އދގައި ފަލަސްތީނަށް އެހީވުމަށް ހަދާފައިވާ ފަންޑަށް ރާއްޖެއިން އާންމުކޮށް ދޭ 5،000 ޑޮލަރުގެ އަދަދު އިތުރުކޮށް އެ ފަންޑަށް 50،000 ޑޮލަރު ދިނުމަށް ނިންމާފައިވާ ކަަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
ފަލަސްތީނަށް އެހީވުމަށް ދައުލަތުގެ މީޑިއާއިން އިންތިޒާމުކޮށްގެން "ފަލަސްތީނާއެކު ދިވެހިން"ގެ ނަމުގައި ކުރިއަށް ގެންދާ ޓެލެތޯން ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ޒަމީރު ވިދާޅުވީ މި މަހުގެ ދެވަނަ ދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ފަަލަސްތީނަށް އެހީވުމުގެ މުހިއްމު ސިޔާސަތުތަކެއް ކަނޑައަޅާފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މިއަދު ފެށި ޓެލެތޯނުން ލިބޭ ހުރިހާ ފައިސާއެއް ހަވާލުކުރާނީ 1948 ވަނަ އަހަރު ޔޫއޭއީ އިން ހުށަހަޅައިގެން ވުޖޫދަށް ގެނައި އދގެ ގޮތްޕެއް ކަމަށްވާ ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އޭޖެންސީ ފޯ ފަލަސްތީން ރެފިއުޖީސް -- "އަންރުވާ"އަށް އެހީވުމަށް ހަދާފައިވާ ފަންޑަށް ކަމަށެވެ.
ޒަމީރު ވިދާޅުވީ އަންރުވާގެ ފަންޑަށް ރާއްޖެއިން ކޮންމެ އަހަަރަކު ވެސް ރަމްޒީ ގޮތުން 5،000 ޑޮލަރު ދޭ ކަމަށެވެ. އެކަމަކު މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަަލާތަކާ ގުޅިގެން ފަލަސްތީނަށް ލިބިފައިވާ ގެއްލުމުގެ ސަބަބުން މި އަހަރު ރައީސް ވަނީ އޭގެ 10 ގުނަ -- 50000 ޑޮލަރު ދިނުމަށް ނިންމަވާފައި ކަމަަށްވެސް ވިދާޅުވި އެވެ.
މިފައިސާއަކީ ފިނޭންސް މިނސްޓްރީއާ ހަވާލުކޮށް، ފޮރިން މިނސްޓްރީގެ ބެލުމުގެ ދަށުން އަދި "ކޮރޯ މޯލްޑިވްސް އެލްއެލްބީ"ގެ އިންޑިޕެންޑެންޓް އޮޑިޓަރެއްގެ އެހީއާއެކު "އަންރުވާ" އަށް ލިބޭ ފައިސާކަން ޔަގީންކުރައްވަމުން ގެންދަވާ ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވި އެވެ.
"އަންރުވާ އަކީ މުޅި އދގައި ނިޒާމެއް ގާއިމުކޮށްފައިވާ ބެސްޓް ޕްރެކްޓިސް އޮފް އޯވަސައިޓް އުސޫލުގެ މައްޗަށް އަމަލު ކުރާ އިދާރާއެއް،" މިނިސްޓަރު ވިދާޅުވި އެވެ.
ޒަމީރު އިތުރަށް ވިދާޅުވީ ފަލަސްތީނަށް މިނިވަން ދައުލަތެއް ލިބެންޖެހޭ ކަމަށާއި އެ ދައުލަތުގެ ސަރަހައްދީ އިމަކީ 1967 ވަނަ އަހަރު އދ އިން ބަލައިގެންފައިވާ އިން ކަމަށެވެ. އަދި ފަލަސްތީންގެ ވެރިރަކަށް ވާންޖެހޭނީ އިރުމަތީ ގުދުސް ކަމުގައިވެސް ވިދާޅުވި އެވެ. އިޒުރޭލުން ހިފާފައިވާ ފަލަސްތީންގެ ބިންތަކުން ވަގުތުން ފޭބުމަށްވެސް ޒަމީރު ވަނީ ގޮވާލައްވާފަ އެވެ.