ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކުއްލި ނުރައްކަލުގެ ހާލަތު

ސިއްހީ ކުއްލި ނުރައްކަލުގެ މުއްދަތު އިތުރުކޮށްފި

Sep 1, 2021

ކޮވިޑް-19އާ ގުޅިގެން އިއުލާނު ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ މުއްދަތު އަނެެއްކާވެސް އިތުރު ކޮށްފި އެވެ.

މިފަހަރު މުއްދަތު އިތުރުކޮށްފައިވަނީ އަންނަ މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށެވެ. މިއީ މި މުއްދަތު އިތުރުކުރި 18 ވަނަ ފަހަރެވެ.

ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ސޮއިކުރައްވާ ނެރުއްވާފައިވާ ގަރާރުގައި ބުނީ ކޮވިޑް-19 އަދިވެސް އިތުރަށް ފެތުރުމުގެ ނުރައްކާ އޮތް ހިނދު އަދި ރާއްޖޭގައިވެސް ފުޅާ ދާއިރާއެއްގައި މި ބަލި ފެތުރުމުގެ ނުރައްކާ އަދިވެސް އޮތުމާއެކު މާޗް 12، 2020 ގައި އިއުލާނު ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ދެމި އޮތް ކަަމަށެވެ.

އަދި އެ ނުރައްކާ ކުޑަކޮށް އާންމު ރައްޔިތުންގެ ސިއްހަތަށާއި ރައްކާތެރިިކަން ކަށަވަރު ކުރުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ގަބޫލުކުރޭ ކަމަށް ލަފާ ދެއްވާފައިވާތީ އޮކްޓޫބަރު މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ދެމެހެއްޓުމަށް ނިންމާފައިވާ ކަމަށެވެ.

މި ގަރާރުގައި މިނިސްޓަރު ނަސީމް ވަނީ ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވަމުން ގެންދިއުމަށް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް އަންގަވާފަ އެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ މުއްދަތު އިތުރު ކުރި އިރު ކުރިއާ ބަލާއިރު ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދައްވެ އެއްވަރެއްގައި ހިފެހެއްޓިފަ އެވެ.