ޕާކިސްތާންގައި އިއްޔެ އޮތް އާންމު އިންތިޚާބުގެ ވޯޓު ގުނުން އަދިވެސް ދަނީ ކުރިއަށެވެ. ރިޕޯޓްތައް ބުނާ ގޮތުން އާދަޔާ ހިލާފަށް ވާދަވެރިކަން ބޮޑު މި އިންތިހާބުގެ ވޯޓު ގުނުމަށް ކުރިން ލަފާކޮށްފައި ނެތް ލަސްތަކެއް ވަނީ ދިމާވެފަ އެވެ.
އިލެކްޝަން ކޮމިޝަނުން ބުނި ގޮތުން ސަރުކާރުން މޯބައިލް ފޯނުގެ ހިދުމަތް ބައެއް ސަރަހައްދުތަކުން މެދުކަނޑާލުމާ ގުޅިގެން، އޮފިޝަލުންނާ ގުޅުން ވަނީ ބަންދުވެފަ އެވެ. އަދި ވޯޓު މަރުޒަކުތަކުން ކަންކުރަން ޖެހޭ ގޮތް އެންގުމަށް ވެސް ވަނީ ބުރޫއަރާފަ އެވެ.
އިލެކްޝަން ކޮމިޝަންގެ އޮފިޝަލް ޒަފަރު އިގްބާލު ވިދާޅުވި ގޮތުން އެ އިދާރާއަށް މެދުވެރިވި އެންމެ ބޮޑު ހުރަހަކީ ސަރުކާރުން އިންޓަނެޓް ކަނޑާލުމެވެ.
އިންޓަނެޓް ކަނޑާލަން ޖެހުނީ ގައުމީ މަސްލަހަތަށްޓަކައި ކަމަށް ސަރުކާރުން ބުނި ނަމަވެސް އެހެން ގޮތެއް ރާވާނެ ފުރުސަތު އިލެކްޝަން ކޮމިޝަނަށް އަންގަން ޖެހޭނެ ކަމަށް އިގްބާލް ވިދާޅުވި އެވެ.
ބުރާސްފަތި ދުވަހު އޮތް އިންތިހާބުގެ ވޯޓު ގުނުން މިއަދާ ހަމައަށް އައިއިރު – 265 ގޮޑީގެ ތެރެއިން 47 ގޮޑިއެއްގެ ނަތީޖާ އިލެކްޝަން ކޮމިޝަންގެ ވެބްސައިޓްގައި ވަނީ ހާމަކޮށްފަ އެވެ.
ނަތިޖާ ދައްކާ ގޮތުން 47 ގޮޑީގެ ތެރެއިން 14 ގޮނޑި ކާމިޔާބުކޮށްފައިވަނީ މިހާރު ޖަލުގައި ހުންނެވި ކުރީގެ ބޮޑުވަޒީރު އިމްރާންހާނަށް ތާއީދުކުރާ – ތަހްރީކޭ އިންސާފް (ޕީޓީއައި)ގެ މެމްބަރުންނެވެ.
ޕާކިސްތާންގައި ތިން ފަހަރު ބޮޑުވަޒީރުގެ މަގާމު ފުރުއްވި ނަވާޒް ޝަރީފްގެ ޕާކިސްތާން މުސްލިމް ލީގަށް ލިބިފައި ވަނީ 17 ގޮނޑި އެވެ.
ބޮޑުވަޒީރުގެ މަގާމުގައި ހުންނަވަނިކޮށް އަވަހާރަކޮށްލި ބޭނަޒީރު ބުއްޓޫގެ ދަރިކަލުން ބިލާވަލް ބުއްޓޫ ޒަރުދާރީގެ ޕާކިސްތާން ޕީޕަލްސް ޕާޓީއަށް ލިބިފައިވަނީ 12 ގޮނޑި އެވެ.
އަންދާޒާކުރެވޭ ގޮތުން ވާދަވެރިކަން އެންމެ ބޮޑުވާނީ އިމްރާނަށް ތާއީދުކުރާ މެމްބަރުންނާއި އަސްކަރިއްޔާގެ ތާއީދާ އެކު އިންތިހާބުގައި ވާދަކުރާ ނަވާޒް ޝަރީފްގެ މެމްބަރުންނާ ދެމެދު އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ވޯޓުގެ ނަތީޖާއާ މެދު އެއްޗެއް ބުނެވޭ ވަރު ވާނީ މިއަދު ނުވަތަ މިރޭގެ ވަގުތެއްގަ އެވެ.
ތަޖުރިބާކާރުން ދެކޭ ގޮތުން އެއްވެސް ޕާޓީއަކަށް ސާފު ކާމިޔާބެއް ލިބުމަކީ އެކަށީގެންވާ ކަމެއް ނޫނެވެ. އަޣްލަބިއްޔަތު ލިބުމަށް 133 ގޮނޑި ހޯދަން ޖެހެ އެވެ.
ގޮނޑީގެ ނިސްބަތުން ބޮޑުވަޒީރެއް އައްޔަންކޮށް ސަރުކާރެއް އެކުލަވާލުމަކީ ވަކި ޕާޓީއަކަށް ކުރެވިދާނެ ކަމަކަށް ނުވެއްޖެނަމަ ދެން އޮންނާނީ ކޯލިޝަން ހެދުމެވެ. ކޯލިޝާން ހެދުމާ ބެހޭ ގޮތުން ވާހަކަދެއްކުން އަދި އަވަސް ކަމަށް ޕާޓީތަކުން ބުނެ އެވެ.
ކޯލިޝަން ހެދުމާ ބެހޭ ގޮތުން ފެންނަ އެއްޗެއް ދެންނެވުމަށް ނޫސްވެރިން އެދުމުން ނަވާޒް ޝަރީފް ވަނީ އިންކާރު ކުރައްވާފަ އެވެ.