އަބްދުﷲ ޝާހިދު

އިޒްރޭލުގެ އުދުވާންތައް ހުއްޓުވަން އަވަސް ފިޔަވަޅުތަކެއް އަޅަން ގޮވާލައިފި

ފަލަސްތީންގެ ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ކުރިއަށްގެންދާ އުދުވާންތައް ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ގޮވާލައްވައިފި އެވެ.

ޝާހިދު މިކަމަށް ގޮވާލެއްވީ ސައުދީ އަރަބިއްޔާގެ ރިޔާދުގައި މިއަދު ފެށި ޖޮއިންޓް އަރަބް އިސްލާމިކް އެކްސްޓްރާ-އޯޑިނަރީ ސަމިޓުގައި ބައިވެރިވަޑައިގެން ދެއްކެވި ވާހަކަފުޅު ގައެވެ. މި ސަމިޓްގައި ޝާހިދު ބައިވެރިވެވަޑައިގެންނެވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ހާއްސަ މަންދޫބެއްގެ ގޮތުގައެވެ.

މި ސަމިޓަކީ އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އުދުވާނުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ފެށި ސަމިޓެކެވެ.

ޝާހިދުގެ ވާހަކަފުޅުގައި ފަލަސްތީނުގެ އާންމު ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ އަސްކަރީ ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައި، މިހާރުން މިހާރަށް ހަމަލާތައް ހުއްޓާލަންޖެހޭ ކަމުގައި ވިދާޅުވި އެވެ. އަދި ޣައްޒާގައި އިންސާނީ ހާލަތު ގޯސްވަމުންދާތީ އެކަމަށް އިޝާރާތް ކުރައްވާ ޝާހިދު ވަނީ ކާބޯތަކެއްޗާއި ބޭސް ފަދަ ޒަރޫރީ ތަކެތި ރައްކާތެރިކަމާއެކު ޣައްޒާއަށް ވަންނާނެކަން ކަށަވަރުކުރުމަށާއި އެކަމަށް އެއްބާރުލުން ދެއްވުމަށްވެސް އެދިވަޑައިގެންނެވި އެވެ.

ޝާހިދު ވަނީ އިންސާނިއްޔަތާ ގުޅޭ ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފަށް މުޅި ޣައްޒާގެ ރައްޔިތުން ޝާމިލުވާހެން ކުރިއަށްގެންދާ ހުރިހާ އުދުވާނުތައް ހުއްޓުވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދިނުމަށް ބައިނަލްއަގްވާމީ މުޖުތަމައުގެ ކިބައިން އެދިވަޑައިގެންފަ އެވެ. ފަލަސްތީނާއި މުޅި މެދުއިރުމަތީގައި ދެމެހެއްޓެނިވި ސުލްހައާއި ހަމަޖެހުން ގާއިމުކުރުމުގެ މަގަކީ ފަލަސްތީނުގެ ސަރަހައްދީ ރޮނގު 1967ގެ ކުރީގައި އޮތްގޮތަށް، އިރުމަތީ ގުދުސްއަކީ ޕަލަސްތީނުގެ ވެރިރަށުގެ ގޮތުގައި ބަލައިގަނެ ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުން ކަމުގައިވެސް ވިދާޅުވި އެވެ.

މިސަމިޓް ނިންމާލާނީ ޣައްޒާއާއި އަލްޤުދުސް އަލް ޝަރީފް ހިމެނޭގޮތަށް އިޒްރޭލުން މުޅި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ އުދުވާނާ ބެހޭގޮތުން މަޝްވަރާކޮށް އެކުލަވާލާ އަރަބް އިސްލާމިކް އެކްސްޓްރާ އޯޑިނަރީ ސަމިޓްގެ ގުޅިފައިވާ ގަރާރާއެކުގައެވެ. މި ގަރާރަކީ އިޒްރޭލުގެ ޣައިރު ގާނޫނީ އަމަލުތައް ނިމުމަކަށް ގެނައުމަށާއި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ނިގުޅައިގަނެ ފަލަސްތީނުގެ ބިންތައް ހިފައިގެން އިޒްރޭލުން ހިންގާ އަމަލުތައް ކުށްވެރިކޮށް މެންބަރު ގައުމުތަކުން ދެކޭގޮތް ހާމަކޮށްދޭ ގުޅިފައިވާ ގަރާރެކެވެ.

ޖޮއިންޓް އަރަބް އިސްލާމިކް އެކްސްޓްރާ-އޯޑިނަރީ ސަމިޓަކީ އޯއައިސީގެ ކުރިން ރާވާފައިވާ އެކްސްޓްރާ އޯޑިނަރީ އިސްލާމިކް ސަމިޓާއި އެމަޖެންސީ އަރަބް ސަމިޓް އެއްކޮށްލައިގެން ސައުދީ އަރަބިއްޔާ އިން ބާއްވާ ސަމިޓެކެވެ. ޖުމްލަ 57 މެމްބަރު ގައުމު ހިމެނޭ އޯއައިސީ އަކީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި އަބަދުވެސް އަޑުއުފުލަމުން އަންނަ ޖަމިއްޔާ އެކެވެ. ރާއްޖެ 1976 ވަނަ އަހަރު އޯއައިސީގެ މެމްބަރު ގައުމަކަށް ވުމަށްފަހު ރާއްޖެއިން ވެސް އަންނަނީ އެ ޖަމިއްއްޔާގެ މެންބަރު ގައުމުތަކާ ގުޅިގެން އެ ޖަމިއްއްޔާގައި ހަރަކާތްތަކުގައި ބައިވެރިވަމުންނެވެ.