މަރާލުމަށްފަހު އެއްލާލާފައި އޮއްވާ ފެނުނު އުމުރުން 13 އަހަރުގެ މުހައްމަދު ރާއިފް އަންވަރުގެ މަރުގެ މައްސަލަ އާއި ގުޅިގެން ކުރިއަށް ގެންދާ ތަހުގީގަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފި އެވެ.
މަރާލާފައިވާ ކުއްޖާ ފެނުނީ ރޭ މެންދަމު 2:30 އެހާކަންހާއިރު ދެވަނަ ފިޔަވަހީގެ އިރުއުތުރު ފަޅުތެރޭގައި ފޮއްޓަކަށްލާ އެއްލާލާފައި އޮއްވައެވެ.
ކުއްޖާގެ މަރާއި ގުޅިގެން ފުލުހުންނާއި ޖެންޑާ މިނިސްޓްރީ ގުޅިގެން ދެންމެ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ފުލުހުން ބުނީ މި މައްސަލަ ހާއްސަ މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށެވެ. އަދި މި މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފައިވާއިރު ތަހުގީގަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށެވެ.
"މައްސަލާގައި މިހާތަނަށް ދެ ފަރާތެއް [މީހެއް] ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވި މައްސަލައިގެ ތަހުގީގުގައި ބޮޑެތި ކުރިއެރުންތަކެއް މިހާރު ވަނީ ހޯދިފައި،"
ނަމަވެސް ތަހުގީގަށް ލިބުނު ކުރިއެރުމަކީ ކޮބައިކަމެއް އަދި އެކަމުގެ އެއްވެސް ތަފްސީލެއް ނުދެއެވެ. އެހެން ކަމުން ހާދިސާ ހިނގަން މެދުވެރިވީ ސަބަބާއި މައްސަލައިގެ "މޯޓިވް"އެއް އަދި ހާމައެއް ނުވެއެވެ.
ނޫސްވެރިންގެ ބައްދަލްވުމުގައި ޗީފް އިސްޕެކްޓާ އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވިދާޅުވީ އިއްޔެ ހަވީރު ހުޅުމާލެ ދެވަނަ ފޭސްގައި ކުއްޖަކަށް އަނިޔާ ދީފައިވާ ކަމުގެ މައުލޫމާތު އާންމުންގެ ފަރާތުން ލިބުނު ކަމަށާ އެ ކުއްޖާއަށް އަނިޔާކޮށްފައިވަނީ ވަނުން މަނާކޮށްފައިވާ ސަރަހައްދެއްގައި ކަމަށެވެ.
ފުލުހުން ވަނީ މި ހާދިސާގެ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހަކު ހުރިނަމަ އެކަމެއް ހިއްސާކޮށް ދިނުމަށް އެދިފައެވެ.
"މިހާރު ދިވެހި ފުލުހުން މިކުރާ މަސައްކަތަކީ މި މައްސަލައިގެ އިތުރަށް ހޯދަން ޖެހޭ މައުލޫމާތު ހޯދާ މައްސަލަ ޝަރީއަތަށް ފޮނުވުމަށްޓަކައި އެކުރަން ޖެހޭ ހެކި ގަރީނާ ހޯދުމުގެ މަސައްކަތް. ފުލުހުންގެ ހިދުމަތުގެ އިލްތިމާސްއަކީ މި ހާދިސާއާ ގުޅިގެން އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތަކުން ދިވެހި ފުލުހުންގެ ހިދުމަތުގެ ނަންބަރު 9911099 ނުވަތަ 3000600 ނުވަތަ 1412 އާ ގުޅުއްވައިގެން ހިއްސާކޮށްދެއްވުން،" ރަޝީދު ވިދާޅުވިއެވެ.
މަރާލައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ސަރަހައްދެއްގެ ގޮނޑޮދޮށަށް އެއްލާލާފައި އޮތް އުމުރުން 13 އަހަރުގެ މުހައްމަދު ރާއިފް އަންވަރުގެ މަރުގެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ 17 އަހަރުގެ ކުޑަކުއްޖާއި 27 އަހަރުގެ މީހެކެވެ.