ހަބަރު

ޕިރަމިޑް ސްކީމްތަކުގައި ބައިވެރިނުވާތި! އެއީ ޖިނާއީ ކުށެއް: އެމްއެމްއޭ

Dec 2, 2015
1
  • އެއީ މަކަރާއި ހީލަތުން ފުރިފައިވާ ބޮޑު އޮޅުވާލުމެއް
  • އެ ސްކީމްތައް ޕްރޮމޯޓް ކުރުމާއި ފައިސާ އިންވެސްޓް ކުރުން މަނާ
  • ސްކީމް ހިންގަނީ ރަނުގެ ވިޔަފާރި ކުރާ ބައެއްކަމަށް ބުނެ

މާލީ ފައިދާތަކެއް ލިބޭ ގޮތަށް އެކި ނަންނަމުގައި ހިންގާ ޕިރަމިޑް ސްކީމްތައް ރާއްޖޭގައި ވެސް ހިންގުން މި ދުވަސްވަރު ގިނަވެފައި ވާތީ، އެއީ ރާއްޖޭގައި ހެދިފައި ހުރި މާލީ ގާނޫނުތަކާ ހިލާފު ޖިނާއީ ކުށަކަށް ވާތީ، އެފަދަ ސްކީމްތަކުގައި އެއްވެސް ފަރާތަކުން ބައިވެރި ނުވުމަށް، މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ރައްޔިތުންނަށް އިލްތިމާސްކޮށްފި އެވެ.

އެމްއެމްއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރަނުގެ ވިޔަފާރި ކުރާ ފަރާތެއް ކަމަށް ބުނެ، "އޭޔޫ އިންޓަނޭޝަނަލް އެކްސްޓްރީމް" އާއި "ގްލޯބަލް އިންޓަގޯލްޑް"ގެ ނަމުގައި ރާއްޖޭގައި ޕިރަމިޑް ސްކީމްތަކެއް ހިންގަމުން ދާ ކަމަށެވެ. އެމްއެމްއޭ ބުނީ ޕިރަމިޑް ސްކީމްތަކަކީ މަދު ފައިސާކޮޅެއް އިންވެސްޓްކޮށްގެން ވަރަށް ފަސޭހައިން ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް ބުނެ މާކެޓްކޮށްގެން ގިނަ ބަޔެއްގެ އަތުން ފައިސާ ނަގައިގެން ހިންގާ ސްކީމްތަކެއް ކަމަށެވެ.

މިފަދަ ސްކީމްތަކުގެ ހަގީގީ މަގުސަދު އޮޅުވާލުމަށް، ކޮންމެވެސް ކަހަލަ މުދަލެއް ނުވަތަ ހިދުމަތެއް ވިއްކުމަށް ހުށަހަޅައިގެން މީހުން ޝައުގުވެރިކަން ސްކީމަށް ހޯދާކަން ފާހަގަ ކުރަމުން އެމްއެމްއޭ ބުނީ މިފަދަ ސްކީމްތަކުގެ ތެރެއިން ގޮތް ނޭނގޭ އެތައް މާލީ މުއާމަލާތެއް ހިންގާ ކަމަށެވެ. އެމްއެމްއޭ އިން ބުނި ގޮތުގައި މިފަދަ ސްކީމްތަކުން ވަގުތީ ފައިދާއެއް ލިބުނު ނަަމަވެސް، އެފަދަ ސްކީމެއް ރޫޅޭ ހިސާބުން އެތައް ބަޔަކު އިންވެސްޓް ކުރި ފައިސާ ގެއްލިގެން ގޮސް އެތައް މާލީ ގެއްލުންތަކެއް އެތައް ބަޔަކަށް ލިބިގެން ހިނގައިދާނެ އެވެ.

"ދިވެހިރާއްޖޭގައި ޕިރަމިޑް ސްކީމްތައް ހިންގައި ޕްރޮމޯޓް ކުރުމަކީ، ގާނޫނު ނަމްބަރު: 24/2010 ދިވެހިރާއްޖޭގެ ބޭންކިންއާ ބެހޭ ގާނޫނުގެ 61 ވަނަ މާއްދާގެ ދަށުން ޖިނާއީ ކުށްތަކެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަންކަމެވެ. އަދި ޕިރަމިޑް ސޭލްސް ސްކީމެއްގައި ބައިވެރިވުމަށް ފައިސާ ހޭދަ ކުރުމަކީ ގާނޫނު ނަމްބަރު: 9/2014 ދިވެހިއްރާއްޖޭގެ ގާނޫނުލް އުގޫބާތުގެ 319 ވަނަ މާއްދާގެ ދަށުން ކަނޑައެޅިފައިވާ ޖިނާއީ ކުށެކެވެ،" ބަޔާނުގައިވެ އެވެ. "ވީމާ، މިފަދަ ސްކީމްތަކުގައި ބައިވެރިވާ ފަރާތްތަކަށް މާލީގޮތުން ލިބިދާނޭ ގެއްލުންތަކުން ރައްކާތެރިވުމުގެ ގޮތުން މިފަދަ ސްކީމްތަކުގައި ބައިވެރިނުވުމަށް އިލްތިމާސް ކުރަމެވެ."

އެމްއެމްއޭ އިން ބުނީ ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކުގައި ވެސް މިފަދަ ސްކީމްތައް ހިންގުން މަނާކޮށްފައިވާ ކަމަށެވެ. އަދި މިއީ އިގްތިސާދީ ގޮތުން ދެމެހެއްޓެނިވި ފައިދާއެއް ނެގޭނޭ، އަދި ދެމެހެއްޓެނިވި ފައިދާތަކެއް ހޯދިދާނެ ފަދަ ސްކީމްތަކެއް ވެސް ނޫން ކަމަށް އެމްއެމްއޭ އިން ބުންޏެވެ.