ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން އޮކްސްފޯޑް ޔުނިވާސިޓީގެ ޗާންސެލަރުގެ މަގާމަށް ކުރިމަތިލެއްވުމަށް ބޭނުންވާ ކަރުދާސްތައް ހުށަހަޅުއްވައިފި އެވެ.
އޭނާގެ ތަހުރީކޭ އިންސާފް ޕާޓީގެ ފަރާތުން ޒުލްފިކާރު ބުހާރީ ވިދާޅުވި ގޮތުގައި އޮކްފޯޑް ޔުނިވާސިޓީގެ ޗާންސެލަރު ކަމަށް އިމްރާން ވާދަކުރައްވާނެ އެވެ.
އޮކްސްފޯޑް ޔުނިވާސިޓީ އަކީ ދުނިޔެއަށް މަޝްހޫރު އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އެކެވެ.
އިމްރާން ޚާން މީގެ ކުރިންވެސް ވަނީ ޔުނިވާސިޓީތަކުގެ އިސް މަގާމުތަކެއް ފުރުއްވާފަ އެވެ. މި ގޮތުން ޔުނިވާސިޓީ އޮފް ބްރެޑްފޯޑްގެ ޗާންސެލަރުގެ މަގާމު، 2005-2014 އަށް ފުރުއްވާފައިވެ އެވެ.
އިމްރާން ޚާން، 72، މިހާރުވެސް ހުންނެވީ ޖަލުގަ އެވެ. އޭނާގެ މައްޗަށް އަދަދު ނުކުރެވޭ ވަރަށް ވަނީ މައްސަލަ ހުށަހަޅާފަ އެވެ.
ބޮޑުވަޒީރުގެ މަގާމުގައި ހުންނެވި ދުވަސްވަރު ބޭރު ގައުމުތަކުން ހަދިޔާގެ ގޮތުގައި ލިބިވަޑައިގެންނެވި ތަކެތި ދައުލަތުގެ ޚަޒާނާއަށް ލެއްވުމުގެ ބަދަލުގައި -- އޭގެ ތެރެއިން ބައެއް ތަކެތި އަމިއްލައަށް ބޭނުންކުރެއްވި ކަމަށް ތުހުމަތުކޮށް ވަނީ ޝަރީއަތް ހިންގާފަ އެވެ.
އިމްރާންގެ ކައިވެންޏާ ބެހޭ ގޮތުންވެސް ބަޔަކު ހުށަހެޅި މައްސަލަތަކެއްގެ ސަބަބުން ޖަލުގައި މަޑުކުރައްވަން ޖެހިވަޑައިގެންނެވި އެވެ. އިމްރާން ކައިވެނި ބައްލަވައިގަތީ އިއްދަ ހަމަނުވާ އަންހެނަކާ ކަމަށް ބުނެ އިދިކޮޅަށް ތާއީދު އޮތް ބަކު ވަނީ އޭނާ ކޯޓަށް ހިންގުވާފަ އެވެ.
ޕާކިސްތާނާއި އަދި ބޭރު ބައެއް ގައުމުތަކާއެކު ކޮށްފައި ހުރި ސިއްރު މުއާމަލާތްތަކެއް، ސިއްރު މަޝްވަރާތަކެއް އިމްރާން އާންމުންގެ ތެރޭގައި -- ކެމްޕޭން ދުވަސްވަރު ލީކް ކުރެއްވި ކަމަށް ބުނާ މައްސަލައެއްވެސް ކޯޓުގައި ފައިލްކުރި އެވެ.
އިމްރާނާއި އޭނާގެ ސިޔާސީ އެކުވެރިން ބުނާ ގޮތުން އޭނާގެ މައްޗަށް އުފުލާފައި ހުރި ހުރިހާ ދައުވާ އަކީ ސިޔާސީ ގޮތުން އޭނާގެ ބާރު ކަނޑުވާލަށް އިދިކޮޅުން ޖެހި ދަންތުރަ އެކެވެ.
ހުށަހަޅާފައިވާ މައްސަލަތަކަކީ އިމްރާން ވެރިކަމަށް ވަޑައިގެންފާނެ ކަމަށް އޮތް ބިރަށް ބަޔަކު ގަސްދުގައި ދިން ލަނޑެއް ކަމަށްވެސް އިމްރާން ގަބޫލުކުރައްވަ އެވެ.