ޔޫއެން

ޣާއްޒާ މައްސަަލަ ހައްލުކުރުމުގައި އދ ފެއިލްވެއްޖެ: ރައީސް

ޣައްޒާއަށް ކުރިމަތިކުރަމުންދާ ލާއިންސާނީ އަމަލުތައް ނިމުމަކަށް ގެނައުމުގައި އދގެ ސަލާމަތީ މަޖިލީހުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ނާކާމިޔާބުވެފައިވާ ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެކަން ކުށްވެރިކުރައްވައިފި އެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ ނިއުޔޯކްގައި ކުރިއަށްދިޔަ އދގެ އާންމު މަޖިލީހުގެ 10 ވަނަ ކުއްލި ހާއްސަ ޖަލްސާގެ 45 ވަނަ ޕްލެނަރީ މީޓިންއަށް ފޮނުއްވި މެސެޖު ގައެވެ.

ރައީސް މުއިއްޒުގެ ފަރާތްޕުޅުން ބަޔާން އިއްވެވީ އދއަށް ކަނޑައަޅުއްވާފައި ހުންނަވާ ރާއްޖޭގެ ދާއިމީ މިޝަންގެ ޝާޒޭ ޑި އެފެއާޒް އަދި ޑެޕިއުޓީ ޕާމަނަންޓް ރެޕްރެޒެންޓޭޓިވް ޑރ. އިބްރާހީމް ޒުހުރީ އެވެ.

ރައީސްގެ މެސެޖުގައި އދގެ ސަލާމަތީ މަޖިލީހުން އެ މައްސަލަ ވީޓޯކުރުމުގެ ސަބަބުން ހަނގުރާމަ ހުއްޓާލުމަށް ގޮވާލުމުގައި ފެއިލްވެފައިވާ ކަމަށް ފާހަގަކުރައްވާފައިވެ އެވެ. މިކަމުގެ ސަބަބުން ހަނގުރާމައިގެ ޖަރީމާތަކަށް މަގުފަހިކޮށްދެމުންދާތީ މިހާރު ދުނިޔޭގެ އެތައް މިލިއަން ބަޔަކު އިންސާނިއްޔަތުގެ އަގާއި އދގެ ބޭނުންތެރިކަމާ މެދު ސުވާލު އުފައްދަމުންދާ ކަމުގައި ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މީގެ 78 އަހަރު ކުރިން އދ އުފެދުނީ ދެވަނަ ބޮޑު ހަނގުރާމައިގައި ކުރިމަތިވި ފަދަ އަނިޔާވެރިކަމެއް ދުނިޔެއަށް ދެން ފެންނަން ނޭދޭތީ އެކަން ކަށަވަރުކުރުމަށް ކަމަށެވެ. ބައިނަލްއަގްވާމީ ސުލްހައާއި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ދެމެހެއްޓުމަކީ އދގެ ސަލާމަތީ މަޖިލީހުގެ މައްޗަށް ލާޒިމްކޮށްފައިވާ ކަމެއް ކަމުގައި ވިދާޅުވި އެވެ. ހަމަ އެއާއެކު ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް އިސްރާއީލުން ހިންގާ ހަނގުރާމައިގެ ޖަރީމާތަކާއި ލާއިންސާނީ އެންމެހައި އަމަލުތައް ބައިނަލްއަގްވާމީ ކްރިމިނަލް ކޯޓުން ތަހުގީގުކޮށް، ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފު ހޯދައިދިނުމަށް ރާއްޖެއިން ގޮވާލައްވަމުންދާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިދިޔަ އޮކްޓޫބަރު ހަތްވަނަ ދުވަހުގެ ކުރިންވެސް އިސްރާއީލުގެ ބާރުގެ ދަށުން ފަލަސްތީނަށް ބޮޑެތި ގެއްލުންތަކެއް ދެމުންދިޔަ ކަމަށެވެ. އެހެންކަމުން އިންސާނީ ހައްގުތައް ދެމެހެއްޓުމުގައި ދެފުށް ފެންނަ މިންގަނޑުތަކެއް ގެންގުޅުމަށް އދގެ ސަލާމަތީ މަޖިލީހަށް ރައީސް ގޮވާލެއްވި އެވެ.

ހަމަ އެއާއެކު އާންމު ރައްޔިތުންގެ ހިމާޔަތަށް ހާއްސަ ސަމާލުކަމެއް ދިނުމާއެކު ބައިނަލްއަގްވާމީ އިންސާނީ ގާނޫނުތަކުގައި ހިފަހައްޓައި އެ ގާނޫނުތަކުގައިވާ ގޮތަށް އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރުމަށް ހުރިހާ ފަރާތްތަކަކަށް ބާރުއެޅުން އިތުރުކުރުމަށް އދގެ ޖެނެރަލް އެސެމްބްލީގެ ބައިވެރިންގެ ފަރާތުން ރައީސް އެދިވަޑައިގެންނެވި އެވެ. އަދި ގަވާއިދާ ހިލާފަށް ފަލަސްތީނުގައި މީހުން ވަޒަންވެރިކުރުން އިތުރުކުރުމާއި، ފަލަސްތީނުގެ އިގްތިސާދު އެކަހެރިކުރުން ހުއްޓުވުމަށް އިސްރާއީލު ސަރުކާރަށް ބައިނަލްއަގްވާމީ ގޮތެއްގައި ބާރުއެޅުމަށް ރައީސް ގޮވާލެއްވި އެވެ.

އދގެ ކުއްލި މިބައްދަލުވުމަކީ މިސްރާއި، މޮރިޓޭނިއާގެ އެދުމުގެ މަތިން އދގެ އާންމު މަޖިލީހުގެ ގަރާރު 377 "ޔުނައިޓިން ފޯ ޕީސް" ކަމުގައި ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވަނީ މި ގަރާރު ދިވެހިރާއްޖެ އިން ކޯ-ސްޕޮންސާ ކޮށްފައިވާކަން ފާހަގަކުރައްވާފަ އެވެ. މިގަރާރުގައި ވަނީ އިސްރާއިލުން ހިންގާ ލާއިންސާނީ ހަނގުރާމަ ހުއްޓާލުމަށާއި ރަހީނުކުރި އެންމެން ވަގުތުން ވަގުތަށް ޝަރުތެއް ނެތި ދޫކޮށްލުމަށާއި ހަމަނުޖެހުންތަކުގެ ސަބަބުން ގެއްލުން ލިބުނު ހުރިހާ ސަރަހައްދަކަށް ހުއްޓުމެއްނެތި އިންސާނީ ވަސީލަތްތައް ލިބޭނެކަމުގެ ޔަގީންކަން ދިނުމަށް ގޮވާލުން ކަމުގައި ރައީސް ފާހަގަކުރެއްވި އެވެ.

ޣައްޒާއަށް ކުރިމަތިވެފައިވާ އިންސާނީ ކާރިސާއާ ގުޅިގެން އދގެ އާންމު މަޖިލީހާއި ހިއުމަން ރައިޓްސް ކައުންސިލް އަދި އދގެ ސަލާމަތާ ބެހޭ މަޖިލިސް ފަދަ އެކި ފޯރަމްތަކުގައި އަޑުއުފުލަމުންނެވެ.

ރައީސްގެ މެސެޖުގައިވެސް އެމަނިކުފާނު ވަނީ ފަލަސްތީނުގެ ރައްޔިތުންނާއި ފަލަސްތީނުގެ ސަރުކާރު، އަމިއްލަ އިހްތިޔާރުގެ ހައްގު ހާސިލްކުރުމަށް ކުރާ މަސައްކަތުގައި ދިވެހި ރައްޔިތުންނާއި ދިވެހި ސަރުކާރު ސާބިތުކަމާއެކު އެންމެ ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ . ރައީސްގެ މެސެޖުގައި 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސް އަކީ ފަލަސްތީނުގެ ވެރިރަށުގެ ގޮތުގައި ކަނޑައަޅައި، ފަލަސްތީނަކީ ސިޔާދަތީ އަދި މިނިވަން ދައުލަތެއްގެ ގޮތުގައި ގާއިމުކުރުމަށްވެސް ގޮވާލެއްވި އެވެ.