ހެއިޓީގެ ރައީސް ޖޮވެނެލް މޮއިސް އަވަހާރަކޮށްލުމާ ގުޅިގެން އެ ގައުމުން ވަނީ އެމެރިކާއާ އދ. ގެ އަސްކަރީ އެހީއަށް އެދިފަ އެވެ. ރިޕޯޓްތައް ބުނާ ގޮތުން ހެއިޓީން އަސްކަރީ އެހީއަށް އެދުނު ނަމަވެސް އެމެރިކާއިން އަޅައެއް ނުލާނެ އެވެ. އަދި އެ ގައުމުގެ މަސްލަހަތު ބަލަހައްޓަން ސިފައިނެއް ނުފޮނުވާނެ އެވެ.
ރައީސް ޖޯ ބައިޑަންގެ ސަރުކާރުގެ އޮފިޝަލަކާ ހަވާލަދެއްވައި ވޯލް ސްޓްރީޓް ޖާނަލުން ބުނި ހެއިޓީއަށް ސިފައިން ފޮނުވުމަށް ވުރެ ކޮންސަލްޓެންސީ ދިނުން މާރަނގަޅު ކަމަށެވެ. އޭނާ ވިދާޅުވި ގޮތުން އެއީ ދެ ގައުމަށް ވެސް އެންމެ ފައިދާ ބޮޑު ގޮތެވެ.
ވޯލް ސްޓްރީން ޖާނަލުން ބުނީ މޮއިސް އަވަހާރަކޮށްލި މައްސަލަ އެމެރިކާއިން ބަލަމުން ގެންދާ ކަމަށާއި ޖާސޫސީ ގޮތުން ފުންނާބު އުސް މާހިރުންގެ ލަފާ ހޯދާ ކަމަށެވެ.
އޮފިޝަލް ވިދާޅު ކަމަށް ވޯލް ސްޓްރީޓް ޖާނަލުން ބުނަނީ އެމެރިކާއިން އެފްބީއައި އޭޖެންޓުންނާއި ހޯމްލޭންޑް ސެކިޔުރިޓީ އޮފިސަރުން ހެއިޓީއަށް ފޮނުވާނެ ކަމަށާއި ހަމަލާދިން ގޮތުގެ ތަހުގީގެއް ކުރާނެ ކަމަށެވެ.
މޮއިސް އަވަހާރަކޮށްލާފައި ވަނީ އެމަނިކުފާނުގެ ގެކޮޅަށް ގޮތް ނޭނގޭ ގުރޫޕަކުން ހަތިޔާރާއެކު ވަދެ އެވެ. އެއިރު އަނބިކަނބަލުން ވެސް ގެކޮޅުގައި އުޅުއްވި އެވެ.
ރައީސް އަވަހަރަ ކޮށްލި މީހުން ހޯދަން ހެއިޓީ ފުލުހުން ކުރި މަސައްކަތުން ބައެއް މީހުން އަތުޖެހިފައި ވާއިރު ހަމަލާ އުފެދިގެން އައިސްފައި ވަނީ ގައުމުން ބޭރުން ކަމަށް ވެސް މިހާރު އޮތީ ބެލެވިފަ އެވެ.