އިޒުރޭލާއި ފަލަސްތީނުގެ އަރައިރުން

ފަލަސްތީން ރައްޔިތުންނަށް ދެ މިލިއަން މަސްދަޅު ހަދިޔާކުރުމަށް ދިވެހި ސަރުކާރުން ނިންމައިފި

ފަލަސްތީން ރައްޔިތުންނަށް އެހީވުމަށް ދެ މިލިއަން މަސްދަޅު ހަދިޔާކުރުމަށް ދިވެހި ސަރުކާރުން ނިންމައިފި އެވެ.

ސަރުކާރުގެ ފަރާތުން މިކަން މިރޭ ހާމަކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެވެ.

ޝާހިދު ވިދާޅުވީ ފަލަސްތީނުގެ އަހުންނާއި އުހުތުންނަށް ދެ މިލިއަން މަސްދަޅު ހަދިޔާ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ނިންމަވާފައިވާ ކަމަށެވެ.

"މި އެހީއަކީ ފަލަސްތީނުގެ ރައްޔިތުންނާއެކު އަޅުގަނޑުމެން ސާބިތުކަމާ އެކު ތިބި ރަމްޒެއް،" ޝާހިދު ވިދާޅުވި އެވެ.

ޝާހިދު އިތުރަށް ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުން ވަކި ދައުލަތެއް އުފެއްދުމަށާއި އެ މީހުންގެ ހައްގުތައް ކަށަވަރުކުރުމަށްޓަކައި ކުރަމުންގެންދާ މަސައްކަތްތަކުގައި އެއްވެސް ޝަރުތަކާ ނުލައި ތާއީދުކުރުންމަތީ ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުން ތިބޭނެ ކަމަށެވެ.

އިޒްރޭލުން ފަލަސްތީންގެ ޣާއްޒާއަށް ދެމުންދާ ލާއިންސާނީ ހަމަލާތަކާ ގުޅިގެން އދގެ ހާއްސަ ސެޝަނެއް ބާއްވައިދިނުމަށްވެސް ރާއްޖެއިން މިހާރު ވަނީ ހުށަހަޅާފަ އެވެ.

ރާއްޖެ އަކީ ފަލަސްތީންގެ ހައްގުތަކަށް ވަކާލާތު ކުރުމުގައި އަބަދުވެސް ސާބިތުކަމާ އެކު އޮންނަ ގައުމެކެވެ.

އިޒްރޭލާއި ހަމާސް ޖަމާއަތާ ދެމެދު މިމަހުގެ ހަތްވަނަ ދުވަހުން ފެށިގެން ބަދަލުކުރަމުންދާ ހަމަލާތަކުގައި ފަލަސްތީނުން ޝަހީދުކޮށްލި މީހުންގެ އަދަދު މިހާރު ވަނީ 5،000 އަށް ވުރެ މައްޗަށް އަރާފަ އެވެ.