އިޒުރޭލާއި ފަލަސްތީނުގެ އަރައިރުން

އޯއައިސީގެ އެގްޒެކެޓިވް ކޮމިޓީގެ ކުއްލި ބައްދަލުވުމެއް ފަށަނީ

ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ކުރިއަށްގެންދާ އަސްކަރީ ހަމަލާތަކާ ގުޅިގެން އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ އެގްޒެކެޓިވް ކޮމިޓީގެ އޯޕަން އެންޑެޑް އެކްސްޓްރާ އޯޑިނަރީ ކުއްލި ބައްދަލުވުމެއް ފެށުމަށް ތައްޔާރުވެއްޖެ އެވެ. ދިވެހި ސަރުކާރުގެ ބޭފުޅުން ވެސް މިބައްދަލުވުމުގައި ބައިވެރިވެ އެވެ.

ހާރިޖީ ވަޒީރުންގެ ފެންވަރުގައި މިއަދު މި ބައްދަލުވުން ބޭއްވުމަށް ހުށަހަޅާފައިވަނީ އިސްލާމިކް ސަމިޓާއި އޯއަސީގެ އެގްޒެކެޓިވް ކޮމިޓީގެ ޗެއާ ކަމުގައިވާ ސައުދި އަރަބިއްޔާ އިންނެވެ.

ސައުދި އަރަބިއްޔާގެ ޖިއްދާގައި ހުންނަ އޯއައިސީގެ މައި އޮފީހުގައި މިބައްދަލުވުން ފެށުމަށް ހަމަޖައްސާފައިވަނީ ރާއްޖެ ގަޑިން މިއަދު ހަވީރު 3:15 ހާއިރު އެވެ.

މި ބައްދަލުވުމުގައި އޯއަސީގެ އެގްޒެކެޓިވް ކޮމިޓީގެ ޗެއާއާއި އޯއައިސީގެ ސެކްރެޓަރީ ޖެނެރަލް އަދި ފަލަސްތީންގެ ހާރިޖީ ވަޒީރު ތަގުރީރުކުރެއްވުމަށް ހަމަޖެހިފައިވެ އެވެ.

އޭގެފަހުގައި މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ ވަފްދުތަކުގެ އިސްވެރިން ވެސް ތަގުރީރުކުރައްވާނެ އެވެ. ރާއްޖޭގެ ފަރާތުން މިބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ތަގުރީރުކުރައްވާނީ މިނިސްޓަ އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒް އަހްމަދު ހަލީލް އެވެ.

ދިވެހިރާއްޖެ، އޯއައިސީއާ ގުޅިފައިވަނީ 1976 ވަނަ އަހަރު އެވެ.