ހައްދުފަހަނައަޅާފައިވާ ޔަހޫދީ އިޒްރޭލު ސިފައިން ފަލަސްތީންގެ ޣައްޒާގެ އަލް އަހްލީ އަރަބް ހޮސްޕިޓަލަށް ދިން ރޮކެޓް ހަމަލާތަކުގައި އެތައް ސަތޭކަ ބަޔަކު މަރުވެފައިވާތީ ދިވެހި ސަރުކާރުން އެކަން ހަރުކަށި އިބާރާތުންކޮށްފި އެވެ.
އިޒްރޭލުން ރޭގެ ވަގުތެއްގައި ހަމަލާދިނީ ހޮސްޕިޓްލް ތެރޭގައި އޮންނަ ހުސް ޖާގަކޮޅެއްގައި އެތައް ސަތޭކ ބަޔަކު ހިމާޔަތް ހޯދައިގެން ތިބި ތަނަކަށެވެ.
ޔަހޫދީ ސިފައިން ބުނާ ގޮތުގައި މިއީ ފަލަސްތީންގެ މިނިވަންކަމަށްޓަކައި ޖިހާދު ކުރާ ހަމާސްގެ ޖިހާދީން ހިމާޔަތް ހޯދައިގެން ތިބޭ ތަނެކެވެ. މިތަނަށް ދިން ހަމަލާގައި މަރުވި މީހުންގެ އަދަދު ގާތްގަނޑަކަށް 800 އަށް އަރާފައިވާއިރު ޔަހޫދީ ބައިގަނޑުން މިހާރު ބުނަނީ ހޮސްޕިޓަލް އެއީ ސީދާ ހަމަލާގެ އަމާޒު ނޫން ކަމަށެވެ.
ލާއިންސާނީ ޖަރީމާތައް ހިންގުމުގައި ހައްދުފަހަނައަޅާފައިވާ ޔަހޫދީ ސިފައިންގެ ހަމަލާއާއި ގުޅިގެން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ އެތައް ސަތޭކަ ބަޔަކު މަރުވި ހަމަލާއާއި ގުޅިގެން ކުއްލި ސިހުމެއް ލިބިވަޑައިގެންނެވި ކަމަށެވެ.
ހޮސްޕިޓަލްތަކާއި އާންމުން ދިރިއުޅޭ ތަންތަނަށާއި އާންމުންނަށް އަމާޒުކޮށް ހަމަލާދިނުމަކީ ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކާ ގުޅޭ ގާނޫނުތައް މަނާކުރާ ކަމެއް. އަހަރެމެން [ދިވެހި ސަރުކާރުން] އެންމެ ހަރުކަށިކޮށް މިކަން ކުށްވެރިކުރަން،" އދ. އާންމު މަޖިލީހުގެ ރައީސްކަންވެސް ކުރައްވަވާފައިވާ ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވަނީ ހަމަލާތައް ހުއްޓާލުމަށާއި އިންސާނީ އެހީ ފޯރުކޮށްދިނުމުގައި އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އެޅުމަށް ބައިނަލްއަގްވާމީ މުޖުތަމައަށް ގޮވާލައްވާފަ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން މިމަހުގެ ހަތްވަނަ ދުވަހު ދޭން ފެށި ހަމަލާތަކުގައި އިޒްރޭލުން މަރާލާފައިވާ ފަލަސްތީން ރައްޔިތުންގެ އަދަދު މިހާރު ވަނީ 4،000 އާ ގާތްކޮށްފަ އެވެ. ހަނގުރާމައަށް ކައިރި މުސްތަގުބަލެއްގައި ހުއްޓުމެއް އަންނާނެ ކަމަށް ނުބެލެވޭއިރު މަރުވާ ފަލަސްތީން މީހުންގެ އަދަދު އަދިވެސް ވަރަށް ބޮޑަށް އިތުރުވެގެންދާނެ ކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.