ޕާކިސްތާނުގެ އާ ސަރުކާރު ބަލައިގަތުމާ މެދު ވިސްނާވަޑައި ގަތުމަށް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ބައެއް މެމްބަރުން، ބައިޑަން އާއި ބްލިންކެންއަށް ގޮވާލައްވައި ސިޓީއެއް ފޮނުވައިފި އެވެ.
ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ އެދުމަކީ -- ޕާކިސްތާންގައި މިދާކަށް ދުވަހު އޮތް އާންމު އިންތިހާބުގައި ކަންތައްތައް ހިނގާފައިވާ ގޮތް ރަނގަޅަށް ބަލާފާފައި ނޫނީ -- އާ ސަރުކާރު ބަލައި ނުގަތުމެވެ.
ރިޕޯޓްތައް ބުނާ ގޮތުން އިންތިހާބު ބާއްވާފައިވަނީ އަސްކަރިއްޔާގެ ނުފޫޒާ އެކު އެވެ. މޯބައިލް ފޯނާއި އިންޓަނެޓް ފަދަ މުވާސަލާތީ ހިދުމަތްތަައް ވެސް ވަނީ އިންތިހާބު އޮތް ދުވަހު ކަނޑާލާފަ އެވެ. އަދި ނަތީޖާ އާންމުކުރުން ވަރަށް ބޮޑަށް ލަސްކޮށް ނަތީޖާ އޮޅުވާލާފައިވާ ކަމަށްވެސް އަޑުތައް އިވެ އެވެ.
ޕާކިސްތާންގައި އިންތިހާބު އޮތް ދުވަހުގެ މާހައުލާ މެދު ކަންބޮޑޮވުން އޮތްކަން، އެމެރިކާއާ އިނގިރޭސިވިލާތް އަދި ޔޫރަޕިއަން ޔޫނިއަނުން ވެސް ވަނީ ހާމަކޮށްފަ އެވެ.
މި އިންތިހާބުގައި އެންމެ ގިނަ ވޯޓު ހޯދާފައިވަނީ ޕާކިސްތާންގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންއަށް ތާއިދުކުރާ އާންމު މެމްބަރުންނެވެ.
އިމްރާން ޚާންގެ ޕާޓީ -- ޕާކިސްތާން ތަހްރީކޭ އިންސާފް އަށް މި އިންތީހާބުގައި ވާދަނުކުރެވުނީ ސަރުކާރުގެ ނުފޫޒާ އެކު އިލެކްޝަން ކޮމިޝަނުން ޕާޓީގެ ހަރަކާތްތައް ހުއްޓުވައި އިންތިހާބުގައި ވާދަކުރުން މަނާކޮށްފައި އޮތުމުންނެވެ.
އިމްރާން ހާންއަށް ތާއީދުކުރާ ވަކިވަކި މެމްބަރުންނަށް ކިތަންމެ ގިނަ ވޯޓެއް ލިބުނު ނަމަވެސް ޕާކިސްތާންގެ ގާނޫނު އޮންނަ ގޮތުން ޕާޓީއަކާ ނުގުޅި ސަރުކާރެއް ނުއުފެއްދެ އެވެ.
އެހެންކަމުން ޕާކިސްތާންގައި އާ ސަރުކާރެއް އުފެއްދުމަށް ފުރުސަތު އޮތީ، ޕާކިސްތާންގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ޕާކިސްތާން މުސްލިމް ލީގް - ނަވާޒް (ޕީއެމްއެލް-އެން) އަށެވެ.
ޕާކިސްތާން މުސްލިމް ލީގަށްވެސް އެހެން ޕާޓީއަކާ ކޯލިޝަން ނުހަދައި ސަރުކާރެއް އުފެއްދޭ ވަރަށް ވޯޓު ލިބިފައެއް ނުވެ އެވެ. މިހެންކަމުން މުސްލިމް ލީގުން ވަނީ ޕާކިސްތާން ޕީޕަސް ޕާޓީއާ އެކު ކޯލިޝަން ހަދަން އެއްބަސްވެފަ އެވެ.
އިމްރާން ޚާންއަށް ތާއީދުކުރާ ކެންޑިޑޭޓުން 93 ގޮޑި ވަނީ ކަށަވަރުކޮށްފަ އެވެ. ނަފާޒް ޝަރީފަށް ލިބިވަޑައިގެންފައިވަނީ 79 ގޮޑި އެވެ. ޕާކިސްތާން ޕީޕަލަސް ޕާޓީއަށް 54 ގޮނިޑި އެވެ.
މިހެން ކަން އޮތުމުން ޕާކިސްތާންގައި އާ ސަރުކާރެއް އުފެއްދުމަށް ފުރަސަތު ބޮޑީ ނަވާޒް ޝަރީފަށެވެ.
އެމެރިކާގެ ގާނޫނު ހަދަ މަޖިލީހުގެ މެމްބަރުންގެ ގޮވާލުމަކީ މިނިވަން އޮޑިޓެއް ހެދުމަށް ފަހު ނޫނީ ޕާކިސްތާންގެ އާ ސަރުކާރު ބަލައި ނުގަތުމެވެ.