ފަލަސްތީނުގެ އިރުމަތީ ޣައްޒާގައި ދިރިއުޅޭ 1.2 މިލިއަން އާންމުން 24 ގަޑިއިރު ތެރޭ ޣައްޒާގެ ދެކުނަށް ބަދަލުވުމަށް އިޒްރޭލުގެ ސިފައިން އެންގި އެންގުމަކީ ހަނގުރާމައިގެ ޖަރީމާއެއް ކަމަށް ދިވެހި ސަރުކާރުން ބުނެފި އެވެ.
ޣައްޒާގައި ދިރިއުޅެމުންދާ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ކުރިއަށް ގެންދާ އަސްކަރީ ހަމަލާތަކާއި އިރުމަތީ ޣައްޒާގައި ދިރިއުޅޭ 1.2 މިލިއަން އާންމުން 24 ގަޑިއިރު ތެރޭ ޣައްޒާގެ ދެކުނަށް ބަދަލުވުމަށް އިޒްރޭލުގެ ސިފައިން އެންގި އެންގުން ކުށްވެރިކޮށް ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ސަލާމަތްތެރިކަމާއި އެނބުރި އާދެވޭނެކަމުގެ ޔަގީންކަންނެތި މިފަދަ ކަމެއް ކުރުވުމަކީ ހަނގުރާމައިގެ ޖަރީމާއެއް ކަމަށްވާ މަޖުބޫރުން ހިޖުރަކުރުވުން ކަމަށާއި އެހެންކަމުން އެއަމުރު ބަދަލުކުރަން ޖެހޭ ކަމަށެވެ.
އިޒްރޭލުގެ ހަމަލާތަކުގައި ޣައްޒާގެ އަންހެނުންނާއި ކުޑަކުދިން ހިމެނޭހެން އެތައް ސަތޭކަ ބަޔަކު ޝަހީދުވެފައިވާއިރު ހޮސްޕިޓަލްތަކާއި ސްކޫލުތައް ހިމެނޭހެން މުހިންމު ހިދުމަތްތައް ފޯރުކޮށްދޭ ތަންތަނާއި އދ.ގެ އިމާރާތްތަކާއި އާންމުން ދިރިއުޅޭ އިމާރާތްތަކާއި މިސްކިތްތައް ސުންނާފަތިވެފައިވާ ކަމަށް ދިވެހި ސަރުކާރުން ވަނީ ބުނެފަ އެވެ.
"ދިވެހިރާއްޖޭގެ ސަރުކާރުން ޤަބޫލުކުރާ ގޮތުގައި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ މިއުދުވާންތަކަކީ ބައިނަލްއަގުވާމީ އަދި އިންސާނީ ހައްގުތަކާ ބެހޭ އެންމެހައި ގާނޫނުތަކާ ހިލާފަށް ހިންގާ ހަނގުރާމައިގެ ޖަރީމާތަކެއް،" ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.
މީގެ އިތުރުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ހަމަލާތައް ވަގުތުން ހުއްޓުވުމަށް މަޖުބޫރުކުރުވާ ޣައްޒާއަށް މިހާރުން މިހާރަށް ބޭނުންވާ ބޭހާއި ކާބޯތަކެއްޗާއި ޒަރޫރީ ބޭނުންތަކަށް ބޭނުންވާނެ ތަކެތި ފޯރުކޮށްދިނުމަށް އިންސާނިއްޔަތުކަމުގެ ކޮރިޑޯއެއް ހުޅުވުން ކަށަވަރުކުރުމަށް ބާރުއެޅުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ދިވެހި ސަރުކާރުން ވަނީ ގޮވާލާފަ އެވެ.
ފަލަސްތީނުގެ ރައްޔިތުންނަށް ވަކި ދައުލަތެއް އުފެއްދުމަށާއި އެބައި މީހުންގެ ހައްގުތައް ކަށަވަރު ކުރުމަށްޓަކައި ކުރިއަށްގެންދާ ޖާއިޒު މަސައްކަތްތަކުގައި ފަލަސްތީނުގެ ރައްޔިތުންނަށް އެއްވެސް ޝަރުތަކާ ނުލައި ތާއީދުކުރުންމަތީ ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުން ތިބިކަން މި ބަޔާނުގައި ވަނީ ތަކުރާރުކޮށްފަ އެވެ.
"ދިވެހި ސަރުކާރުން ޤަބޫލުކުރާ ގޮތުގައި ފަލަސްޠީނުގައި ހިނގަމުންދާ ހަމަނުޖެހުމަށް ދެމިގެންދާނެ އަދި ދެމެހެއްޓެނިވި ހައްލެއް ހޯދޭނީ 1967ގެ ކުރީގެ ބޯޑަރުތަކުގެ މައްޗަށް އެކުލެވިފައިވާ، އިރުމަތީ ގުދުސް ވެރިރަށެއްގެ ގޮތުގައި ކަނޑައެޅިފައިވާ މިނިވަން އަދި މުސްތަޤިއްލު ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރެވިގެން." މި ބަޔާނުގައި ބުނެފައިވެ އެވެ.
ޣައްޒާގައި ދިރިއުޅޭ 1.2 މިލިއަން އާންމުން 24 ގަޑިއިރު ތެރޭ ޣައްޒާގެ ދެކުނަށް ބަދަލުވުމަށް އިޒްރޭލުން އަންގާފައިވާއިރު އިޒްރޭލުގެ ސިފައިން ބަރު ހަތިޔާރާއެކު ޣައްޒާއަށް އަރާނެ ކަމުގެ އިންޒާރު ވަނީ ދީފަ އެވެ.