ދުނިޔެ

ޕާކިސްތާންގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން 10 އަހަރަށް ޖަލަށް

ޕާކިސްތާންގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން 10 އަހަރަށް ޖަލަށްލުމަށް އެ ގައުމުގެ ކޯޓަކުން ހުކުމްކޮށްފި އެވެ.

އިމްރާން ޚާންގެ ސަރުކާރުގެ ޚާރިޖީ ވަޒީރު ޝާހް މަހްމޫދު ގުރައިޝީ އަށް ވެސް ވަނީ 10 އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ.

އިމްރާން ޚާނަށް ޖަލު ހުކުމެއް މި އައީ ދައުލަތުގެ ސިއްރުތަކެއް ލީކުކުރެއްވި ކަމަށް އޮތް ތުހުމަތަށް، އެ ގައުމުގައި މިހާރު އޮތް ސަރުކާރުން ޝަރީއަތް ކުރުމަށްފަހު ކަމަށް އެ ގައުމުގެ ނޫސްތައް ބުނެ އެވެ.

އިމްރާން ޚާންގެ ފަރާތުން އޭނާގެ ވަކީލު ގޯހަރު އަލީ ޚާން ވިދާޅުވީ މި މައްސަލަ އިސްތިއުނާފުކުރާނެ ކަމަށެވެ.

ގޯހަރު އަލީ ޚާން ވިދާޅުވި ގޮތުން އިމްރާނަށް އިއްވީ ސިޔާސީ ހުކުމެކެވެ. އެއީ ޕާކިސްތާން ރައްޔިތުން ހިތުގައި އިމްރާނަށް އޮތް ލޯތްބާއި ގަދަރު ކުޑަކުރުމަށް ކަމަށް ކުރި ކަމެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އިމްރާން ޚާން އިންތިޚާބެއްގައި ވާދަކުރައްވައިފިނަމަ، ސަރުކާރު ހިންގުމުގައި މިހާރު ތިބި ބަޔަކު ބާކީވާނެ ކަމަށްވެސް ގޯހަރު ވިދާޅުވި އެވެ.

އިމްރާން ޚާން މަގާމުން ދުރުކުރީ ވެރިކަމުގައި ހުންނަވަނިކޮށް އޭޕްރީލް 2022 ގައެވެ. އޭނާއަށް ކުރި ތުހުމަތުތަކުގެ ތެރޭގައި ދައުލަތުގެ ޚަޒާނާއިން ވައްކަންކުރުން ވެސް ހިމެނެ އެވެ.

ބޭރު ގައުމުތަކުން ދައުލަތުގެ ވެރިންނަށް ހަދިޔާގެ ގޮތުގައި ދޭ ތަކެތި އިމްރާން ދައުލަތު ޚަޒާނާއަށް ނުލައްވައި، އަމިއްލަ ބޭނުމަށް ވިޔަފާރި ކުރެއްވި ކަމަށް ބުނެ ދައުވާކުރުމަށް ކޯޓަށް މައްސަލައެއް ވަނީ ވައްދާފަ އެވެ.