ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ދިވެހިން ބޭނުންވަނީ ދުނިޔެ ފަލަސްތީނު ބަލައިގަތުން: ރައީސް

ދިވެހިން ބޭނުންވަނީ އދންނާއި މުޅި ދުނިޔެއިން މިނިވަން ދައުލަތެއްގެ ގޮތުގައި ފަލަސްތީނު ބަަލައިގަތުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އދ. އާންމު މަޖިލީހުގެ ޖަލްސާގައި މިރޭ ތަގުރީރު ކުރައްވަމުންނެވެ.

ރައީސްގެ ތަގުރީރުގައި ވަނީ ދިވެހި ރައްޔިތުން ތިބީ ފަލަސްތީނާއެކު ކަމަށް ވިދާޅުވެފައެވެ. އަދި އދ ގެ އެތައް އަހަރެއްގެ މަސައްކަތުންވެސް ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ކަށަވަރު ކޮށް ނުދެވުނު ކަމަށް ވިދާޅުވިއެވެ.

އިޒްރޭލުން ފަލަސްތީނުގެ އަންހެން، ފިރިހެން، ކުދިބޮޑު އެތައް ބައެއްގެ ހައްގު ތަކުރާރުކޮށް ނިގުޅައިގަންނަމުންދާއިރު އަދުގެ ހޭލުންތެރި ޒުވާން ޖީލުގެ އެތައް ބަޔަކު އެތައް ގައުމަކުން ފަލަސްތީނުގެ ހައްގުގާ ނިކުންނަނީ ބޭއިންސާފާއި ލާއިންސާނިއްޔަތަށް ނޫނެކޭ ބުނަމުން ކަމަށް ރައީސް ވިދާޅުވިއެވެ.

"އދ ގެ އާންމު މަޖިލީހާ ސެކިއުރިޓީ ކައުންސިލުން ފަލަސްތީނުގެ ހައްގުގާ ނެރުނު ގަރާރުތަކާއި ނިންމުނު ނިންމުންތައް ގިނަ. މަދު އެއްޗަކީ އަމުދުން ނުވެސް ނެތް އެއްޗަކީ ފަލަސްތީނުގެ ހައްގު. ކުޑަ ދައުލަތެއް ތަމްސީލު ކުރާ މީހެއްގެ ހައިސިއްޔަތުން މިއަދު މިތާހުރެ މި ވާހަކަ އަޅުގަނޑަށް ދެއްކޭ ސަބަބެއް އެބަވޭ. އެއީ ދުނިޔެއިން އަޅުގަނޑުމެން ދިވެހިރާއްޖެ ބަލައިގެންފައިވުން. މިލިއަނުން އަދަދު މަތި ފަލަސްތީނުުގެ ރައްޔިތުން ބަލައިގަތުމުން ދުނިޔެއަށް އުނިވާ އެއްޗަކީ ކޮބައިތޯ. އެބަޔަކު އަޅުގަނޑު މިތާ ހުރެ ތަމްސީލު ކުރާ ދިވެހިން ބޭނުންވަނީ އދންނާއި މުޅި ދުނިޔެއިން މިނިވަން ދައުލަތެއްގެ ގޮތުގައި ފަލަސްތީނު ބަަލައިގަތުން،" ރައީސް ވިދާޅުވިއެވެ.

ރައީސްގެ ތަގުރީރުގައި ވަނީ ފަލަސްތީނުގެ މިނިވަން ދައުލަތަކަށް ވަކާލާތު ކުރުމުގާ ދިވެހިން އަބަދުވެސް ދެމި ތިބޭނެ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވާފައެވެ.

އދ ގެ އާންމު މަޖިލީހާ ސެކިއުރިޓީ ކައުންސިލުން ފަލަސްތީނުގެ ހައްގުގާ ނެރުނު ގަރާރުތަކާއި ނިންމުނު ނިންމުންތައް ގިނަ. މަދު އެއްޗަކީ އަމުދުން ނުވެސް ނެތް އެއްޗަކީ ފަލަސްތީނުގެ ހައްގު. ކުޑަ ދައުލަތެއް ތަމްސީލު ކުރާ މީހެއްގެ ހައިސިއްޔަތުން މިއަދު މިތާހުރެ މި ވާހަކަ އަޅުގަނޑަށް ދެއްކޭ ސަބަބެއް އެބަވޭ. އެއީ ދުނިޔެއިން އަޅުގަނޑުމެން ދިވެހިރާއްޖެ ބަލައިގެންފައިވުން. މިލިއަނުން އަދަދު މަތި ފަލަސްތީނުުގެ ރައްޔިތުން ބަލައިގަތުމުން ދުނިޔެއަށް އުނިވާ އެއްޗަކީ ކޮބައިތޯ. އެބަޔަކު އަޅުގަނޑު މިތާ ހުރެ ތަމްސީލު ކުރާ ދިވެހިން ބޭނުންވަނީ އދންނާއި މުޅި ދުނިޔެއިން މިނިވަން ދައުލަތެއްގެ ގޮތުގައި ފަލަސްތީނު ބަަލައިގަތުން
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް | އާންމު މަޖިލީސް 2021

މީގެ އިތުރުން އަފްޣާނިސްތާނުގެ މިއަދުގެ ހާލަތާމެދުވެސް ރައީސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެ ގައުމުގެ ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރުވުން ބޭނުންވާ ކަމަށާ އަންހެނުންނާއި އަންހެން ކުދީންގެ ހައްގުތަކާއި ސަލާމަތާއި ހިމާޔަތް އެ ގައުމުގައި އޮތުމަށް އެދިވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވިއެެވެ. އަދި އެެކަމަށްޓަކައި ރައްޔިތުން އިންތިހާބު ކުރާ ސަރުކާރެއް އަފްޣާނިސްތާނުގައި އޮތުން މުހިންމު ކަމަށް ވިދާޅުވިއެވެ.

ރައީސްގެ ތަގުރީރު ނިންމަވާލައްވަމުން ވިދާޅުވީ އިންސާނިއްޔަތަށް އަދިވެސް އޮތް އެންމެ ބޮޑު އުންމީދަކީ އެމަނިކުފާނުގެ ނަޒަރުގައި އދ ކަަމަށެވެ. ބައިނަލްއަގްވާމީ ގުޅުންތަކުން ހާސިލުވާ ކޮންމެ ކާމިޔާބީއެއް ރަމުޒުކޮށްދެނީ އދ ކަމަށާ ސުލްހަވެރި ހައްލާއި މަސަލަސްކަމުގެ ސައްލާ އުފެދެނީ އެ މަރުކަޒުން ކަމަށް ރައީސް ވިދާޅުވިއެވެ.

"ހުރިހާ އިންސާނުންގެ ހުރިހާ ފަންތިއާ ގިންތިއާ މިންތީގެ މުގޫ ހިފަހައްޓަނީ މި މަރުކަޒުން. ފަގީރުކަމާ ބަލިމަޑުކަމާ ޓެރަރިޒަމް ފަދަ ކަންކަން ނައްތާލުމުގެ އެކްސްޕަޓީސް އެންމެ މުއްސަދި ބޭންކަކީ މިއީ،" ރައީސްގެ ތަގުރީރު ނިންމަވާލައްވަމުން ވިދާޅުވިއެވެ.