އިޒުރޭލާއި ފަލަސްތީނުގެ އަރައިރުން

ޣައްޒާއަށް އަވަސް އެހީ ފޯރުކޮށްދިނުމަށް ގޮވާލައިފި

އިޒްރޭލުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ޣައްޒާގެ ހާލަތު ގޯސްވަމުންދާތީ މިހާރުން މިހާރަށް ބޭނުންވާ އެހީތައް ޣައްޒާއަށް ފޯރުކޮށްދިނުމުގައި ބައިނަލްއަގްވާމީ މުޖުތަމައުން މިހާރަށް ވުރެ އަވަސް މަސައްކަތްތަކެއް ކުރުމަށް ރާއްޖެއިން ގޮވާލައިފި އެވެ.

ދިވެހިރާއްޖެއިން މިކަމަށް ގޮވާލާފައި މިވަނީ އެމެރިކާގެ ނިއު ޔޯކުގައި މިހާރު ކުރިއަށްދާ އދގެ އާއްމު މަޖިލީހުގެ 78 ވަނަ ސެޝަނުގެ އިގްތިސާދީ އަދި މާލީ ކަންކަމާ ބެހޭ ކޮމިޓީ -- ސެކަންޑް ކޮމިޓީގައި ދިވެހި ސަރުކާރުން ދިން ބަޔާނުގައެވެ.

މި ސެޝަނަކީ އިރުމަތީ ގުދުސް ހިމެނޭހެން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައިވާ ގުދުރަތީ ވަސީލަތްތަކަށް ފަލަސްތީނުގެ ރައްޔިތުންގެ ދާއިމީ ސިޔާދަތީ ވެރިކަން އޮތުމާއި ހިފާފައިވާ ސީރިއާގެ ގޯލާންގެ ބިންތަކުގައިވާ ގުދުރަތީ ވަސީލަތްތަކަށް އެބިންތަކުގައި އުޅޭ އަރަބި އާބާދީތަކަށް ދާއިމީ ސިޔާދަތީ ވެރިކަން އޮތުމާ ގުޅޭގޮތުން ބަހުސްކުރުމަށް ބޭއްވި ސެޝަނެކެވެ.

މިބަޔާނުގައި ރާއްޖެއިން ވަނީ ފަލަސްތީނުގެ ރައްޔިތުން އެތައް އަހަރެއް ވަންދެން ތަހައްމަލު ކުރަމުންދާ ދަތި ހާލު ފާހަގަކޮށް ހާއްސަ ގޮތެއްގައި ޣައްޒާގައި މިހާރު ހިންގަމުންދާ އުދުވާންތަކާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށް އާއްމު ރައްޔިތުންނާއި އާއްމު ބޭނުންތަކަށް ބޭނުންކުރެވޭ އުމްރާނީ ވަސީލަތްތަކަށް ހަމަލާ ދިނުން ހުއްޓާލުމަށް ގޮވާލާފަ އެވެ. އަދި ޣައްޒާގެ އުތުރުގައި ދިރިއުޅެމުންދާ 1.2 މިލިއަން ރައްޔިތުން 24 ގަޑިއިރުތެރޭގައި ޣައްޒާގެ ދެކުނަށް ދިއުމަށާއި އެންމެ ހަ ގަޑިއިރު ތެރޭގައި ގެތަކުން ނުކުތުމަށް އެތައް މިލިއަން ބަޔަކަށް އިސްރޭލުން އެންގި އެންގުމަކީ ބައިނަލްއަގްވާމީ އަދި އިންސާނީ ހައްގުތަކާ ބެހޭ އެންމެހައި ގާނޫނުތަކާ ހިލާފު ކަމެއްކަން ފާހަގަކޮށް އެ އަމުރު އަނބުރާ ގެނައުމަށްވެސް ރާއްޖެއިން ވަނީ ގޮވާލާފަ އެވެ.

މިބަޔާނުގައި ވަނީ އާއްމުންނާ ހަނގުރާމަވެރިންނާ ތަފާތުކުރުމެއްނެތި ދެވޭ ހަމަލާތަކަކީ "ކަލެކްޓިވް ޕަނިޝްމަންޓް"ކަން ފާހަގަކޮށް ފަލަސްތީނުގެ ރައްޔިތުންނަށް ބޭނުންވާ ބޭހާއި ކާބޯތަކެއްޗާއި ޒަަރޫރީ ބޭނުންތަކަށް ބޭނުންވާ ސާމާނު މިހާރުން މިހާރަށް ފޯރުކޮށްދިނުމަށް އިންސާނިއްޔަތު ކަމުގެ ކޮރިޑޯތަކެއް ހުޅުވުމުގެ މުހިއްމުކަން ފާހަގަކޮށްފަ އެވެ. އަދި ހަމަލާތައް މިހާރުން މިހާރަށް ހުއްޓުވުމަށް ބާރުއެޅުމަށް ވެސް ރާއްޖެއިން ވަނީ ބައިނަލްއަގްވާމީ މުޖުތަމައަށް ގޮވާލާފަ އެވެ.

މިބަޔާނުގައި ވަނީ ފަލަސްތީނުގެ ރައްޔިތުން ވަކި ދައުލަތެއް ގާއިމުކުރުން ހިމެނޭހެން ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރުމަށްޓަކައި ކުރަމުންދާ ޖާއިޒު މަސައްކަތްތަކުގައި ފަލަސްތީނުގެ ރައްޔިތުންނަށް އެއްވެސް ޝަރުތެއް ނެތި ރާއްޖެއިން ތާއީދުކުރާކަން ތަކުރާރުކޮށްފަ އެވެ. އަދި ދާއިމީ ދެމެހެއްޓެނިވި ހައްލެއް ލިބެން އޮތީ 1967ގެ ކުރީގެ ބޯޑަރުތަކުގެ މައްޗަށް އެކުލެވިފައިވާ، އިރުމަތީ ގުދުސް ވެރިރަށެއްގެ ގޮތުގައި ކަނޑައެޅިފައިވާ މިނިވަން، މުސްތަގިއްލު ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރެވިގެން ކަންވެސް ރާއްޖޭގެ ބަޔާނުގައި ބުނެފައިވެ އެވެ.