ޕާކިސްތާނަށް ބޮޑުވަޒީރަކު އައްޔަން ކުރުމާ މެދު ގާނޫނު ހަދާ މަޖިލީހުން މިއަދު ގޮތެއް ނިންމާނެ އެވެ. އެ މަގާމަށް ވާދަ ކުރައްވާ ދެ ބޭފުޅުންނަކީ ޝެހެބާޒް ޝަރީފް އާއި ޝާހް މަހްމޫދު ގުރައިޝީ އެވެ.
އިދިކޮޅު ޕާޓީތައް ގުޅިގެން ބޮޑުވަޒީރު ކަމުން އިމްރާން ހާން ބޭރު ކުރުމަށް އިތުބާރު ނެތް ކަމަށް ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅައި ވަނީ ފާސް ކޮށްފަ އެވެ. އެހެންކަމުން ޕާކިސްތާންގައި މިވަގުތު ބޮޑުވަޒީރެއް އަދި ގާނޫނީ ފުރިހަމަ ސަރުކާރެއް ނެތެވެ.
ބޮޑުވަޒީރުގެ މަގާމަށް އިދިކޮޅުން ހުށަހަޅާފައި ވަނީ ޝެހެބާޒް ޝަރީފް 70، އެވެ. އޭނާއަކީ ޕާކިސްތާންގައި ކުރިން ބޮޑުވަޒީރުކަން ތިންފަހަރު ކުރައްވާފައިވާ ނަވާޒް ޝަރީފްގެ ކޮއްކޮ އެވެ.
ޝެހެބާޒް ޝަރީފް ކުރިން އަދާ ކުރެއްވި މަގާމުތަކުގެ ތެރޭގައި ޕަންޖާބް ޕްރޮވިންސްގެ ޗީފް މިނިސްޓަރުކަން ހިމެނެ އެވެ.
އިމްރާން ހާންއާ ޚިލާފަށް ޝެހެބާޒްގެ ވިސްނުން ހުރީ އެމެރިކާއާ ގުޅުން ބަދަހި ކުރާ ގޮތަށެވެ. ބޭރު އަދި ޕާކިސްތާނަށް މީގެ ކުރިން ބީރައްޓެހި ބައެއް އެހެން ގައުމުތަކާ އެކުވެސް ގުޅުން ބަދަހިކުރާ ގޮތަށެވެ.
ގާނޫން ހަދާ މަޖިލީހުގައި ބޮޑުވަޒީރަކު ހޮވަން ނަގާ ވޯޓުގައި ޝެހެބާޒް ޝަރީފްއާ ވާދަ ކުރައްވާނީ އިމްރާން ހާން ސަރުކާރުގެ ފޮރިން މިނިސްޓަރު ޝާހް މަހްމޫދު ގުރައިޝީ އެވެ.
ޝާހް މަހްމޫދު ގުރައިޝީ އަކީ ޕާކިސްތާން އާ ޖީލަކަށް ބަދަލު ކުރުމަށް ހިތްވަރު ކުރެއްވި ބޭފުޅެކެވެ. ދުނިޔޭގެ ގައުމުތަކާއެކު ގުޅުން ބަދަހި ކުރުމުގައި ޕާކިސްތާނަށް ފައިދާ ބޮޑު ގޮތް ބައްލަވައި އަވައްޓެރި އަދި އަރަބި ގައުމުތަކާއެކު ވަރަށް ގާތް ގުޅުންތަކެއް އުފަން ކުރެއްވި ބޭފުޅެކެވެ.
އެހެން ނަމަވެސް، ބޮޑުވަޒީރުގެ ގޮނޑި ލިބިވަޑައިގަންނަވާ ބޭފުޅަކު ގާނޫނު ހަދާ މަޖިލީހުން 172 މެމްބަރުންގެ ތާއީދު ހޯއްދަވަން ޖެހެ އެވެ. އެއީ މަޖިލީޙުގެ އަޣުލަބިއްޔަތެވެ. މަޖިލީހުގައި ހިމެނެނީ 342 ގޮނޑި އެވެ.
ޝެހެބާޒްއަށް ތާއީދުކުރާ މެމްބަރުންގެ އަދަދު 176 އަށް އަރާ ކަމަށް އިދިކޮޅުން ބުނެ އެވެ. މަޖިލީހުގައި އިމްރާން ބޭރުކުރަން ނެގި ވޯޓުގައި އިދިކޮޅުން 174 މެމްބަރުން ތާއީދުކުރި އެވެ.