ފޮރިން މިނިސްޓްރީ

ގަތުލުއާންމު ހުއްޓާލައި، ބައިނަލްއަގްވާމީ ގާނޫނު ތަންފީޒު ކުރޭ: ޒަމީރު

އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލުއާންމު ވަގުތުން ހުއްޓާލައި، ބައިނަލްއަގްވާމީ ގާނޫނު ތަންފީޒު ކުރުމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ގޮވާލައްވައިފި އެވެ.

ފޮރިން މިނިސްޓަރުންގެ ފެންވަރުގައި އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން ސައުދި އަރަބިއްޔާގެ ޖިއްދާގައި ބާއްވާ ހާއްސަ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފޮރިން މިނިސްޓަރު ޒަމީރު ވަނީ ޣައްޒާގެ ގޯސްވަމުންދާ ހާލަތު ފާހަގަކުރައްވާ، ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ ނަސްލު ނައްތާލުމުގެ އަމަލުތައް ކުށްވެރިކުރައްވާފަ އެެވެ.

ލާއިންސާނީ އަމަލުތައް ހުއްޓުވުމަށް ބައިނަލްއަގްވާމީ މުޖުތަމައު އެއްކޮށް، ވަކި ގައުމެއް އިސްތިސްނާ ނުވާނެހެން ގާނޫނު ތަންފީޒުކުރުމަށްވެސް މިނިސްޓަރު ވަނީ ގޮވާލައްވާފަ އެވެ.

މި ބައްދަލުވުމުގައި ޒަމީރު ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންނަށް އެކަށީގެންވާ އެހީތައް ނުލިބޭ ކަމަށާއި އެ އެހީ ފޯރުކޮށްދިނުމަކީ ބައިނަލްއަގްވާމީ މުޖުތަމައުއިން އެންމެ އިސްކަން ދޭންވީ ކަންތައް ކަމަށެވެ.

ފަލަސްތީނަށް ދެމުންދާ އެހީ ލިބޭނެ ކަމުގެ ޔަގީންކަން ދެއްވަމުން ޒަމީރު އިތުރަށް ވިދާޅުވީ ފަލަސްތީނަށް ފުރިހަމަ މިނިވަންކަމެއް ލިބޭނީ އިޒްރޭލުގެ އަތްދަށުން ފަލަސްތީން މިނިވަންކޮށްގެން ކަމަށެވެ. އަދި 1967ގެ ކުރީގެ ބޯޑަރު އޮތް ގޮތަށް އިރުމަތީ ގުދުސަކީ ފަލަސްތީންގެ ވެރި ރަށަށް ހެދުމަށްފަހު، ފަލަސްތީން މިނިވަން ދައުލަތެއްގެ ގޮތުގައި ގާއިމުކުރުން މުހިއްމު ކަމުގައިވެސް ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި މިނިސްޓަރު ޒަމީރު ވަނީ ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާގެ އަވަހާރަކޮށްލުން ކުށްވެރިކުރައްވާފަ އެވެ.