ޕާކިސްތާންގެ ބޮޑުވަޒީރުގެ މަގާމަށް ޝަހްބާޒް ޝަރީފް އައްޔަން ކުރައްވައިފި އެވެ. މިއީ އެނާއަށް ބޮޑުވަޒީރުގެ މަގާމު ލިބިވަޑައިގެންނެވި ދެވަނަ ފަހަރެ އެވެ.
މިދިޔަ މަހު ޕާކިސްތާންގައި އޮތް އާންމު އިންތިހާބު ބޯމަތިވުމުގެ ވެސް ކުރިން ބޮޑުވަޒީރުގެ މަގާމަށް ޝަހްބާޒް ޝަރީފް އައްޔަން ކުރައްވާނެކަން އޮތީ އާންމުވެފަ އެވެ.
ގާނޫނު ހަދާ މަޖިލީހުގައި ބޮޑުވަޒީރު ހޮވަން ނެގި ވޯޓުގައި 336 މެމްބަރުންގެ ތެރެއިން ޝަހްބާޒަށް 201 ވޯޓު ލިބިވަޑައިގެންނެވި އެވެ. އޭނާއާ އެންމެ ގާތުން ވާދަކުރެއްވި އުމަރު އައްޔޫބް ޚާނަށް ލިބިވަޑައިގަތީ 92 ވޯޓެވެ.
ޝަހްބާޒް ޝަރީފް ބޮޑުވަޒީރުގެ މަގާމަށް ވަޑައިގަތީ އޭނާ ހިންގަވާ ޕާކިސްތާންގެ މުސްލިމް ލީގު - ނަވާޒް ޕާޓީންނެވެ. މި ޕާޓީ ނިސްބަތް ވަނީ ޕާކިސްތާންގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފް އަށެވެ.
ޕާކިސްތާންގައި މިދިޔަ މަހު އޮތް އާންމު އިންތިހާބު ބޭއްވުމަށް ތައްޔާރުވުމުގެ ގޮތުން ޝަހްބާޒް ޝަރީފް ބޮޑުވަޒީރުގެ މަގާމުން އިސްތިއުފާ ދެއްވި އެވެ. އަދި ވަކި ޕާޓީއަކަށް ނިސްބަތް ނުވާ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރަކު ވަގުތީ ގޮތުން ބޮޑުވަޒީރުގެ ޒިންމާތައް އުފުއްލެވި އެވެ.
ޝަހްބާޒް ޝަރީފު އެންމެ ފުރަތަމަ ބޮޑުވަޒީރުގެ މަގާމަށް ވަޑައިގަތީ އޭޕްރީލް 2022 ގައި، އޭރު ބޮޑުވަޒީރުގެ މަގާމުގައި ހުންނެވި އިމްރާން ޚާންގެ އިތުބާރު ނެތް ކަމަށް ފާސްކުރުމުންނެވެ.
އިމްރާން ޚާން މި ވަގުތު ހުންނެވީ ޖަލުގަ އެވެ. އޭނާގެ މައްޗަށް ކޮރަޕްޝަނާއި އަދި ގަވާއިދާ ހިލާފަށް ކުރެއްވި ކައިވެންޏެއްގެ މައްސަލަ ވެސް އޮތީ ސާބިތުވެފަ އެވެ.
އިމްރާން ޚާން ޖަލަށް ލުމާ އެކު އޭނާގެ ޕާޓީއަށް ވެސް ވަނީ އިންތިހާބުތަކުގައި ވާދަކުރުން މަނާކޮށްފަ އެވެ. އަދި އެ ޕާޓީގެ ނަމުގައި ވާދަކުރުން ވެސް އޮތީ މަނާކޮށްފަ އެވެ. ނަމަވެސް މި އިންތިހާބުގައި އެންމެ ގިނަ ވޯޓު ހޯދީ އިމްރާން ޚާނަށް ތާއިދުކުރާ މިނިވަން ކެންޑިޑޭޓުންނެވެ.
މިނިވަން ވަކިވަކި ކެންޑިޑޭޓުންނަށް ސަރުކާރެއް އުފެއްދުމަކީ ޕާސްކިތާންގައި މަނާ ކަމެކެވެ. ސަރުކާރެއް އުފައްދަން އެދޭ ނަމަ އޮންނަ ގޮތަކީ ޕާޓީއައެއްގައި ބައިވެރިވުމެވެ.
ނަވާޒް ޝަރީފްގެ މުސްލިމް ލީގަށް ވެސް އެހެން ޕާޓިއަކާ ނުގުޅި ސަރުކާރެއް އުފެއްދޭ ވަރަށް ވޯޓެއް ނުލިބެ އެވެ. މިހެންކަމުން ސަރުކާރެއް އުފައްދާފައި މިވަނީ އެހެން ޕާޓީތަކާ ގުޅި ކޯލިޝަން ހަދައިގެންނެވެ.