ހަޔާ އެޑިއުކޭޝަން މިނިސްޓްރީ

ޓެކްނިކަލް އަދި ވޮކޭޝަނަލް ކޯހެއް ހިންގަން ތިން ކޮލެޖަކަށް

ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން ކުރިއަށް ގެންދަން ނިންމާފައިވާ ހާއްސަ ޕްރޮގްރާމް "ސްކިލްސް ފޯ އަ ރެޒީލިއެންޓް ވޯކްފޯސް"ގައި ހިމެނޭ ތިން ޕްރޮގްރާމެއް ހިންގުމަށް އަމިއްލަ ތިން ކޮލެޖަކާ ހަވާލުކޮށްފި އެވެ.

ކޮވިޑުގެ ހާލަތުން ދިވެހިރާއްޖެއަަށް ކޮންމެވެސް ވަރެއްގެ ލުއިތަކެއް ލިބި ރާއްޖޭގެ އިގްތިސޯދު އަލުން ނެގެހެއްޓުމަށް ޒުވާނުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ އެ ޕްރޮގްރާމްތައް ހިންގަން ހަވާލުކުރީ ސައިރިކްސް ކޮލެޖާއި ވިލާ ކޮލެޖުގެ އިތުރުން މޯލްޑިވްސް އިންސްޓްޓިއުޓް އޮފް ޓެކްނޮލޮޖީއާ އެވެ.

އިއްޔެ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެކަމާ ގުޅޭ އެއްބަސްވުންތަކުގައި ވަނީ ސޮއިވެސް ކޮށްފަ އެވެ.

ސްކިލްސް ފޯ އަ ރެޒީލިއެންޓް ވޯކްފޯސް ޕްރޮގްރާމްގެ ދަށުން ހިންގަން ނިންމި ޕްރޮގްރާމްތަކުގެ ތެރޭގައި ނެޝެނަލް ސެޓްފިކެޓް ތުރީ އިން ޕްރޮގްރާމިން އާއި ނެޝެނަލް ސެޓްފިކެޓް ތުރީ އިން އައިޓީ ޓެކްނީޝިއަން އަދި ނެޝެނަލް ސެޓްފިކެޓް ތުރީ އިން ސެވެރޭޖް ސިސްޓަމް އޮޕަރޭޝަން އެންޑް މެއިންޓަނަންސް ހިމެނެ އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިޕްރޮގްރާމްތަކުގައި ޖުމްލަ 145 ދަރިވަރުން ތަމްރީނުކޮށް ވަޒީފާގެ ބާޒާރަށް ނެރެވޭނެ ކަމަށެވެ.

މީގެ ކުރިންވެސް އެފަދަ ޕްރޮގްރާމްތައް އެކި އެކި ފަރާތްތަކާ ހިންގަން ހަވާލުކޮށްފައިވާއިރު އެ ހުރިހާ ޕްރޮގްރާމެއްގައި ޖުމްލަ 460 ޒުވާނުން ތަމްރީން ވެގެންދާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.

ހަޔާ އެޑިޔުކޭޝަން މިނިސްޓްރީގެ އަމާޒުހުރީ އެކި އެކި ޕްރޮގްރާމްތައް ހިންގައިގެން ފަންނީ ހުނަރުވެރި މަސައްކަތްތެރި ކަމުގެ އެކި ދާއިރާތަކުން 1200 ޒުވާނުން ތަމްރީނު ކުރުމަށެވެ. އެއީ ޓޫރިޒަމް ދާއިރާއިން 600 އާއި އައިސީޓީ ދާއިރާއިން 200 ޒުވާނުން އަދި ޓޫރިޒަމް ދާއިރާއާއި ގުޅުންހުރި އިމާރާތް ކުރުމުގެ ދާއިރާއިން 400 ޒުވާނުންނެވެ.

ތަމްރީނު ލިބިގަންނަ ޒުވާނުންގެ 33 އިންސައްތަ އަކީ އަންހެނުން ކަމުގައި ހެދުމަކީ މިޕްރޮގްރާމުތަކުގެ އަމާޒެކެވެ.

މިޕްރޮގްރާމުގެ ތެރެއިން އެކިއެކި ވަޒީފާއަށް ބޭނުންވާ ހުނަރު ތަކާއި އެކު، ކުދި އަދި މެދު ފަންތީގެ ވިޔަފާރިއެއް ފެށުމަށް ބޭނުންވާ މުހިންމު ބައިތައް އުނގެނި، ހުނަރުވެރި، ގާބިލު، އުފެންދުންތެރި، އަދި ޒިންމާދާރު މީހަކަށް ވުމުގެ ފުރުސަތު ދިވެހި ޒުވާނުންނަށް ލިބެމުންދާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.