ދުނިޔެ

ޕާކިސްތާންގައި ގާނޫން ނެގެހެއްޓިފައި އޮތަތީ އުފާކުރަން: އެމެރިކާ

ޕާކިސްތާންގައި ގާނޫނީ ބާރު ސުލްހަވެރި ކަމާއެކު ދެމެހެއްޓިފައި އޮތުމަކީ އުފާ ކުރަން ޖެހޭ ކަމެއް ކަމަށް އެމެރިކާ ބުނެފި އެވެ. ވައިޓް ހައުސްގެ ތަރުޖަމާން ޖެން ސާކީ ވިދާޅުވި ގޮތުގައި ޕާކިސްތާން ހަމަމަގަށް އަޅުވަން ސިޔާސީ ޕާޓީތަކުން ކުރާ މަސައްކަތްތަކަށް އެމެރިކާ ތާއީދުކުރެ އެވެ.

ޖެން ސާކީ ވިދާޅުވީ ވަކި ޕާޓީއެއް އެމެރިކާއާ މާ ގާތް ބޮޑު ނޫން ކަމަށާއި ސުލްހަވެރިކަމާ އެކު ދަމަހައްޓާ ސިޔާސަޔަށް އެމެރިކާ ތާއީދު ކުރަނީ ކަމަށެވެ.

ޕާކިސްތާންގެ ބޮޑުވަޒީރުގެ މަގާމުން އިމްރާން ހާން ދުރު ކުރުމަށް ފަހު އެ މަގާމަށް އާ ބޮޑުވަޒީރަކު ވަނީ އައްޔަން ކޮށްފަ އެވެ. ގާނުންހަދާ މަޖިލީހުގައި އަޣުލަބިއްޔަތު އޮތް ކަަމަށް ސާބިތު ކޮށްދެވުމާއެކު ޝެހެބާޒް ޝަރީފް މިހާރު ވަނީ ބޮޑުވަޒީރުގެ މަގާމަށް އިސްކޮށްފަ އެވެ.

އިމްރާން ހާން ވިދާޅުވި ގޮތުގައި ބޮޑުވަޒީރުގެ މަގާމުން އޭދާ ދުރުކުރަން އިދިކޮޅު ޕާޓިތަކުން މަސައްކަތް ކުރީ އެމެރިކާއާ ގުޅިގެން ކަމަށެވެ. އެމެރިކާ ބުނާ ގޮތުން ޕާކިސްތާން ސަރުކާރު ވައްޓާލަން އެ ގައުމުން އެއްވެސް ކަމެއް ނުކުރެ އެވެ.

އިމްރާނަނީ އެމެރިކާއަށާއި އެގައުމުގެ ސިޔާސަތަށް ވަރަށް ފާޑުވިދާޅުވާ ބޭފުޅެކެވެ. ޝެހެބާޒް ޝަރީފް ވިދާޅުވި ގޮތުގައި ޕާކިސްތާންގައި ވެރިކަން ކުރައްވާނީ އެންމެންނާ ވެސް ގުޅިގެން އަދި ގައުމަށް ފައިދާ ބޮޑު ގޮތަށެވެ.

އެމެރިކާ އަކީ ވެސް ގާތް ގައުމެއް ކަމަށް ވިދާޅުވެ ޝެހެބާޒް ވިދާޅުވީ އެންމެ ގާތީ ޗައިނާއާ ތުރުކީ ކަމަށެވެ. އަދި ސަރަހައްދީ އެއްބާރުލުމެއް އުފައްދަން މަސައްކަތް ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ޖެން ސާކީ ވިދާޅުވި ގޮތުގައި ޕާކިސްތާނަކީ އެމެރިކާއަށް މުހިންމު ގައުމެކެވެ. އެމެރިކާގެ ސިޔާސަތު ތަންފީޒު ކުރުމުގައި ވެސް ޕާކިސްތާނަކީ ބައިވެރިއެއް ކަމަށް ވިދާޅުވި އެވެ.

އޭނާ އަދި ވިދާޅުވީ އެމެރިކާއިން ސިޔާސަތު ކަނޑައަޅަނީ އެ ގައުމެއްގައި ވެރިކަމަށް ބަލައިގެން ނޫން ކަމަށާއި މަގާމެއްގައި ވަކި ބޭފުޅަކު ހުރުމަކީ މައްސަލައެއް ކަމަށް ނުދެކޭ ކަމަށެވެ.