ދުނިޔެ

އެންމެ ގިނައިން ބަޣާވާތްކުރަނީ އެމެރިކާ: މީޑިއާ

ނައިޖަރުގައި ރިޔާސީ ގާޑުންނާއި އަސްކަރިއްޔާ ގުޅިގެން ޖުލައި 26 ގައި ގެނައި އަސްކަރީ ބަޣާވާތެއްގައި ރައީސް މުހައްމަދު ބަޒޫމްގެ ސަރުކާރު ވައްޓާލުން އެމެރިކާއަށް ވީ ގާނޫނާ ޚިލާފު ކަމަކަށެވެ.

އެކަމަކު، އެމެރިކާގެ އަމުރަށް ޕާކިސްތާންގެ ބޮޑުވަޒީރުގެ މަގާމުން އިމްރާން ޚާން ދުރުކޮށް ޖަލަށްލާން ހުކުމްކުރުމަކީ އެމެރިކާ ކުރި ގާނޫނާ ޚިލާފު ކަމަކަށް ނުވި އެވެ.

މަޝްހޫރު ޕޮޑްކާސްޓަރު ޖޭމްސް ކެރީ ވިދާޅުވި ގޮތުގައި ދުނިޔެ ފާލުން ނައްޓުވާލުމުގެ މޭސްތިރި އަކީ އެމެރިކާ އެވެ. ގައުމުތަކުގެ ސަރުކާރު ވައްޓާލައި އެންމެ ގިނައިން ބަޣާވާތް ކުރާ ގައުމަކީ ވެސް އެމެރިކާ އެވެ.

ދުނިޔޭގެ ސިޔާސީ ކުޅިބައި އަތުރާލާއި ގައުމުތަކުގައި އެމެރިކާ ކުލަޖެހިފައި ތިބި ވެރިން އިންދުމަކީ އެމެރިކާގެ ހައިސިއްޔަތު ނޫން ހައިސިއްޔަތަކަށް ޖާގަ ނުދިނުމަށް ކުރާ ކަމެއް ކަމަށް ވެސް ޖޭމްސް ކެރީ ވިދާޅުވި އެވެ.

ޖޭމްސް ކެރީ ވިދާޅުވި ގޮތުައި އިގުތިސާދީ ގޮތުން އެމެރިކާށް ތުރާލަކަށް ވެދާނެ ގައުމުތައް އެމެރިކާއަށް އެބަ ފެނެ އެވެ. ޗައިނާ އާއި ރަޝިއާ އަދި އިންޑިއާ އަކީ ވެސް އެމެރިކާ ސަމާލުވާ ގައުމުތައް ކަމަށް އޭނާ ވިދާޅުވި އެވެ.

ޕާކިސްތާން އަކީ ރަޝިއާއަށް އަދި ޗައިނާއަށް ބަރޯސާކުރާ ގައުމެކެވެ. ޕާކިސްތާންގެ ސަބަބުން އެމެރިކާ އަތުން އިންޑިއާ ކަނޑު ގެއްލުމަކީ -- އިންޑިއާ ކަނޑަށް ނިސްބަތްވާ އެމެރިކާގެ އެކުވެރިންނަށް އޮތް ބިރުވެރި ކަމެކެވެ.

އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފައިބައިގެން ދިއުމުގެ ކުރިން، އެމެރިކާގެ އަސްކަރީ މަރުކަޒެއް އެ ސަރަހައްދުގައި ހަދަން ބޭނުންވި ކަމަށް ޖޭމްސް ކެރީ ވިދާޅުވި އެވެ. އެއީ އެހެން ބަޔަކަށް އެއްވެސް ފައިދާއެއް ކުރާނެ މަރުކަޒެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޕާކިސްތާންގެ ބިމުން ޖާގަ ދިނުމަށް އެދުމުން ބޮޑުވަޒީރުގެ މަގާމުގައި އެއިރު ހުންނެވި އިމްރާން ޚާން އެއްބަސްވެ ވަޑައިނުގެންނެވި އެވެ. އިމްރާން ވިދާޅުވީ ބޭރު ގައުމެއްގެ އަސްކަރިއްޔާއަށް ޕާކިސްތާންގެ ބިމުގައި ޖާގަ ނެތް ކަމަށެވެ.

އެމެރިކާ ނުރުހޭ ބައެއް ނަމަ ވެރިން ބަދަލުކުރުން އެ ނޫން ގޮތެއްގައި ދަތިކުރުމަކީ ބިރުދެއްކުމުގެ އަމަލެއް ކަމަށްވެސް ކެރީ ވިދާޅުވި އެވެ.

އެމެރިކާގެ ދަތިކުރުންތަކުން ގައުމުތަކަށް ތަކުލީފު ޖެހުނު ނަމަވެސް، ގައުމުތައް ތިބީ އެކަމުން އަރައިގެންފައި ކަމަށްވެސް ކެރީ ވިދާޅުވި އެވެ.

މިސާލެއް ގޮތުން އޭނާ ދެއްކެވީ ވެނެޒުއެލާ އާއި އީރާން އެވެ. އެމެރިކާގެ ދަތިކުރުންތަކުގެ މައްޗަށް އަރައިގަނެ މި ގައުމުތަކުން ސިނާއީ މަސައްކަތްތައް ފުޅާކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ނިކަރާގުއާއަށް އަދި ކިއުބާއަށް ދަތިކުރުމަކުން އެމެރިކާ އުއްމީދުކުރި އެއްވެސް ކަމެއް ހާސިލުނުވި ކަމަށްވެސް އޭނާ ވިދާޅުވި އެވެ.