްޖާގެ ބަންދަށް ކްރިމިނަލް ކޯޓުން ފުރަތަމަ ފަހަރަށް ދީފައިވަނީ 15 ދުވަހެވެ.

ކުޑަކުއްޖާ ރަހީނު ކޮށްގެން ގެންގުޅުމަށްފަހު އޭނާ މަރާލާ އެއްލާލާފައި އޮއްވާ ފެނުނީ މިދިޔަ ޖޫން މަހުގެ 22 ވަނަ ދުވަހުގެ ރޭ މެންދަމު އެވެ.

އުމުރުން 13 އަހަރުގެ ކުއްޖާގެ މަރުގެ ފުނަށް ވާސިލްވުމަށް ކުއްޖާގެ ޕޯސްޓްމޯޓަމް ހެދުމަށްފަހު މިމަހުގެ 12 ވަނަ ދުވަހު އެ ކުއްޖާގެ ހަށިގަނޑު ވަނީ ވަޅުލާފަ އެވެ.