ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި އެމްޑީޕީގެ އެއްވެސް މެމްބަރަކު އެއްވެސް ކޯޓަކަށް ނުފޫޒު ނުފޯރުވާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނޫސްވެރިންނާ މިއަދު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ މެމްބަރުން ފިޔަވައި އެހެން ޕާޓީތަކުގެ މެމްބަރުންނަށް އެމަނިކުފާނަށް އިތުބާރު ނުކުރެއްވޭ ކަމަށެވެ. އެހެން ވިދާޅުވީ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް، އަލީ ޒާހިރު ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން އޭނާއަށް އިތުބާރު ކުރައްވަންތޯ ނޫސްވެރިޔަކު ކުރެއްވި ސުވާލަކާއި ގުޅިގެންނެވެ. އަލީ ޒާހިރަކީ އަދާލަތު ޕާޓީގެ މެމްބަރެކެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ އެއްވެސް މެމްބަރަކު އަދި ހާއްސަކޮށް ރައީސް ސޯލިހު ފަނޑިޔާރަކަށް ގުޅުއްވައިގެން ނޫޅުއްވާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އެހެން ޕާޓީތަކުގެ މެމްބަރުން ފަނޑިޔާރުންނަށް ގުޅައިގެން އުޅުމަކީ އެބޭފުޅުން ގެންގުޅޭ ނިޒާމަކަށް ވެދާނެ ކަމަށާއި އެމްޑީޕީން އެފަދަ ނިޒާމެއް ނުގެންގުޅޭނެ ކަމަށެވެ.
ޝަރީއަތްތަކަށް ނުފޫޒު ފޯރުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެފަދަ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގައި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވި އެވެ.
"ކުރީގެ ބައެއް ފަނޑިޔާރުން ބައެއް ވާހަކަތައް ދައްކަމުން ގެންދަވާނެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ފަނޑިޔާރު ގެތަކަށް ރައްޔިތުންގެ ވަރަށް ބޮޑު އިތުބާރެއް ލިބިފަ ވަނީ. ސަރުކާރުގެ މަގާމެއްގައި ހުންނަ މީހަކު އަމިއްލަ ބޭނުމަށް ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުން އެއީ ބަލައިގަނެވޭނެ ކަމެއް ނޫން،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ފަނޑިޔާރުންގެ ދިފާއުގައި ވާހަކަދައްކަވާފައި މިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ ޝަރީއަތަށް މި ސަރުކާރުން ނުފޫޒު ފޯރުވާފައިވާ ކަމަށް ކުރީގެ ފަނޑިޔާރުންތަކެއް ވިދާޅުވެފައިވާ ވަގުތެއްގަ އެވެ. ބައެއް ފަނޑިޔާރުންގެ އޯޑިއޯތަކެއް ކަމަށް ބުނާ އޯޑިއޯ ތަކެއް ވެސް ވަނީ ލީކުވެފަ އެވެ. ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ބުނާ މައްސަލަ ޖޭއެސްސީން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.
މި ސަރުކާރުން ރައީސް ޔާމީންގެ ޝަރީއަތުގައި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާފައިވާ ކަމަށް އިދިކޮޅު ޕީޕީއެމް / ޕީއެންސީ ކޯލިޝަނުން ވެސް އަންނަނީ ތުހުމަތުކުރަމުންނެވެ. ނަމަވެސް ސަރުކާރުން ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ.