މޯލްޑިވްސް ޕޮލިސް ސާވިސް

ރާއިފްގެ ހަށިގަނޑު އުފުލިކަމަށް ބުނާ ކާރެއް ފާސްކޮށްފި

މަރާލުމަށްފަހު އެއްލާލާފައި އޮއްވާ ފެނުނު އުމުރުން 13 އަހަރުގެ މުހައްމަދު ރާއިފް އަންވަރުގެ މަރުގެ މައްސާގައި ކުއްޖާ އުފިލި ކަމަށް ޝައްކުކުރެވޭ ކާރެއް ބަލާ ފާސްކޮށް އެވެ.

މިކަމާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް އަވަސް އަށް ވިދާޅުވީ 13 އަހަރުގެ ކުއްޖާގެ މަރުގެ މައްސަލައާ ގުޅިގެން ތަހްގީގުގެ ބޭނުމަށް އެ ކުއްޖާ އުފުލިކަމަށް ޝައްކުކުރެވޭ ޓެކްސީއެއް ބަލާ ފާސްކޮށްފައިވާކަމަށެވެ. މައްސަލަ އަކީ ތަހުގީގީ މަރުހަލާގައިވާ ކަމަކަށް ވާތީ އޭގެ އިތުރު ތަފްސީލެއް ދެވެން ނެތް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ކުއްޖާގެ މަރާއި ގުޅިގެން ފުލުހުންނާއި ޖެންޑާ މިނިސްޓްރީ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ޗީފް އިސްޕެކްޓާ އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވިދާޅުވީ 21 ވަނަ ދުވަހުގެ ހަވީރު ހުޅުމާލެ ދެވަނަ ފޭސްގައި ކުއްޖަކަށް އަނިޔާކޮށްފައިވާ ކަމުގެ މައުލޫމާތު އާންމުންގެ ފަރާތުން ލިބިފައިވާ ކަމަށެވެ. އެ ކުއްޖާއަށް އަނިޔާކޮށްފައިވަނީ ވަނުން މަނާކޮށްފައިވާ ސަރަހައްދެއްގައި ކަމަށްވެސް ރަޝީދު ވިދާޅުވިއެވެ.

ރާއިފް މަރާލާފައި އޮއްވާ ފެނުނީ މިމަހުގެ 21 ވަނަ ދުވަހުގެ ރޭ މެންދަމު 2:30 އެހާކަންހާއިރު ދެވަނަ ފިޔަވަހީގެ އިރުއުތުރު ފަޅުތެރޭގައި ފޮއްޓަކަށްލާ އެއްލާލާފައި އޮއްވައެވެ. ކުއްޖާގެ މަރުގެ މައްސަލާގައި ދެ މީހަކު ވަނީ މިހާތަނަށް ހައްޔަރުކޮށްފައެވެ. އެއީ 17 އަހަރުގެ ކުޑަކުއްޖާއި 27 އަހަރުގެ މީހެކެވެ.

ފުލުހުން ވަނީ އެ ހާދިސާގެ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހަކު ހުރިނަމަ އެކަމެއް ހިއްސާކޮށް ދިނުމަށް ވެސް އެދިފައެވެ.