ދަރިވަރުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ވެކްސިން ޕްރޮގްރާމް މި ހަފްތާ ފަށާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ 12 އަހަރާއި 18 އަހަރާ ދެމެދުގެ ދަރިވަރުންނަށް ވެކްސިން ޕްރޮގްރާމް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށާއި މިކަމާ ގުޅިގެން ކަމާ ގުޅުންހުރި ފަރާތްތަކާ މަޝްވަރާކުރަމުންދާ ކަމަށެވެ.
ސުކޫލު ކުދިންނަށް ޖަހާނީ ފައިޒާ ވެކްސިނެވެ. އެ ވެކްސިން ރާއްޖޭގައި މިވަގުތު ނެތް ނަމަވެސް މި މަހު ލިބޭނެ ކަމަށް އެޗްޕީއޭ އިން ކުރިން ބުނެފައިވެ އެވެ. ދަރިވަރުންނަށް ވެކްސިން ދިނުމަށް ނިންމާފައިވަނީ ސުކޫލުތައް މެދުވެރިވެގެންނެވެ.
އެޑިޔުކޭޝަން މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ފާތުމަތު އައްޒަ މިއަދު ވިދާޅުވީ މާލެއާއި އަތޮޅުތެރެއިން ސުކޫލުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ 96 ޕަސެންޓް މުވައްޒަފުން ފުރަތަމަ ޑޯޒު ފުރިހަމަކޮށްފައިވާ ކަމަށެވެ.
"ކުދިންގެ ރައްކާތެރިކަމަށްޓަކައި ކުދިންނާ އިންޓަރެކްޓްވާ އެންމެން އޯގަސްޓް 10 އެއްގައި ސުކޫލަށް ނިކުންނައިރު އެޓްލީސްޓް ވެކްސިންގެ އެއް ޑޯޒް ޖައްސަވަންވާނެ،" އައްޒަ ވިދާޅުވި އެވެ.
ވެކްސިން ކެމްޕޭންގެ މަގުސަދަކީ ކިޔެވުން މެދު ނުކެނޑި ސްކޫލްތައް ބަންދު ނުކޮށް، ކުރީގެ ހާލަތުގައި ދަރިވަރުންނަށް އުނގަންނައި ދިނުމުގެ ކަންތައް ކުރިއަށް ގެންދިއުމަށް މަގުފަހިކުރުމެވެ.
ދަރިވަރުންނަށް ހިންގާ ވެކްސިން ޕްރޮގްރާމަށް ތައްޔާރުވުމުގެ ގޮތުން މާލެ ސަރަހައްދުގައި ބެލެނިވެރިންނަށް އޮރިއެންޓޭޝަން ޕްރޮގްރާމްތަކެއް އެޗްޕީއޭ އާއި ގުޅިގެން މިއަދު ފަށައިފައިވާ ކަމަށްވެސް އައްޒަ ވިދާޅުވި އެވެ. އަތޮޅުތެރޭގައި ވެސް މި ޕްރޮގްރާމް ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވި އެވެ. އަދި ސްކޫލްތަކަށް ދަރިވަރުން ބަލާ ދާ ބެލެނިވެރިންނަކީ ވެކްސިން ފުރިހަމަކޮށްފައި ތިބި ބައެއްކަން ކަށަވަރު ކުރުމަށްޓަކައި "ގްރީން ކާޑެއް" ތައާރަފްކުރުމަށް ވެސް ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން ދަރިވަރުން ސުކޫލަށް އަންނައިރު ހުން ބެލުން ފަދަ ކަންކަން ކުރާނެ ކަމަށާއި އެއްވެސް ކުއްޖެއްގެ ޓެމްޕަރޭޗާ ހުންނަންވާ ވަރަށް ވުރެ މަތި ވެއްޖެނަމަ ވަގުތުން އެކުދިން އައިސޮލޭޓް ކުރާނެ ކަމަށެވެ. ހުރިހާ ސުކޫލެއްގައި އެފަދަ ކުދިން ވަކިން އައިސޮލޭޓް ކުރާނެ ޖާގަ ކަނޑައަޅާފައި ހުންނާނެ ކަމަށް ވެސް އައްޒަ ވަނީ ވިދާޅުވެފަ އެވެ.
ބަލީގެ އެއްވެސް އަލާމާތެއް ހުރެއްޖެ ނަމަ ސުކޫލަށް ނައުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ. ސާމްޕަލް ނެގުމަށްފަހު ނަތީޖާ ލިބުމުގެ ކުރިން ވެސް ސުކޫލުތަކަށް އެއްވެސް ދަރިވަރަކު ވެސް އަދި އެއްވެސް މުވައްޒަފަކު ވެސް ނައުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.