ރާއިފް މަރާލުން

ރާއިފުގެ މަރު: ބޮޑުމީހާ ޝަަރީއަތް ނިމެންދެން، ކުއްޖާއަށް 15 ދުވަހުގެ ބަންދެއް

މަރާލުމަށް ފަހު ހުޅުމާލޭގެ ސަރަހައްދެއްގެ މޫދަށް އެއްލާލާފައި އޮއްވާ ރޭ މެންދަމު ފެނުނު ކުޑަކުއްޖާގެ މަރުގެ ތުހުމަތަށް ހައްޔަރުކުރި 17 އަހަރުގެ ދިވެހި ފިރިހެން ކުއްޖާގެ ބަންދުގެ މުއްދަތު ކޯޓުން ޖަހައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ މައްސަލައިގައި ހައްޔަރު ކުރި 17 އަހަރުގެ ދިވެހި ފިރިހެން ކުއްޖާވެ ބަންދަށް 15 ދުވަހުގެ މުއްދަތު މިހާރު ޖަހައިފައިވާ ކަމަށެވެ. އަދި ހަމަ އެ މައްސަލައިގައި ހައްޔަރު ކުރި 27 އަހަރުގެ ދިވެހި ފިރިހެން މީހާ ޝަރީއަތް ނިމެންދެން ބަންދުކުރާ ގޮތަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

އަވަސް އަށް އެނގިފައިވާ ގޮތުގައި ހައްޔަރުކުރި ދެ މީހުންގެ ތެރެއިން އުމުރުން 27 އަހަރުގެ މީހާ އަކީ ނ. ލަންދޫ، ބަގީޗާގޭ، އިބްރާހިމް ޒިހާނެވެ.

މުހައްމަދު ރާއިފް އަންވަރު މަރާލާފައި އޮއްވާ ފެނުނީ ރޭ މެންދަމު 2:30 އެހާކަންހާއިރު ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ސަރަހައްދަކުންނެވެ. ގދ. މަޑަވެއްޔަށް ނިސްބާތްވާ އުމުރުން 13 އަހަރުގެ ރާއިފް މަރާލައިފައި އޮއްވާ ފެނުމުގެ ކުރިން އޭނާ ރަހީނު ކޮށްފައިވާ ކަމަށް ބުނާ މައްސަލައެއް މިދިޔަ އާދީއްތަ ދުވަހު ފުލުހަށް ވެސް އޮތީ ހުށަހަޅައިފަ އެވެ. ފުލުހުން އައީ އެ މައްސަލަ ބަލަމުންނެވެ.

ރާއިފްގެ މަރުގެ މައްސަލަ ފުލުހުން ބަލަމުންދާ އިރު ތަހުގީގަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ފުލުހުން މިއަދު ވަނީ ބުނެފަ އެވެ. އަދި ރާއިފަށް މުއައްސަސާތަކުން ދޭން ޖެހޭ ރައްކާތެރެކަން ފޯރުކޮށްދީފައިިވޭތޯ ބެލުމުގެ މަސައްކަތް ވެސް ރައްޔިތުންގެ މަޖިލީހުން މިހާރު ދަނީ ބަލަމުން ނެވެ.