ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ޣައްޒާއަށް ބޭނުންވާ އެހީ އަވަސްކުރަން ރައީސް ގޮވާލައްވައިފި

ފަލަސްތީންގެ ޣައްޒާއަށް ބޭނުންވާ އިންސާނީ އެހީ އަވަސްކުރެވޭނެ ގޮތްތަކެއް ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ގޮވާލައްވައިފި އެވެ.

ރައީސް ސޯލިހް މިކަމަށް ގޮވާލައްވާފައި މިވަނީ ހައްދުފަހަނައަޅާފައިވާ ޔަހޫދީ އިޒްރޭލު ސިފައިން ފަލަސްތީންގެ ޣައްޒާގެ އަލް އަހްލީ އަރަބް ހޮސްޕިޓަލަށް ދިން ރޮކެޓް ހަމަލާތަކުގައި އެތައް ސަތޭކަ ބަޔަކު މަރުވެފައިވާތީ އެކަން ކުށްވެރިކުރައްވާ ސޯޝަލްމީޑިއާގައި އާންމުކުރެއްވި ޕޯސްޓެއް ގައެވެ.

ރައީސް ވިދާޅުވީ ހޮސްޕިޓަލަށް ދިން ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި ހޮސްޕިޓަލްތަކަށާއި ހަނގުރާމައާއި ގުޅުމެއް ނެތް މީހުންނަށް އަމާޒުކޮށްގެން ހަމަލާ ދިނުމަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފު އަމަލެއް ކަމަށްވެސް ފާހަގަކުރައްވާފައިވެ އެވެ.

"އަޅުގަނޑު ދުނިޔޭގެ މުޖުތަމައަށް ގޮވާލަން ހަނގުރާމަ ހުއްޓާލުމަށް ބާރުއަޅައި، ޣައްޒާގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތަކަށް ލުއިދިނުމަށްޓަކައި އިންސާނީ އެހީދެވޭނެ ގޮތްތަކެއް ޤާއިމުކުރަން،" ރައީސް ވިދާޅުވެފައިވެ އެވެ.

ޣައްޒާގެ ހޮސްޕިޓަލަށް ރޭ ދިން ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 800 އިން މައްޗަށް ގޮސްފައިވާ ރިޕޯޓްތައް ބުނެ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން މިމަހުގެ ހަތްވަނަ ދުވަހު ދޭން ފެށި ހަމަލާތަކުގައި އިޒްރޭލުން މަރާލާފައިވާ ފަލަސްތީން ރައްޔިތުންގެ އަދަދު މިހާރު ވަނީ 4،000 އާ ގާތްކޮށްފަ އެވެ. ހަނގުރާމައަށް ކައިރި މުސްތަގުބަލެއްގައި ހުއްޓުމެއް އަންނާނެ ކަމަށް ނުބެލެވޭއިރު މަރުވާ ފަލަސްތީން މީހުންގެ އަދަދު އަދިވެސް ވަރަށް ބޮޑަށް އިތުރުވެގެންދާނެ ކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.