ފަލަސްތީން

ޓެލެތޯނުން ލިބުނު ފައިސާ ޖަމާކުރިކަމުގެ ލިޔުން ހާމަކޮށްފި

"ފަލަސްތީނާއެކު ދިވެހިން" ގެ ނަމުގައި ބޭއްވި ޓެލެތޯނުން ލިބުނު ފައިސާ ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވާކްސް އޭޖެންސީ ފޯ ޕަލަސްތީނިއަން ރެފިއުޖީޒް -- އަންރުވާ އަށް ފޮނުވިކަމުގެ ލިޔުން ސަރުކާރުން ހާމަކޮށްފި އެވެ.

ޓެލެތޯނުން ލިބުނު ފައިސާ އަންރުވާ އަށް ފޮނުވި ކަމުގެ ލިޔުން ފޮރިން މިނިސްޓްރީން ރޭ އާންމުކުރީ ޓެލެތޯނުން ލިބުނު ފައިސާއާމެދު ބައެއް ފަރާތްތަކުން ސުވާލު އުފައްދަމުން ދަނިކޮށެވެ.

ފޮރިން މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ ޓެލެތޯނުން ލިބުނު ފައިސާ އޮގަސްޓް 20 ވަނަ ދުވަހު އަންރުވާއަށް ފޮނުވާފައިވާ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ދައުލަތުގެ މީޑިއާ ހިންގާ ކުންފުނި -- ޕީއެސްއެމް އިން މި ޓެލެތޯން ބޭއްވީ ޖޫން 12 ވަނަ ދުވަހު އެވެ. ޓެލެތޯނުން 1.24 މިލިއަން ޑޮލަރު ލިބުނެވެ.

މި ފައިސާ ރާއްޖޭގެ މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އަންރުވާއަށް ޖަމާކުރިކަމުގެ ޑެބިޓު އެޑްވައިޒުގެ ކޮޕީ އާއި އަންރުވާ ފޯ ޕަލަސްތީން އެކައުންޓަށް ރާއްޖެއިން ފޮނުވި ފައިސާ ލިބިފައިވާކަން ކަށަވަރުކޮށްދީ ޖޭޕީ މޯގަން ބޭންކުން ދިން ލިޔުން ފޮރިން މިނިސްޓްރީން ވަނީ އާންމުކޮށްފަ އެވެ.

ފޮރިން މިނިސްޓްރީން ބުނީ މި ފަދަ ބޮޑު އަދަދެއްގެ ފައިސާ ފަލަސްތީނުގެ ރައްޔިތުންނަށްޓަކައި ދިވެހިން ހަދިޔާކުރުމަކީ ފަލަސްތީނުގެ މިނިވަންކަމަށް ރާއްޖެއިން ކުރާ ތާއީދާއި އެގައުމުގެ ރައްޔިތުންނާއެކު ދިވެހިން ތިބިކަމުގެ އަލިގަދަ ހެއްކެއް ކަމަށެވެ.

މީގެ އިތުރުން ދިވެހިން ހަދިޔާކުރި ފައިސާ ހަރަދުކުރާނެ ކުރު މުއްދަތުގެ އަދި ދިގު މުއްދަތުގެ ޕްރޮގްރާމްތަކާއި ޕްރޮޖެކްޓުތަކާ ގުޅޭ ގޮތުން އަންރުވާއާއެކު މަޝްވަރާ ކުރަމުންދާ ކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެފައިވެ އެވެ.