ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މިނިސްޓްރީ އޮފް ހެލްތު

2020ގެ ސިއްހީ ތަފާސްހިސާބު ފޮތް އާންމުކޮށްފި

ހެލްތު މިނިސްޓްރީން "މޯލްޑިވްސް ހެލްތު ސްޓެޓިސްޓިކްސް 2020" މިއަދު އާންމުކޮށްފި އެވެ.

ރާއްޖޭގެ ސިއްހީ ތަފާސްހިސާބުތައް ދެނެގަތުމަށް ކޮންމެ އަހަރަކު އާންމުކުރާ މި ރިޕޯޓުގައި ސިއްހަތާއި ސިއްހީ ނިޒާމާ ގުޅޭ މައުލޫމާތުކާއި ތަފާސްހިސާބު ހިމަނާފައިވެ އެވެ. 2020 ވަނަ އަހަރުގެ ސިއްހީ ދާއިރާއާ ގުޅުންހުރި މައުލޫމާތުތައް ހިމެނޭ މި ފޮތް މިއަދު އިފްތިތާހުކޮށްދެއްވާފައި ވަނީ ސްޕެޝަލް އެޑްވައިޒާ އޮން ސޯޝަލް ޕޮލިސީ ޑރ. މުސްތަފާ ލުތްފީ އެވެ.

މިފޮތުގައި މިނިސްޓްރީން ހިމަނާފައިވާ މުހިންމު މައުލޫމާތުތަކުގެ ތެރޭގައި، ރާއްޖޭގެ ސިއްހީ ދާއިރާއާއި މި ނިޒާމާ ގުޅުންހުރި ގިނަ މައުލޫމާތުތައް ހިމަނާފައިވެ އެވެ. އެގޮތުން ވިހާ މަރުވާ މީހުންގެ މައުލޫމާތާއި ކޮވިޑް-19 އާއި ގުޅޭ ތަފާސްހިސާބުތައް ވަނީ ހިމަނާފަ އެވެ.

ތަފާސްހިސާބުގައި ހިމެނޭ މައިގަނޑު ބައިތަކުގެ ތެރޭގައި ވިހާ މަރުވާ މީހުންގެ މައުލޫމާތާއި، ތަފާތު ބަލިތަކުގެ މައުލޫމާތުގެ އިތުރުން ރާއްޖޭގެ ސިއްހީ ނިޒާމާއި، އާންމު ސިއްހަތާއި ބެހޭ މުހިންމު ތަފާސްހިސާބުތައް ހިމެނެ އެވެ. އދި ކޮވިޑް-19ގެ ތަފާސްހިސާބުތައް ހިމެނޭ ޗެޕްޓަރެއް ފޮތުގައި ވަކިން ހިމަނާފައިވެ އެވެ.

މި ފޮތް އިފްތިތާހުކޮށްދެއްވުމަށްފަހު ޑރ. މުސްތަފާ ވިދާޅުވީ ސިއްހީ ނިޒާމަކީ ވެސް ވަށައިޖެހޭ ނިޒާމެއް ކަމަށެވެ. ތަފާސްހިސާބަކީ ސިއްހީ ދާއިރާއަށް އެންމެ މުހިއްމު ފޮތް ކަމަށާއި، އެ ފޮތުން އިން މި ދާއިރާއާ ގުޅުންހުރި މުހިއްމު ކަންތައްތަކެއް އެނގިގެންދާ ކަމަށް ވިދާޅުވި އެވެ.

އެގޮތުން ސިއްހީ ދާއިރާ ހަރުދަނާ ކުރުމަށް ކުރެވޭނެ އިތުރު ކަންތައްތަކާއި، ބޭނުންވާ ވަސީލަތްތަކާއި ހަރުދަނާ ކުރުމަށް އިތުރަށް ހިންގޭނެ ޕްރޮގްރާމްތައް އެނގިގެންދާނެ ކަމަށްވެސް މުސްތަފާ ވިދާޅުވި އެވެ.

މީގެ އިތުރުން ހަޔާ އެޑިޔުކޭޝަން މިނިސްޓްރީއާ ގުޅިގެން ސިއްހީ ދާއިރާ އަށް މީހުން ބިނާކުރުމާއި، ދާއިރާއަށް ބޭނުންވާ ވަސީލަތްތައް ހޯދުން ފަދަ ކަންކަމުގެ ސަބަބުން މިއީ ވަށައިޖެހޭ ނިޒާމެއް ކަމަށް ފަހަގަކުރެއްވި އެވެ.

މޯލްޑިވްސް ހެލްތު ސްޓެޓިސްޓިކްސް 2020 އިން ދައްކާ ގޮތުގައި ރާއްޖޭގެ 40 ޕަސެންޓް ޑޮކްޓަރުންނަކީ ސްޕެޝަލިސްޓުންނަށްވާއިރު، ނަރުހުންގެ 59 ޕަސެންޓަކީ ދިވެހި ނަރުހުންނެވެ. 2020 ވަނަ އަހަރު ރާއްޖެއިން 13،000 އަށް ވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަން ރިޕޯޓުން އެނގެ އެވެ.

ހެލްތް މިނިސްޓްރީން ކޮންމެ އަހަރަކު އާންމުކުރާ މި ފޮތް އެންމެ ފަހުން އާންމުކޮށްފައި ވަނީ 2019 ވަނަ އަހަރު އެވެ. ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ވޭތުވެދިޔަ ދެ އަހަރުގެ ރިޕޯޓް އާންމު ނުކުރި ނަމަވެސް މިއަދު ވަނީ 2020 ވަނަ އަހަރު ރިޕޯޓް އާންމުކޮށްފަ އެވެ.