ޑރ. މުހައްމަދު ޝައިނީ

ޣައްޒާގެ ސްކޫލަށް ދިން ހަމަލާ ރައީސް މުއިއްޒު ކުށްވެރިކުރައްވައިފި

ޣައްޒާގެ ސްކޫލަކަށް ހަމަލާދީ އެތައް ބަޔަކު ޝަހީދުކޮށްލުމުން އެ އަމަލު ކުށްވެރިކޮށް އިޒުރޭލު ޖަވާބުދާރީ ކުރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.

މި ހަމަލާއާ ގުޅިގެން އެކްސްގައި ރައީސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޣައްޒާގެ ތަބީއިން ސްކޫލުގައި ހިމާޔަތް ހޯދައިގެން ތިބި އެތައް ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، އެތައް އަންހެނުންނެއް ޒަހަމްކޮށްލައި ޝަހީދުކޮށްލުމަކީ ބިރުވެރި މަންޒަރެއް ކަމަށެވެ.

ރައީސް ވިދާޅުވީ އިޒުރޭލުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ފަލަސްތީންގެ ޣައްޒާގައި ކުރިއަށް ގެންދާ ގަތުލުއާންމު ހުއްޓާލުމަށް އިޒްރޭލުން އެއްވެސް މަސައްކަތެއް ކުރަމުން ނުދާ ކަމަށެވެ.

އެހެންވެ ރައީސް ވަނީ އިޒުރޭލުގެ ލާއިންސާނީ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ، އިޒުރޭލުގެ އަމަލުތަކަކީ ބައިނަލްއަގްވާމީ އިންސާނީ ގާނޫނާ ހިލާފު އަމަލުތަކެއް ކަމަށް ވިދާޅުވެފަ އެވެ. އަދި މިކަމަށް އިޒްރޭލާ ދެކޮޅަށް ވަގުތުން ވަގުތަށް ފިޔަވަޅު އަޅަންޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.

އިޒްރޭލުން ދިން ހަމަލާއާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓްރީން ވެސް ވަނީ އިޒްރޭލުން ކުށްވެރިކޮށް ބަޔާނެއް ނެރެފަ އެވެ. އާންމުންނަށް އަމާޒުކޮށް ދޭ މިފަދަ ހަމަލާތަކަކީ އިންޓަނޭޝަނަލް ހިއުމަނިޓޭރިއަން ލޯ އާއި ޔުނައިޓެޑް ނޭޝަން ސެކިއުރިޓީ ކައުންސިލްގެ 2،610 ރިސޮލިއުޝަނާ ހިލާފު އަމަލެއް ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.