އާދަމް ޝަރީފު އުމަރު

"ނަޝީދަށް ގިނަ ވޯޓު ލިބޭނަމަ ޕީޕީއެމްއަށް ވެރިކަން ހޯދަން ފަސޭހަވޭ"

ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ގިނަ ވޯޓު ލިބުމަކީ ޕީޕީއެމްއަށް ވެރިކަން ލިބުމަށް ފަސޭހަވާނެ ކަމެއް ކަމަށް މަޑުއްވަރި ދާއިރާގެ މެންބަރު އާދަމް ޝަރީފު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށް ދިޔަ ބަހުސެއްގައި ވާހަކަ ދައްކަވަމުން މެންބަރު އާދަމް ޝަރީފު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވެރިކަމަށް އާދެވޭ ގޮތަށް ކަންކަން ފަހިވަމުންދާ ކަމަށާއި އިންސާފުވެރި ޝަރީއަތެއް ހިނގައިފި ނަމަ ޔާމީން މިނިވަންވެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށެވެ.

އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކެއް ވަކިވެ "ދަ ޑިމޮކްރެޓްސް"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތްކޮށް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް މަސައްކަތް ކުރަމުންދާކަން އާދަމް ޝަރީފު ފާހަގަ ކުރެއްވި އެވެ.

"އަޅުގަނޑަށް ހީވަނީ އިއްޒަތްތެރި ރައީސްހެން (މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު) ވާދަކުރައްވާނީ. އެންމެ މަދުވެގެން 30،000 ވޯޓު ނެގި ކަމަށްވިޔަސް ޕީޕީއެމްއަށް ލިބޭ ޕްލަސްއެއް،" އާދަމް ޝަރީފު ވިދާޅުވި އެވެ.

އާދަމް ޝަރީފު ވިދާޅުވީ "އިބޫ ނޫން ގޮތެއް" ހޯދަން މަސައްކަތް ކުރާތަން މަޖިލީހުގެ ތެރެއިންވެސް ފެންނަ ކަމަށެވެ.

އެމްޑީޕީން މެންބަރުންތަކެއް ވަކިވުމުން އެ ޕާޓީއަށް ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އެމްޑީޕީއަށް ގެއްލިފައިވާކަން އާދަމް ޝަރީފު ފާހަގަކުރެއްވި އެވެ.

އާދަމް ޝަރީފު މިހެން ވިދާޅުވިއިރު ރައީސް ނަޝީދަށް ތާއީދުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެންބަރުންތަކެއް އެޕާޓީން ވަކިވެ "ދަ ޑިމޮކްރެޓްސް" ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނަށް ވަނީ ހުށަހަޅާފަ އެވެ. އަދި ރިޔާސީ އިންތިހާބުގައި އެ ޕާޓީން ވާދަކުރާނެ ކަން ވަނީ އިއުލާނުކޮށްފަ އެވެ.