ޕާކިސްތާނުން ދުރު ރާސްތާ ބެލިސްޓިކް މިސައިލް އުފައްދަން މަަސައްކަތްކުރާ ކަމަށް އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސްގެ އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.
އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ އިދާރާގެ މުޝީރުގެ އެހީތެރިއާ، ޖޯން ފިނާ ވިދާޅުވި ގޮތުގައި، ޕާކިސްތާނުން އުފައްދާ މިސައިލްތައް ދެކުނު އޭޝިއާ ފަހަނައަޅައި އެމެރިކާއަށް ވެސް ފޯރާނެ އެވެ.
ޕާކިސްތާން އަކީ ނިއުކްލިއާ ގައުމެއް ކަމަށް ވިދާޅުވަމުން ޖޯން ފިނާ ވިދާޅުވީ، އެމެރިކާއިން ޕާކިސްތާންއާ މެދު ސަމާލުވާން ޖެހެނީ އެއީ މިހާރުވެސް އަސްކަރީ ގޮތުން ބާރުގަދަ ގައުމަކަށް ވުމުގެ އިތުރުން، ނިއުކްލިއާ ގައުމަކަށް ވާތީ ކަމަށެވެ.
ބެލިސްޓިކް މިސައިލްތަކުގައި ނިއުކްލިއާ ވޯހެޑް ހަރުކުރުމަކީ ޕާކިސްތާނަށް އެއްވެސް ކަމެއް ނޫންކަން ފާހަގަކުރައްވައި ތަރުޖަމާންގެ އެހީތެރިޔާ ވިދާޅުވީ އިސްލާމްއާބާދުގެ ނިޔަތާ މެދު އެމެރިކާ ސަލާމުވާން ޖެހޭ ކަމަށެވެ.
ޕާކިސްތާނުން ބެލިސްޓިކް މިސައިލް ޕްރޮގްރާމެއް ހިންގަން ޖެހޭ ސަބަބެއް އޮތް ކަމަށް ފެނިވަޑައި ނުގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ އެމެރިކާއަށް ބިރަކަށް ނުވާނެ އެއްވެސް ގޮތެއް ނެތް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ދުނިޔޭގެ މަސްލަހަތު ގެއްލުވާލުމަށް ޕާކިސްތާނަށް ފުރުސަތު ނުދެވޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އަސްކަރީ ގޮތުން ނުވަތަ އިގުތިސާދީ ގޮތުން ދަތިކޮށްގެން ނަމަވެސް، މިސައިލް ޕްރޮގްރާމް ހުއްޓުވަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އިސްލާމްއާބާދުގައި މިހާރުވެސް ދުރު ރާސްތާ ބެލިސްޓިކް މިސައިލް ހުރި ކަމަށް ތަރުޖަމާންގެ އެހީތެރިޔާ ވިދާޅުވި އެވެ. ޕާކިސްތާން އަކީ މިސައިލް ޓެކްނޮލޮޖީގައި ބާރުގަދަ އަދި އެމެރިކާއަށް ގޮތް ނޭނގޭ ޓެކްނޮލޮޖީ ގެންގުޅޭ ގައުމެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އެމެރިކާއަށް ގަބޫލުނުކުރެވޭ ފެންވަރަށް ހަތިޔާރު އުފައްދާ ކަމަށް ބުނެ -- ޚާއްސަކޮށް މިސައިލް އުފައްދާ ކަމަށް ބުނެ އެމެރިކާޢިން މިހާރުވެސް އޮތީ ޕާކިސްތާނަށް ދަތިކޮށްފަ އެވެ.
މިސައިލް ޕްރޮގްރާމާ ބެހޭ ގޮތުން އެމެރިކާއާ މަޝްވަރާކުރުމަށް ވޮޝިންގްޓަނުން ވަނީ އިސްލާމްއާބާދަށް މަޖުބޫރުކޮށްފަ އެވެ.