ހެއިޓީން އަސްކަރީ އެހީއަށް އެދިފައިވާ ކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނެފި އެވެ. ހެއިޓީން ވަނީ ސަލާމަތާއި ރައްކާތެރިކަށް އެދި އެމެރިކާގެ އިތުރުން އދ. އަށް ވެސް ހުޅަހަޅާފަ އެވެ.
ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނަކު މީޑިއާއަށް ބުނި ގޮތުން އެމެރިކާއިން ހެއިޓިއަށް އެހީތެރި ވެދޭނެ އެވެ. އޭނާ ބުނީ ހެއިޓީގެ ވަގުތީ ބޮޑުވަޒީރު ކްލޯޑް ޖޯސެފްއާ ގުޅިގެން އެހީ ބޭނުންވާ ކަންކަން ކަނޑައަޅަމުން އަންނަ ކަމަށެވެ.
ރިޕޯޓްތައް ބުނާ ގޮތުން ހެއިޓީގައި މިހާރު ގާއިމު ކޮށްފައި އޮތް އިންތިގާލީ ސަރުކާރުން ވަނީ އެ ގައުމުގައި އެމެރިކާ ސިފައި ބޭތިއްބުމަށް ވެސް އެދިފަ އެވެ. ހަބަރުތައް ބުނާ ގޮތުން 500 އެއްހާ ސިފައި ހެއިޓީއަށް ބޭނުންވެ އެވެ.
ގޮތް ނޭނގޭ ގުރޫޕަކުން ހަތިޔާރާއެކު ރައީސް ޖޮވެނެލް މޮއިސް ގެކޮޅަށް ވަދެ ވަނީ އަވަހާރަ ކޮށްލާފަ އެވެ. އެއިރު އަނބިކަނބަލުން ވެސް ގެކޮޅުގައި އުޅުއްވި އެވެ. ރައީސް އަވަހަރަ ކޮށްލި މީހުން ހޯދަން ހެއިޓީ ފުލުހުން ކުރި މަސައްކަތުން ބައެއް މީހުން އަތުޖެހިފައި ވާއިރު ހަމަލާ އުފެދިގެން އައިސްފައި ވަނީ ގައުމުން ބޭރުން ކަމަށް ވެސް މިހާރު އޮތީ ބެލެވިފަ އެވެ.