ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް

މިޔަރު އުރަހަ ބޭރުކުރަން އުޅުނު ބަޔަކަށް ދައުވާކޮށްފި

މިދިޔަ ޖެނުއަރީ މަހު ރާއްޖެއިން ގިނަ އަދަދެއްގެ މިޔަރު އުރަހަތަކެއް ބޭރުކުރަން އުޅުނު ދެ މީހެއްގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ދައުވާ ކުރަން ފޮނުވައިފި އެވެ.

ޕީޖީ އޮފީހުން މިއަދު ބުނީ މި މައްސަލާގައި ދައުވާ އުފުލާފައި ވަނީ މ. ސެންޓްރޯސެމާ، އައްބާސް އަބްދުﷲ އާއި ހދ. ކުޅުދުއްފުށި ކިރުދޫނިގެ، އަހުމަދު މުހައްމަދުގެ މައްޗަށް ކަމަށެވެ.

މި ދެމީހުންގެ މައްޗަށް އުފުލާފައި ވަނީ ދިވެހިރާއްޖެއިން ސިއްރުން މުދާ ބޭރުކުރަން އުޅުނު ކުށުގެ ދައުވާ އާއި އޮޅުވާލުމުގެ އަމަލެއް ހިންގުމުގެ ދައުވާގެ އިތުރުން ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާ އެވެ.

ރާއްޖެއިން ވަގަށް ބޭރުކުރަން އުޅެނިކޮށް މިދިޔަ ޖެނުއަރީ މަހު ހިފަހައްޓާފައި ވަނީ 21 ފޮށި ގަނޑުގައި ބަންދުކޮށްފައި ހުރި 429 ކިލޯގެ މިޔަރު އުރަހަ އެވެ. އޭގެ ތެރޭގައި ލޮނު އެޅި މިޔަރު މަސް ވެސް ހުއްޓެވެ.

ރާއްޖޭގައި މިޔަރު ހިފުމާއި މިޔަރަށް ގޯނާ ކުރުމަކީ މަނާ ކަމެކެވެ. މިޔަރަކީ ހިމާޔަތްކޮށްފައިވާ އެއްޗެކެވެ.