ދުނިޔެ

ޕާކިސްތާންގެ ބޮޑުވަޒީރަށް އެމެރިކާ މަރުހަބާ ކިޔައިފި

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން، ޕާކިސްތާންގެ އާ ބޮޑުވަޒީރު ޝެހެބާޒް ޝަރީފްއަށް މަރުހަބާ ދަންނަވައި ސްޓޭޓް ޑިޕާޓްމަންޓުން ބަޔާނެއް ނެރުއްވައިފި އެވެ.

ޕާކިސްތާންގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ އިތުބާރު ނެތް ކަމަށް ގާނޫން ހަދާ މަޖިލީހުގައި، ވޯޓުން ސާބިތު ކުރެއްވުމަށް ފަހު، ޝެހެބާސް ޝަރީފް މިހާރު ހުންނެވީ ބޮޑުވަޒީރުގެ މަގާމުގަ އެވެ.

އެންތަނީ ބްލިންކެން ވިދާޅުވި ގޮތުގައި ޕާކިސްތާން އާއި އެމެރިކާއަކީ ގަދީމީ ޒަމާނުއްސުރެ އެކުވެރި، ބައިވެރިންނެވެ. ދެ ގައުމުގެ ގުޅުން 75 އަހަރާ ހަމައަށް އަންނައިރު ޕާކިސްތާންއާއެކު އޮންނަ ގާތްކަން އެމެރިކާ ވަޒަންކުރާ ކަމަށް ވެސް ވިދާޅުވި އެވެ.

ޕާކިސްތާން އަކީ އެމެރިކާގެ ބައިވެރިއެއް ކަމަށް ވިދާޅުވެ އެންތަނީ ބްލިންކެން ވިދާޅުވި ގޮތުގައި އުންމީދު ކުރައްވަނީ ބުރޫނާރާ ފަދަ ގުޅުމަކަށެވެ. އަފްޣާނިސްތާނާ ގުޅިފައި އޮތް ސަރަހައްދުގައި އެމެރިކާގެ މަސްލަހަތު ދެމެހެއްޓުމަށް ޕާކިސްތާނުން އެހީތެރި ވެދޭ ކަމަށް ވެސް ސެކްރެޓަރީ އޮފް ސްޓޭޓް ވިދާޅުވި އެވެ.

ސްޓޭޓް ޑިޕާޓްމަންޓްގެ ބަޔާނުގައި ބުނެފައިވާ ގޮތުން ދުނިޔޭގެ މަސްލަހަތަށް ޓަކައި ޕާކިސްތާނާ ގުޅިގެން އެމެރިކާ މަސައްކަތް ކުރާނެ އެވެ. އަދި ދެ ގައުމަށް ފައިދާ ހުރި ހުރިހާ ކަމެއްގައި އެމެރިކާ އޮތީ ޕާކިސްތާނާ އެކުގަ އެވެ.

އެންތަނީ ބްލިންކެންގެ ބަޔާން އޮތީ ޕާކިސްތާނަށް މިވަގުތު މާބޮޑު ޕްރެޝަރެއް ކުރަން ބޭނުން ނުވާ ގޮތަށެވެ. ޝެހެބާޒް ޝަރީފް ބޮޑުވަޒީރުކަމާ ހަވާލުވެ ވަޑައިގެން އަދި ގައުމު ހަމައަކަށް ނޭޅެ އެވެ. އެހެންކަމުން އެމެރިކާގެ ވިސްނުމަކީ އެޖެންޑާ ފެތުރުމުގެ ކުރިން ވަގުތު ދިނުމެވެ.

ޕާކިސްތާންގައި އެމެރިކާގެ އަސްކަރީ އިމާރާތެއް ބިނާކުރުމަށް އެމެރިކާއިން އޮތީ އެދިފަ އެވެ. އެހެން ނަމަވެސް އިމްރާން ހާންގެ ބޮޑުވަޒީރުކަމުގައި އެކަމަށް ހުއްދަ ދެއްވާފައެއް ނުވެ އެވެ. އަދި އެމެރިކާއަށް ބާރުލިބޭ ގޮތަށް ޕާކިސްތާންގެ އެތެރެއިން އެއްވެސް ކަމެއް ހުޅުވާލައްވާފައި ވެސް ނުވެ އެވެ.